އިންޑިއާގެ ޒުލަކުން 8 ސިންގާ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އިންޑިއާ ސަރުކާރުން މިއަދުގެ ވަގުތެއްގައެވެ.

އިންޑިއާގެ ދެކުނުގެ ހައިދަރްއާބާދު ސްޓޭޓްގައި ހުންނަ ނެހްރޫ ޒޫލޮޖިކަލް ޕާކްގެ ސިންގާތަކަށް ނޭވާލާން އުނދަގޫވުމުގެ އަލާމާތްތަކެއް ފެނިގެން،އެ ސިންގާތަކުގެ ސާމްޕަލްތައް ޒޫ ހިންގާ ފަރާތުން ސަރުކާރުގެ ރިސާޗް ލެބޯޓަރީއަށް ފޮނުވީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.

ސާމްޕަލްތަކުގެ ޓެސްޓް ނަތީޖާ ދެއްކިގޮތުން، ސިންގާތަކަށް ކޮވިޑް ޖެހިފައިވާކަން، ސެންޓަރ ފޮރް ސެލިއުލަރ އެންޑް މޮލިކިއުލަރ ބަޔޮލޮޖީން ޒޫ ހިންގާ ފަރާތަށް އަންގާފައިވާ އޭޕްރީލްމަހުގެ 29 ވަނަ ދުވަހުއެވެ.

މިކަމާ ގުޅޭގޮތުން، އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް އެންވައިރަންމަންޓް، ފޮރެސް އެންޑް ކްލައިމެޓް ޗޭންޖްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެހެން ހިސާބުތަކުގައި ޖަނަވާރުން ކޮވިޑަށް ޕޮޒިޓިވްވެ ކުރެވިފައިވާ ތަޖުރިބާއަށް ބަލާއިރު، ސިންގާތަކުގެ ކިބައިން ކޮވިޑްބަލި އިންސާނުންނަށް ޖެހިދާނެކަމުގެ ހެއްކެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް، ސިންގާތައް ޕޮޒިޓިވްވުމާ ގުޅިގެން ނެހްރޫ ޒޫލޮޖިކަލް ޕާކް މިހާރުވަނީ ބަންދުކޮށްފައެވެ. އަދި ސިންގާތަކުގެ ހާލު ރަނގަޅު ކަމަށްވެސް ބުނެފައި ވެއެވެ.

ނެހްރޫ ޒޫލޮޖިކަލް ޕާކަކީ 380 އޭކަރުގެ ބިމެއްގައި ގާއިމްކޮށްފައިވާ، އެތައް ބާވަތެއްގެ ޖަނަވާރު ގެންގުޅޭ ޒުލެކެވެ.

ނެހްރޫ ޒޫލޮޖިކަލް ޕާކް އޮންނަނީ، މީހުން ބައިބޯ ސަރަހައްދުތަކާ ގާތުގައި ކަމަށްވެފައި، ސިންގާތަކަށް ކޮވިޑްޖެހުނީ ޒުލުގައި މަސައްކަތްކުރާ މީހުންގެ ފަރާތުން ނުވަތަ ސިންގާތައް ބަލަހައްޓާ މީހުންގެ ފަރާތުންކަމަށް ކަމާބެހޭ ފަރާތްތަކުންވަނީ ލަފާކޮށްފައެވެ.

ސިންގާތަކެއް ކޮވިޑަށް ޕޮޒިޓިވްވި ޚަބަރު ލިބުނުއިރު، އިންޑިއާއިން ކޮންމެދުވަހަކު ކޮވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ތިންލައްކައިން މަތީގައި އުޅޭތާ 13 ދުވަސްވަނީ ފާއިތުވެގެން ގޮސްފައެވެ.

އިންޑިއާއިން ބަލިޖެހުނު މީހުންގެ އަދަދު މިއަދު 20 މިލިއަނަށް އަރައިގެން ދިޔައިރު، ކޮންމެ ދުވަހަކު މަރުވާ މީހުންގެ އަދަދުވެސް މިހާރު އުޅެނީ ތިންހާހުން މަތީގައެވެ.

އިންސާނުން ފިޔަވައި، އެތައް ބާވަތެއްގެ ޖަނަވާރުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން މިދިޔަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެތައް ގައުމަކުން ރިޕޯޓްކޮށްފައި ވެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި އެމެރިކާގެ ޒުލަކުންވެސް ސިންގާތަކެއް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައިވާއިރު، ހޮންގްކޮންގުން ކުއްތާތަކާއި ބުޅާވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.