މިދިޔަ މަހުގެ 19 ވަނަ ދުވަހު އިންޑިއާގެ ސިނަމާތަކުގައި ރިލީޒްކުރި ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ ފިލްމު "މުމްބާއީ ސާގާ" އެމޭޒަން ޕްރައިމް ވީޑިއޯއިން ސްޓްރީމްކުރަން ފަށައިފިއެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން މިފިލްމު އެމޭޒަން ޕްރައިމްގައި ސްޓްރީމްކުރަން ފަށާފައިވާއިރު ސިނަމާތަކުން ފިލްމު ބަލާލަލުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް ހަމަޖެހިލައިގެން މިހާރު ފިލްމު ބަލާލެވޭނެއެވެ. އަދި ވަރަށް އަވަހަށް ޓެލެވިޒަން ޗެނަލްތަކުންވެސް ފިލްމު ދެއްކުމަށްވަނީ ހަމަޖެހިފައެވެ.

ވަރަށް ވަރުގަދަ އެކްޝަން ސީންތަކެއް ހިމެނޭ މިފިލްމުގެ މުހިއްމު ރޯލްއިން ފެނިގެންދަނީ އެކްޓަރު ޖޯން އަބްރަހަމްއެވެ.

ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ 90 ގެ އަހަރުތަކުގެ ތެރޭގައި އިންޑިއާގައި އުފެދުނު ގޭންގްސްޓަރ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފިލްމުގައި ހިމެނޭ ޕޮލިސް ފޯސްއިންކުރާ މަސައްކަތްތަކުގެ މައްޗަށެވެ.

ފިލްމުގައި ފެންނަ ފުލުސް މީހާގެ ރޯލްއިން ފެނިގެންދަނީ އެކްޓަރު އިމްރާން ހާޝްމީއެވެ.

މިފިލްމަކީ ވަރަށް ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދާފައިވާ ފިލްމެކެވޭ.

ޖޯންއާއި އިމްރާންގެ އިތުރުން ފިލްމުން ދެން ފެނިގެންދަނީ އެކްޓަރު ސުނިލް ޝެޓީ، ޕްރަތިކާ ބައްބަރު، ގުލްޝަން ގްރޯވަރު، ރޯހިތު ރޯއި، މަހޭޝް މަންޖްރޭކަރު އަދި ބަތަލާ ކާޖަލް އަގަރްވާލްއެވެ.

މީގެއިތުރުންވެސް ފިލްމުގެ ސައިޑް ރޯލްތަކުން ފެނިގެންދާ އެކްޓަރުންނަކީވެސް ވަރަށް ހުނަރުވެރި ގާބިލު ފަންނާނުންތަކެކެވެ.

އިންޑިއާގެ ފިލްމު ކްރިޓިކުންވެސްވަނީ ފިލްމުގެ މޮޅުކަމާއި ފިލްމުގެ ވާހަކަ ގެނެސްދީފައިވާލެއް ޝައުގުވެރިވުމުން ފިލްމުގެ ކްރޫއަށް ތައުރީފު ކޮށްފައިވެއެވެ.

މިފިލްމަކީ އެކްޝަން ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް އެންމެ ރަގަޅު ފިލްމުކަމަށް ކްރިޓިކުންވަނީ ބުނެފައެވެ.

ޑައިރެކްޓަރު ސަންޖޭ ގުޕްތާ މީގެކުރިން އުފައްދާފައިވާ މަޝްހޫރު ފިލްމުތަކުގެތެރޭގައި "ކާންޓޭ"، "ޖަޒްބާ" އަދި "ގާބިލް" ހިމެނެއެވެ.