ސިއްހީ މާހިރުން ދެމުންގެންދާ އިރުޝާދުތަކަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް އިތުރުވަމުންދާތީ ނައިބުރައީސް ކުރެއްވި ޓުވީޓެއްގައި ވަނީ، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އިންތިހާއަށް މައްޗަށްދާ މި ދަނޑިވަޅުގައި އެންމެހާ ރައްޔިތުން ބަލިން ރައްކާތެރިވުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި އެންމެންގެ ރައްކަލަށްޓަކައި ސިއްހީ މާހިރުންގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުކޮށް، ފަރުދީ ޒިންމާ އަދާ ކުރުމަށްވެސް ގޮވާލައްވާފައިވެއެވެ.

ރާއްޖޭގައި ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވާތާ މިއީ 4 ވަނަ ދުވަހެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން 601 މީހަކު ވަނީ ކޮވިިޑަށް ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 440 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 141 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 19 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. އެކަކު ނިސްބަތްވަނީ ސިނާއީ މަސައްކަތްކުރާ ރަށަކަށެވެ.

އަލަށް ޕޮޒިޓިވްވި 601 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 31،931 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 6،508 ގައެވެ. މީގެތެރެއިން 181 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.