ޑައިރެކްޓަރު ސްރިރަމް ރާގަވަންގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިން މިނިމުނު އޭޕްރީލް މަހުގެ 15 ގައި ފަށަން ތައްޔާރުވެފައިވަނިކޮށް ފިލްމު ޑިލޭކޮށްފިއެވެ.

ބަތަލާ ކެޓްރީނާ ކައިފް އާއި ސައުތް އިންޑިއާގެ އެކްޓަރު ވިޖޭ ސެތުޕަތީގައި އެކީގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވަނީ އިންޑިއާގައި މިވަގުތު ކޮވިޑް ހާލަތު ގޯސްވުމާ ގުޅިގެންނެވެ.

އޭޕްރީލް މަހުގެ 15 ގައި ޝޫޓިންގް ފަށަން ތައްޔާރުވިނަމަވެސް އޭރު ބަތަލާ ކެޓްރީނާ ކައިފް ކޮވިޑް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެންވެސް ފިލްމުގެ މަސައްކަތް ނުފެށުމަށްވަނީ ނިންމާފައެވެ.

"މެރީ ކްރިސްމަސް" ގެ ނަމުގައި އުފައްދާ މިފިލްމަކީ ކާމިޔާބު ފިލްމު "އަންދާދުން" ގެ ޑައިރެކްޓަރު ސްރިރަމްގެ ތްރިލަރ ފިލްމެކެވެ.

އިންޑީއާގެ މީޑީއާއިން ރިޕޯޓްކޮށްފައިވާގޮތުން އާއްމުކޮށް އިންޑިއާގައި އުފައްދާ 3 ގަޑިއިރުގެ ފީޗާ ފިލްމުތަކާ ޚިލާފަށް މިފިލްމުގެ ވަގުތު ކުރުވާނެއެވެ. އެގޮތުން މިފިލްމަކީ 90 މިނެޓްގެ ފިލްމެކެވެ.

ފިލްމުގެ ބޮޑު ބައި ކުރިންވެސް ޝޫޓުކުރާގޮތަށް ނިންމާފައިވަނީ އިންޑިއާގެ ޕޫނޭގައެވެ.

އިންޑިއާގެ މީޑިއާއިން ބުނެފައިވާގޮތުން މިފިލްމުގެ ޝޫޓިންގް ފަހުންވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ޕޫނޭގައެވެ. އެހެންނަމަވެސް އެއީ ކޮވިޑްގެ ހާލަތު މިއަށްވުރެ ރަގަޅުވުމުންނެވެ.

ކުރިން ޕްލޭންކުރިގޮތުން މިފިލްމުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން،ޖުލައި މަހުގެތެރޭގައެވެ. އެހެންނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ބެލެވެނީ ފިލްމުގެ މަސައްކަތް ނިންމާލެވޭނީ މިއަހަރުގެ ސެޕްޓަމްބަރު މަހުގެތެރޭގައެވެ.

މިފިލްމުގެ އެކްޓަރު ވިޖޭއަކީ މިވަގުތު ސައުތް ސިނަމާގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. އޭނާގެ ކޮންމެ ފިލްމެއްގައިވެސް ދައްކާ މޮޅު އެކްޓިންގެ ހުނަރުން ގިނަ ބަޔަކުވަނީ ހައިރާންކޮށްލާފައެވެ.

އެންމެ ފަހުން ވިޖޭ ފެނިފައިވަނީ ތަމަޅަ ފިލްމު "މާސްޓަރ"އިންނެވެ.

ވިޖޭއާއެކު މިފިލްމަށް ބަތަލާ ކެޓްރިނާ ސޮއިކޮށްފައިވާއިރު އޭނާވަނީ ސަލްމާން ޚާންއާއެކު ކުޅޭ ފިލްމު "ޓައިގަރ-3" ގެ ބައެއް މަންޒަރުތައް ޝޫޓްކޮށްފައެވެ.