ޗެމްޕިއަންސް ލީގުގެ ދިގު ތާރީހުގައިވެސް މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ޕްރިމިއާ ލީގުގެ ގަދަބާރު، މެންޗަސްޓާ ސިޓީން ހޯދައިފިއެވެ.

މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސިޓީން ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ސެމީ ފައިނަލުގެ ދެ ލެގުގައިވެސް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް ކުރިހޯދައިގެންނެވެ. ސެމީގެ ފުރަތަމަ ލެގުގައި ސިޓީ މޮޅުވީ 1-2 ގެ ނަތީޖާ އަކުންނެވެ.

ސިޓީގެ ފަރާތުން ދެވަނަ ލެގުގައިވެސް ތަފާތު މޮޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި އެޓީމަށް ދެ ލަނޑުވެސް ޖަހައިދިން ރިޔާދް މަހްރޭޒް އެވެ. ފުރަތަމަ ލަނޑު މަހްރޭޒް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ.

ސެމީގެ ފުރަތަމަ ލެގުގައިވެސް ސިޓީ މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަހްރޭޒް އެވެ. ދެވަނަ ލެގުގައި ސިޓީގެ ދެވަނަ ލަނޑު މަހްރޭޒް ކާމިޔާބުކޮށްދިނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއި މިހާ ގާތަށް ސިޓީން ޖެހިލިއިރު އެޓީމަށް މި ސީޒަނުގެ ޕްރިމިއަރ ލީގު ކާމިޔާބުކުރުމަށްވެސް ދެން ބޭނުންވަނީ އެންމެ މެޗެކެވެ. އެހެންކަމުން ޕްރިމިއަރ ލީގުގައިވެސް އަދި ޗެމްޕިއަންސް ލީގުގައިވެސް ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީއަށް ކުރިއަށް އޮތް މެޗުތަކަކީ މުހިންމު ދެ މެޗެވެ.

ޕްރެޝަރުގައި ކުޅެމުންދިޔަ ޕީއެސްޖީން މެޗު ނިންމާލީ އެއްކުޅުންތެެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 69 ވަނަ މިނެޓުގައި ތަޖުރިބާކާރު ވިންގާ، ޑި މަރިޔާ އަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކުމުންނެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގެ ފައިނަލުގައި ސިޓީ ވާދަކުރަންޖެހޭނީ ސެމީގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެރޭ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ސްޕެއިންގެ ރެއާލް މެޑްރިޑާއި ޕްރިމިއަރ ލީގުގެ ޗެލްސީގެ ކުރިމަތިލުމުން ކުރިހޯދާ ޓީމަކާއި ދެކޮޅަށެވެ.

ރެއާލް އާއި ޗެލްސީ ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ތުރުކީގެ އިސްތާންބުލް ގައެވެ.