ރައީސް ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ ހުންނަ ނީލޯފަރުމަގުގެ މަޖީދީ މަގާވީ ކޮޅުގައި ބުރާސްފަތި ދުވަހުގެރޭ ބާރުގަދަ އެއްޗެއް ގޮއްވާލި ހާދިސާ އެންމެ ގާތުން ތަޖުރިބާ ކުރެއްވި އެއް ބޭފުޅަކަށް ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، މަޝްހޫރު ތާރީޚީ އިލްމުވެރިޔާ މުހަންމަދު ޝާތިރު ވެވަޑައި ގަންނަވާނެއެވެ.

ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ކަމަށް ބެލެވޭ މި ހަމަލާގައި މުހަންމަދު ޝާތިރުއަށްވެސް ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ.

ވީޓީން ކުރިއަށްގެންދިޔަ ލައިވް ކަވަރޭޖްގައި ޝާތިރުވަނީ، އޭނާއަށް އެވަގުތު އެ ހިސާބުގައި ހުންނެވުނު ގޮތާއި، އަދި އެކަމުގެ ތެރޭގައި ކުރެވުނު ތަޖުރިބާ ފޯނުން ހިއްސާ ކުރައްވާފައެވެ.

ޝާތިރު ވިދާޅުވީ، އޭނާ އެވަގުތު ސައިކަލެއްގައި ރަށްޓެއްސެއްގެ ފަހަތުގައި އިންނަވައިގެން ވަޑައިގެންނެވީ، 9 ޖަހާއިރު ކާފިއު ހިންގަތީ ގެއަށް ވަޑައިގަތުމަށެވެ.

"9 ޖކަހާއިރު ކާފިއު ހިންގާތީ، ގެއާ ދިމާއަށް އަޅުގަނޑު އައީ. ރަށްޓެއްސެއްގެ ސައިކަލުގެ ފަހަތުގައި އަޅުގަނޑު އިނީ. ސައިކަލުގައި އައިސް އެހިސާބާ އަރާ ހަމަވިތަނުން އަޅުގަނޑަށް ފެނުނީ ރައީސް ނަޝީދު ވަޑައިގަންނަވާ މަންޒަރު. ހިންގަވާފަ ވަޑައިގެންނެވީ. ފެނުނީމާ އަޅުގަނޑުމެންވެސް މަޑުކޮށްލީ، ތަބީއީ ކަމެއްތާ. އެހެންމީހުންވެސް ތިބި"
ޝާތިރު

ޝާތިރު ވިދާޅުވީ، އޭނާއާއި އޭނާގެ ރަހްމަތްތެރިޔާ އެގޮތަށް މަޑުކޮށްލައްވައިގެން ތިއްބަވަނިކޮށް ބާރުގަދަ ގޮވުމެއް ގޮވި އަޑުފަށްގަނޑު އިވިގެންދިޔަ ކަމަށެވެ.

"އަޑުފަށްގަނޑާ އެކީގައި އަޅުގަނޑު އިނީ ސައިކަލުގެ ފަހަތުގައި، އަޅުގަނޑު ކައިރީގައިވެސް ތިބި މީހުން. އަޅުގަނޑަށް ފާހަގަ ކުރެވުނީ އަޅުގަނޑުގެ ގަމީހުގަ، ބޯ ގަމީހެއް އަޅުގަނޑު ލައިގެން އިނީ. ފޫއަޅުވާލާފަ ހުރީ ގަމީސް އިރައިގެން ގޮސްފަ"
ޝާތިރު

ޝާތިރު ވިދާޅުވީ، އެއްޗެއް ގޮވި ސަރަހައްދު އޭނާއަށް ފެނިވަޑައިގެންނެވީ ދުންގަނޑެއްގެ ގޮތުގައި، ނުރައްކާތެރި ގޮތަކަށް ކަމަށެވެ.

އެވަގުތު ރައީސް ނަޝީދަށް ބޮޑީގާޑުން އެހީތެރިވި މަންޒަރު ފެނިވަޑައިގެންނެވި ކަމަށާއި، ބޮޑިގާޑުންނަށްވެސް އަނިޔާތަކެއް ލިބުނު ކަމަށް މަންޒަރުން ދޭހަވި ކަމަށް ޝާތިރު ވިދާޅުވިއެވެ.

އޭރު ކޮންމެވެސް ވަރަކަށް ބަނޑަށް ތަދުވާތީ ފޮޓޯއެއް، ވީޑިއޯއެއްވެސް ނަގަން ނޫޅުއްވައި އަވަހަށް ބެއްލެވީ އެހިސާބުން ދުރަށް ވަޑައިގަތުމަށް ކަމަށް ޝާތިރު ވިދާޅުވިއެވެ.

"އަޅުގަނޑަށް އޭރު ތަދުވޭ. އެކަމަކު އެއީ، ކިހާވަރެއްގެ ޒަހަމެއްކަމެއް އޭރު އަޅުގަނޑަށް ނޭނގޭ. ދެން ފަހުން ގަމީހުން ހަލާކުވެފަ ހުރިތަން ބަލަލީމާ އެނގުނީ ހަމަ ބަނޑު ޒަޚަމްވެފަ ހުރިކަން"
ޝާތިރު

ޝާތިރުގެ ބަނޑު ޒަޚަމްވެފައި:

އެއްޗެއް ގޮވި އަޑުފަށްގަނޑު ޝާތިރު ސިފަކުރެއްވީ، ކުޑައިރު ފަޓާސް ޖަހާއިރު އިވޭ ކަހަލަ އަޑުފަށްގަނޑެއްގެ ގޮތުގައެވެ. އެންމެ ބާރުގަދަ ފަޓާސް ބަރިއެއް ފުލުފުލުން ގޮވާ އިހްސާސް ކަމަށެވެ.

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި ގޮއްވާލާފައިވަނީ ކޯޗެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. އެކަމުގެ ތަހްގީގު މިހާރުވަނީ ފަށާފައެވެ.

މިހާދިސާ ހިނގީ، ރައީސް ނަޝީދު ގެކޮޅުން ނުކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަތް ވަގުތާ ދިމާކޮށްކަމުން، މި ހަމަލާގައި ރައީސް ނަޝީދަށް އެކިވަރުގެ އަނިޔާތައް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ގެންދަނީ ފަރުވާ ދެމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން ރައީސް ނަޝީދަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންދާއިރު، އޭޑީކޭއިން އެންމެފަހުން ބުނެފައިވަނީ، ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ހަދަންޖެހޭ ކަމަށެވެ.