ކޮވިޑް-19 ބަލީގައި ސީރިއަސްވާ މީހުންގެ އަަދަދު އިތުރުވެ، ދަރުމަތަންވަ ހޮސްޕިޓަލްގެ ކޮވިޑް ބަލިމީހުންނަށް ފަރުވާދިނުމަށް ހާއްސަކޮށްފައިވާ އައިސީޔޫ ފުރިފައިވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު، އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަލީގައި ހާލު ސީރިއަސްވެގެން ޖުމްލަ 200 މީހުން މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ އޭގެތެރެއިން 6 މީހަކު މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގެ ވެންޓިލޭޓަރުގައިކަމަށެވެ. އަދި ދަރުމަތަންތަ ހޮސްޕިޓަލުގެ އައިސީޔޫ މިވަގުތުވަނީ ގާތްގަނޑަކަށް ލުފްވެފައިކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިއަދު އެންމެ ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ބައްޔަށް ބޭސް ކުރުމަށް މިހިރަ މެޑިކަލް ފެސިލިޓީތަކުގައި ހުރި އަދަދުތައް. ޖުމްލަ 200 މީހުން މިވަގުތު ހޮސްޕިޓަލައިޒް ކުރެވިފައި ވޭ. އޭގެތެރެއިން ހަ މީހަކު މިވަގުތު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ ގާތްގަނޑަކަށް މިހާރު މިއޮތީ ފުލްވެފައި. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ފާހަގަކޮށްލަން ބޭނުންވާ ކަމެއް."
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ޑީއެޗް 11 ގެ އައިސީޔޫގައި 8 މީހަކަށް ފަރުވާދެމުުންދާއިރު، އޭގެތެރޭގައި މާބަނޑު މީހެެއްވެސް ހިމެނޭކަމަށެވެ. އޭނައަކީ މާބަނޑު މީހަކަށް ކޮވިޑް ޖެހި ހާލު ސީރިއަސްވި ފުރަތަމަ މީހާކަން ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ.

ޑޮކްޓަރު ވިދާޅުވީ މާބަނޑު މީހުންނަކީ މީގެ ކުރީން ކޮވިޑްގެ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ނޫން ނަމަވެސް މި ކޭސްއާއެކު އެކަން ބަދަލުވެފައިވާކަމަށެވެ.

ފާއިތުވި 2 ހަފްތާ އިން ފެށިގެން، ކޮވިޑް ޖެހިގެން އެޑްމިޓްކުރާ މީހުންގެ އަދަަދު 3 ގުނަ އިތުރުވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ބުނެފައެވެ.

ނަމްބަރުތައް މަތިވެގެންދާނަމަ، ރާއްޖޭގައިވެސް އެހެން ގައުމުތަކެކޭ އެއްފަދައިން އައު ވޭރިއަންޓެއް އުފެދުމަކީވެސް ވަރަށް ގާތްކަމެއްކަމަށް ސިއްހީ މާހިރުން ގެންދަނީ ބުނަމުންނެވެ.