މުޅި ގައުމު ލޮކްޑައުން ކުރުމަށް އިންޑިއާގެ މައި އިދިކޮޅު ލީޑަރު ރާހުލް ގާނދީ، އިންޑިއާ ސަރުކާރަށް ގޮވާލައްވައިފިއެވެ.

އިދިކޮޅު ލީޑަރު މިކަމަށް ގޮވާލެއްވީ، އިންޑިއާގައި ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދިއުމާ ގުޅިގެންނެވެ.

ރާހުލް ގާނދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްބަލި ފެތުރުން ހުއްޓުމަށް ގެނައުމަށް މިހާރުއޮތް ހަމައެކަނި ގޮތަކީ މުޅި ގައުމު ލޮކްޑައުން ކުރުން ކަމަށެވެ.

ރާހުލް ގާނދީގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ނާގާބިލްކަމުގެ ނަތީޖާއެއްގެގޮތުން ކުށެއްނެތް އާންމު އެތައް ބަޔަކު މަރުވަމުންދާ ކަމަށެވެ.

ބަލީގެ ހާލަތު ގޯސްވި ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުންދަނީ، ނޭޝަނަލް ލޮކްޑައުންއަކަށް ދިއުމަށް ފަސްޖެހެމުންނެވެ. ސަބަބެއް ކަމަށްވަނީ، އެކަމުން އިގްތިސާދަށް ލިބޭނޭ ގެއްލުމެވެ.

އެހެން ނަމަވެސް، އިންޑިއާގެ އެތައް ސްޓޭޓަކުން މިހާރުވަނީ، ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅާފައެވެ. ބައެއް ސްޓޭޓްތަކުގައި ކާފިއު ހިންގާފައިވާއިރު، ބައެއް ސްޓޭޓްތައް ވަނީ ލޮކްޑައުންކޮށްފައެވެ.

އިންޑިއާގައި ކޮވިޑްބަލި ހަލުވިކަމާއެކު ފެތުރެމުންދަނީ އެގައުމުން ފެނިފައިވާ ކޮވިޑް ވައިރަހުގެ ނުރައްކާތެރި ވޭރިއެންޓުގެ ސަބަބުންނެވެ.

ބަލިމީހުން ގިނަވެ، ހޮސްޕިޓަލްތަކުގެ އެނދުތައް ފުރި، މެޑިކަލް އޮކްސިޖަން ހުސްވެ، ސިއްހީ ޚިދުމަތް ދިނުމުގެ މުޅި ނިޒާމު މިހާރުއޮތީ ވާގިނެތޭ ހިސާބަށް ގޮސްފައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލްތަކުން މިހާރުވަނީ އޮކްސިޖަން ހޯދަން ކޮންމެ ދުވަހަކު ކޯޓަށް ދިއުން އާންމު ކަމަކަށް ހަދާފައެވެ. ނިއުދިއްލީ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗަކުން ކޮންމެ ދުވަހަކު ގެންދަނީ ހޮސްޕިޓަލްތަކުން ހުށަހަޅާ އެތައް މައްސަލައެއް އޮންލައިންކޮށް ބަލައި، ސަރުކާރާއި އަދި އެހެން އިދާރާތަކުގެ މައްޗަށް އަމުރުތައް ނެރެމުންނެވެ.

ކޯޓުގެ އަމުރުގެ ސަބަބުންވެސް އެތައް ފުރާނައެއް ސަލާމަތް ކުރެވެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު މިއަދުވަނީ 20 މިލިއަނަށް އަރައިގެން ގޮސްފައެވެ. އިންޑިއާ ވެގެންމިދިޔައީ، ބަލިޖެހުނު މީހުންގެ އަދަދު ވިހި މިލިއަނަށް އަރައިގެންދިޔަ ދެވަނަ ގައުމަށެވެ. ފުރަތަމަ ގައުމަކީ އެމެރިކާއެވެ.

އިންޑިއާއިން ފުރަތަމަ ބަލި ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރަން 10 މަހަށްވުރެ ގިނަދުވަސް ނެގިއިރު، އިތުރު 10 މިލިއަނަށް އަދަދު އަރަން ނަގާފައިވަނީ އެންމެ 4 މަސްދުވަހެވެ.

މިއަދު އެކަނިވެސް އިންޑިއާއިން 357،229 މީހުން އަލަށް ޕޮޒިޓިވް ވެފައިވާއިރު، 3،449 މީހުން ބަލީގައި މަރުވެފައިވާ ކަމަށް، އިންޑިއާގެ މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

މެޑިކަލް އެކްސްޕާޓުން ބުނަނީ، ރިޕޯޓްކުރާ އަދަދަށްވުރެ، އިންޑިއާގައި އަސްލު އަދަދުތައް އުޅެނީ 5 ނުވަތަ 10 ގުނަ މަތީގައިކަމަށެވެ.