ދުނިޔޭގެ 7 އަޖައިބުން އެއް އަޖައިބަކީ މިޞްރުގައިހުރި އަޖައިބުކުރުވަނިވި ރީތި ޕިރަމިޑްތަކެވެ.
މިޞްރުގެ މަޝްހޫރު ޕިރަމިޑްތަކުގެ ވާހަކަ އަޑުނާހާ މީހަކު ނުއުޅޭނެޔޭވެސް ބުނެވިދާނެއެވެ. މި ޕިރަމިޑްތަކަކީ ކުރީޒަމާނުގައި ދުނިޔޭގައި ދިރިއުޅެމުން ގެންދިޔަ މިޞްރުގެ ކާބަފައިންގެ ހަޔާތުގެ ވައްޓަފާލިއާއި މިޒާޖާއި، އުފެއްދުންތެރިކަން ހާމަކޮށްދޭ ތަރިއެކެވެ.
އަދި ދުނިޔޭގެ ކުރީގައި ދިރިއުޅުނު މީހުންގެ މައުލޫމާތުތަށް ހިމެނޭ އެކި ތާރީހީ ސިއްރުތަށް ހޯދުމުގައި މުޅި ދުނިޔޭގެ މޮޅެތި އާކިއޮލޮޖިސްޓުން މިއަދާ ހަމައަށްވެސް ހަރަކާތްތެރިވަމުންދެއެވެ.
ޕިރަމިޑަށް ރިސާޗްކޮށްގެން ސައިންޓިސްޓުންނާއި، އާކިއޮލޮގިސްޓުން ހޯދާ ކޮންމެ އެއްޗަކީވެސް އެތަކެއް މައުލޫމާތުތަކެއް ލިއްބައިދޭ ވަސީލަތެކެވެ. ޕިރަމިޑްތަކުގެ ޒަރިއްޔާއިން މިޞްރުގައި އޭރު ދިރިއުޅުނު މީހުން ކުރެހުންތެރިކަމާއި، ހިސާބާއި، ދަނޑުވެރިކަމާއި، އެންޖިނިއަރިންނާއި، ލިޔުމުގައި ބޭނުންކުރި ބަހުގައި ގެންގުޅުނު އުކުޅުތަކުގެ ޒަރިއްޔާއިންވެސް އެތަކެއް މައުލޫމާތުތަކެއް ހޯދައިދީފައިވެއެވެ.
ނަމަވެސް ޕިރަމިޑްގެ ބައެއް ހޯދުންތަކަކީ ސައިންޓިސްޓުންނާއި އާކިއޮލޮޖިސްޓުންވެސް ސިއްސުވާލި ހޯދުންތަކެކެވެ.
މިގޮތުން މިޞްރުގެ ޕިރަމިޑް އޮފް ގީޒާއަކީ ފާހަގަކޮށްލެވޭ ޕިރަމިޑެކެވެ. 3 ރަސްކަމެއްގައި މި ޕިރަމިޑްތަށް ހެދި ނަމަވެސް މި ޕިރަމިޑްތައް ހަދާފައިވަނީ ކިހިނެއް ކަމާއިމެދު އަދިވެސް އާކިއޮލޮޖިސްޓުންގެ މެދުގައި ދެބަސްވުން އޮވެއެވެ. މިމަސައްކަތްކުރުމަށް 1 ލައްކައަށްވުރެއް ގިނަ މަސައްކަތްތެރީން ހިމެނޭއިރު، ޕިރަމިޑެއް ބިނާކުރުމަށް އެކަނިވެސް 30 އަށް ވުރެއް ގިނަ އަހަރު ހޭދަކޮށްފައިވެއެވެ.
ބައެއް ހޯދުންތަކުން ބުނާގޮތުގައި އެ ޕިރަމިޑަކީ މީގެކުރިިން ހުދުކުލައިގައި ހުރި އެއްޗިސްތަކެވެ. އަދި ގަދަ ހުދުކުލައިގެ ސަބަބުން ޖައްވުގެ މަތިންވެސް ޕިރަމިޑްތައް ފެންނަކަމަށް ސައިންޓިސްޓުން ލަފާކޮށްފައިވެއެވެ.
މިޞްރަށް ދަތުރުކޮށް ޕިރަމިޑްތައް ފެނުނު ކޮންމެ މީހަކުވެސް ބުނާނީ ޕިރަމިޑްތަކުގައި ހިމެނެނީ 4 ފަރާތް ކަމަށެވެ. ނަމަވެސް އިރުގެ އަލިކަން ވަކިގޮތަކަށް ފާޅުވާ ވަގުތުތަކުގައި ޕިރަމިޑްތަކުން ވަނީ އިތުރު ފަރާތްތަކެއް ފެނިފައެވެ. އަދި އަލިކަން ގެއްލިފައިވާ ވަގުތުތަކުގައި އަޖައިބުކުރުވަނިވި ގޮތަކަށް މި ފަރާތްތަށް ގެއްލިގެން ދެއެވެ. މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު އެއަރ ޕައިލެޓެއްގެ އޭރިއަލް ވިއުއިންނެވެ. އަދި މިމަންޒަރު ފެނުމާއިއެކު އޭނާވަނީ އޭނާއަށް ފެނުނު މަންޒަރުގެ ފޮޓޮއެއް ހާމަކޮށް ހިއްސާކޮށްފައެވެ.
މިޞްރުގެ މީހުން މިކަން މިހެން ކޮށްފައިވަނީ ކީއްވެކަމާއިމެދު އަދިވެސް އެއްވެސް އާކިއޮލޮޖިސްޓަކަށް ނުވަތަ ސައިންޓިސްޓަކަށް މައުލޫމާތުލިބިފައެއް ނުވެއެވެ.
ގިނަ މީހުން ބުނާގޮތުގައި މިޞްރުގެ ޕިރަމިޑްތައް ބިނާ ކޮށްފައިވަނީ އޭރު މިޞްރުގައި ދިރިއުޅުނު އަޅުން ލައްވައެވެ. ނަމަވެސް މިއީ މުޅިއަކުން ހަޤީޤަތެއް ނޫންކަން ވަނީ ސާބިތުވެފައެވެ. ސަބަބަކީ ޕިރަމިޑް ބިނާކުރުމަށް ބޭނުންވާ ހިސާބު ހެދުމަކީ އާދައިގެ ކަމަކަށް ނުވެފައި އެކަމަކީ އެކަމުގެ މާހިރުންނަށް ނޫނީ ނުވާނެކަމަކަށްވުމެވެ.
ހަމައެހެންމެ ޕިރަމިޑްގެ ވަށަމިން އިންނަނީވެސް ދުނިޔޭގެ ނޯތާން ހެމިސްފެއަރ އިންނަ ސައިޒާއި އެއްވަރަށް ކަމަކީ ގިނަ ސައިންޓިސްޓުން އާށޯހުކޮށްލިކަމެކެވެ.
ޕިރަމިޑްގެ ކޮންމެ ކިއުޕިޑެއްގެ ސައިޒު ނަގައި ހޯދައިފިނަމަ އެއް ކިއުޕިޑުގައި ހިމެނެނީ 1.86 ފޫޓެވެ. މުޅިއަކު މިކިއުޕިޑްތަކުގެ މިނަކީ 365 ކިއުޕިޑަށް ވާއިރު، އެއީ މީލާދީ އަހަރެއްގައި ހިމެނޭ ދުވަސްތަކުގެ އަދަދެވެ. އަދި ޕިރަމިޑް ހުރިތަން ލެޓިޓިއުޑުން ބަލައިފިނަމަ އަންނަ އަދަދަކީ ސިކުންތެއްގެ ތެރޭގައި މީޓަރެއްގެ ދުރުމިނަށް އަލިކަން ދަތުރުކުރާ އަދަދެވެ.
މީގެއިތުރުން މި ޕިރަމިޑުން ބޮޑެތި އަދަދުގެ އިލެކްޓްރޯ މެގްނެޓިކް އެނާޖީ ބޭރުކުރާކަންވެސް ސައިންޓިސްޓުންނަށް ފާހަގަވެފައިވެއެވެ. މިއީ ކިހިނެއް ވާކަމެއް ކަމެއް ނުވަތަ މިކަމުގެ ސިއްރަކީ ކޮބައިކަމާއިމެދު ސައިންޓިސަޓުން ދަނީ ރިސާރޗްހަދަމުންނެވެ.
މިޞްރަކީ އެތަނެއްގައި ބަލާލަން ރީތި އާށޯހުކުރުވަނިވި އެތަށް ތަނެއް ހުންނަ ތަނެއްކަން އެއީ ޝައްކެއް ނެތް ކަމެކެވެ. ނަމަވެސް މިހުރިހާ ތަނެއްގެ ފަހަތުގައިވެސް އޭރު މިޞްރުގައި އުޅުނު މީހުންނާއި، ރަސްރަސްކަލުންނާއި، އެމީހުންގެ ދިރިއުޅުމުގެ އެތަކެއް ސިއްރުތަކެއް އެކުލެވިގެން ވެއެވެ.
ޒަމާނީ ހޯދުންތަކާއި ޓެކްނޮލޮޖީގެ އެހީގައި މިކަންކަން ހޯދަމުން ގެންދާއިރު، ކޮންމެ ހޯދުމަކީވެސް ހައިރާންކުރުވާ އެތަށް ސުވާލުތަކަކަށް ހުޅުވޭ ދޮރެކެވެ. އަދި ކޮންމެ ހޯދުމަކީވެސް އެތައް ސުވާލަކަށް ޖަވާބުދޭ ހޯދުމެކެވެ.