ޣާޒީ ސްކޫލުގެ އެއްވެސް ދަރިވަރަކަށް އަދި އިންވިޖިލޭޓަރަކަށް ދިވެހި ކަރުދާސް 1 ގެ ސުވާލުތައް ފެނިފައި ނުވާކަން އެޑިއުކޭޝަން މިނިސްޓްރީން ކަށަވަރުކޮށްދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަން ކަށަވަރުކޮށްދީފައިމިވަނީ މާދަމައަށް ތާވަލުކޮށްފައިވާ ދިވެހި ކަރުދާސް 1 ޣާޒީ ސްކޫލުގެ ބައެއް ދަރިވަރުންނަށް ފެނުނުކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްދާ ބައިނަލްއަގްވާމީ އަދި ގައުމީ އިމްތިހާނުތައް އިންތިޒާމުކުރެވިފައިވާ ގޮތުން ސުވާލު ކަރުދާސް ދަރިވަރުންގެ މޭޒުމަތީގައި ބޭއްވުމަށް ފަހު ދަރިވަރުން ސުވާލުކަރުދާސް ކިޔާނީ އެއީ ރަނގަޅު ކަރުދާސްތޯ ބޭރުގަނޑު ބަލައި ޗެކްކުރުމަށްފަހު އިމްތިހާނު ހޯލު ހިންގުމާ ހަވާލުވެ ހުންނަވާ ޗީފް އިންވިޖިލޭޓަރު އެކަމަށް އިރުޝާދު ދެއްވުމުން ކަމަށެވެ.

3 މެއި 2021 ގައި އޮތް އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް 1 އިންވިޖިލޭޓަރަށް އޮޅިގެން 2 ކުއްޖެއްގެ މޭޒުމަތީގައި ބޭއްވުނު ކަމުގައި ވިޔަސް ދަރިވަރުން ސުވާލުކަރުދާސް ކިޔުމުގެ ކުރިން އެކަން ފާހަގަކުރެވި އެ ކަރުދާސްތައް އަތުލައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އިރުޝާދުގެ ދަށުން އެ ސުވާލުކަރުދާސްތައް ބަންދުކުރެވި ރައްކާތެރި ކޮޓަރީގައި ރައްކާކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

އަދި އެދުވަހު ކަންހިގައިދިޔަގޮތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ބެލި ބެލުމުން އެއްވެސް ދަރިވަރަކަށް އަދި އިންވިޖިލޭޓަރަކަަށްވެސް ދިވެހި ކަރުދާސް 1 ގެ ސުވާލުތައް ފެނިފައިނުވާކަން ކަށަވަރުކުރެވޭތީ މިހާރުވެސް ތާވަލްކުރެވިފައިވާ ގޮތަށް ދިވެހި ކަރުދާސް 1 މާދަމާ އޮންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ އެޑެކްސެލް އިންޓަރނޭޝަނަލް އޭ ލެވެލް އިމްތިހާނުގެ ސުވާލު ކަރުދާސްތައް ލީކުވުމާއި ގުޅިގެން އޭލެވެލް އިމްތިހާން ކުރިއަށް ނުގެންދަން މިހާރު ނިންމާފައެވެ.

ޕޭޕަރުތައް ލީކްވުމުން އިމްތިހާނުގެ ކްރެޑިބިލިޓީ އޮތީ ގެއްލިފައިކަން ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވަނީ ރާއްޖޭގައި އޭލެވެލް އިމްތިހާނު ހަދާ ކުދިންނަށް ދެ އޮޕްޝަނެއް ދީފައިވާކަމަށެވެ.

އެގޮތުން މޭ/ޖޫން ގައި އެ ސްކޫލެއްގެ ޓީޗަރުން ހަދާ ޓީޗާ ބޭސް އެސެސްމަންޓް ތަކަށް ޓެސްޓު ހެދުން އެއީ އެއް އޮޕްޝަން ކަމަށާއި، އަނެއް އޮޕްޝަނަކީ ނޮވެމްބަރު/ޑިސެމްބަރުގެ އިމްތިހާނަށް މަޑު ކުރުންކަމަށް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.