މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތަށް ކުޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ އެޗްއީއޯސީން އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މަބްރޫކް ވިދާޅުވީ އެޗްޕީއޭ އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށްފަހު ހާއްސަ ގައިޑްލައިންތަކެއްގެ ތެރެއިން މި މުބާރާތުގެ މެޗުތަށް ރާއްޖޭގައި ބޭއްވުމަށް ހާއްސަ ހުއްދައެއް ދީފައިވާނެ ކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު ހޯމަ ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވަނީ ހޯމަ ދުވަހު ޔޫތް މިނިސްޓްރީގެ ފަރާތުން މުބާރާތް ބޭއްވޭނެ ގޮތަކާއިމެދު މަޝްވަރާކުރުމަށް އެޗްޕީއޭއަށް ރިކުއެސްޓް ކޮށްފައިވާ ކަމަށާއި މަޝްވަރާ ކުރުމަށްފަހުގައި ނިންމުމެއް ނިންމަވާނެ ކަމަށެވެ.

ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ ޓީމުތަކަށް އަމިއްލަ ގައުމުގައި އިދިކޮޅު ޓީމުތަކާއި ވާދަކުރުމުގެ ރަނުގެ ފުރުސަތު ކަމާބެހޭ އިދާރާތަކުން ހާއްސަ ހުއްދައަކާއިއެކު ތަނަވަސްކޮށްދެއްވި އިރު އޭއެފްސީން ވަނީ އެ އިދާރާއިން ބާއްވާ މުބާރާތްތަކަށް ހަރުކަށި ގައިޑްލައިންތަކެއް ހަދާފައެވެ. އެގޮތުން އެ ގައިޑްލައިންތަކަށް އޭއެފްސީ ކަޕުގައިވެސް އަމަލުކުރާނެއެވެ. އެ ގައިޑްލައިންތަކުގައިވާ ބައެއް ކަންކަމަށް ބަލާއިރު، ޓީމުތަކުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކަށް ފަހުގައެވެ. އަދި މުބާރާތް ބާއްވާ ގައުމެއްގައި ޓީމުތައް ތިބެން ޖެހޭނީ ހާއްސަ ކުރެވިފައިވާ ވަކި ތަނެއްގައެވެ. އަދި ޓީމުތަކަށް ހަމައެކަނި ނުކުމެވޭނީ ފަރިތަކުރުމަށާއި، މެޗު ކުޅުމަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ރޭންޑަމް ސާމްޕަލް ނެގުން ފަދަ ކަންކަމާއި، ކޮންމެ ދުވަހަކު އެއް ފަހަރު ހޫނުމިން ޗެކުކުރުން ފަދަ ކަންކަން ގަވާއިދުން ކުރަން ޖެހެއެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި މަހު 11 ވަނަ ދުވަހު މާލޭގައި ތާވަލުކޮށްފައިވާއިރު، މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މިހާރު އޮތް ގޮތުންނަމަ އޭއެފްސީ ކަޕުގެ މެޗުތަކަށް އިންޑިއާގެ ބެންގަލޫރުގެ އިތުރުން އެ ގައުމުގެ މޯހަން ބަގާން ރާއްޖެ އަންނާނެއެވެ. އަދި ގްރޫޕް ސްޓޭޖު މެޗުތަކަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްވެސް ރާއްޖެ އަންނާނެއެވެ.

ފަހަކަށް އައިސް ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި އަވައްޓެރި އިންޑިއާއިން އަންނަ މީހުން 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.