މިމަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕުގެ ކޮލިފިކޭޝަން ބުރުގެ ޕްލޭއޮފް މެޗުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އަތުވެއްޖެއެވެ.

ހުކުރު ދުވަހުގެ ވަގުތެއްގައި ބެންގަލޫރު ޓީމުން ރާއްޖެ އައީ ރައްކާތެރި ކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެގޮތުން ރާއްޖެ އައިއިރު އެޓީމުން އައީ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) ކިޓާއި އެކުއެވެ. މީގެއިތުރުންވެސް އެޓީމުން ވަނީ ރާއްޖެ އައުމުގެ ކުރިން ޕީސީއާރް ޓެސްޓު ހަދާފައެވެ. އަދި އެޓީމުން މާލޭގައި ތިބޭ ހޮޓަލަށް ވަނުމުގެ ކުރިން އިތުރު ޓެސްޓެއް ހަދާނެ އެވެ. ބެންގަލޫރަށް ވެސް އަދި ދެން ރާއްޖެ އަންނަން އޮތް މޯހަން ބަގާން އާއި ބަޝުންދުރާ އަށް ވެސް ހޮޓަލުން ނުކުމެވޭނީ ހަމައެކަނި ފައިތަކުރުން ތަކާއި މެޗުތަކަށް އެކަންޏެވެ.

ބެންގަލޫރު ޓީމު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި- ފޮޓޯ:- އެފްއޭއެމް

ބެންގަލޫރުން ފާއިތުވި އަށް މަހެއްހާ ދުވަހު އުޅުނީ އަމިއްލަ ބަބްލްއެއްގެ ތެރޭގަ އެވެ. އަދި މި މުބާރާތުގެ ކުރިން އެ ޓީމުން ކޭމްޕް ކޮށްގެން ތިބީ އިންޑިއާގެ ގޯއާގަ އެވެ. އެ ތަނުގައި ދާދި ފަހުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. މޯހަން ބަގާން ވެސް އަންނަނީ އަމިއްލަ ސޭފްޓީ ބަބްލްއެއްގެ ތެރެއިން ޓްރެއިނިންތައް ކުރިއަށްގެންދަމުންނެވެ. އަދި ބަޝުންދުރާ އިން ވެސް ސަލާމަތީ ކަންތައްތަކަށް އިސްކަން ދީގެން އަންނަނީ އެ ގައުމުގެ ލީގުގެ މެޗުތައް ކުޅެމުންނެވެ.

ރައްކާތެރިކަމުގެ ހަރުކަށި ގައިޑްލައިން ތަކެއްގެ ދަށުން މުބާރާތުގެ ކުޅުން ކުރިއަށް ގެންދާއިރު އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި މަހު 11 ވަނަ ދުވަހުގެރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި 21:00 ގައި ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އަދި މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

މި މެޗު ކުޅުމުގެ ފުރުސަތު ބެންގަލޫރުން ހޯދީ ކޮލިފައިންގެ ދެ ވަނަ ބުރުގައި ނޭޕާލްގެ އާމީ ކުލަބު އަތުން މޮޅުވެގެންނެވެ. އީގަލްސް އިން ޕްލޭ އޮފް ބުރަށް ދަތުރުކުރީ ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މިދިޔަ މަހު ހަތް ވަނަ ދުވަހު މޮޅުވެ އަދި އޭގެ ފަހުން ކޮލިފައިންގެ ދެ ވަނަ މެޗުގައި އީގަލްސްއާ ދެކޮޅަށް ކުޅެން އޮތް ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަށް ކުޅެވޭތޯ ކުރި ހުރިހާ މަސައްކަތެއް ކާމިޔާބުނުވުމުން އޭއެފްސީން އެ ޓީމު ވަކިކޮށް އީގަލްސް އަށް ޕްލޭއޮފުގެ ޖާގައެއް ދިނުމުންނެވެ.

އޭއެފްސީ ކަޕުގެ މެޗުތަކަށް އިންޑިއާގެ ބެންގަލޫރުގެ އިތުރުން އެ ގައުމުގެ މޯހަން ބަގާން އަދި ގްރޫޕް ސްޓޭޖު މެޗުތަކަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްވެސް ރާއްޖެ އަންނާނެއެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށްގެން ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާއިރު، ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެކަމަކު ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.