• އެކްޓިވް ކޭސްގެ އަދަދު 6،508 އަށް މައްޗަށް، ހޮސްޕިޓަލްތަކުގަ 181 މީހުން
  • މިހާތަނަށް ވެކްސިންޖެހި މީހުންގެ އަދަދު 298،396 އަށް
  • މިހާތަނަށް ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު 114،240 އަށް

ރާއްޖެއިން އިތުރު 601 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،552 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 601 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 440 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 141 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 19 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. އެކަކު ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށަކަށެވެ.

އަލަށް ޕޮޒިޓިވްވި 601 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 31،931 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 126 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 25،340 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 6،508 ގައެވެ. މީގެތެރެއިން 181 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑް ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން އިއްޔެ 757 މީހަކަށް ފުރަތަމަ ޑޯޒް އަދި 5،746 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދީފައިވެއެވެ.

މިއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިންޖެހި މީހުންގެ އަދަދުވަނީ 298،396 އަށް އަރާފައެވެ. ދެވަނަ ޑޯޒްޖެހި މީހުންގެ އަދަދުވަނީ 114،240 އަށް އަރާފައެވެ.