މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާގައި އިސްރާއީލުން ހިންގި އުދުވާނު އިސްލާމީ އުންމަތުގެ އެތައް ގައުމަކުން ކުށްވެރި ކުރަމުން އެބަގެންދެއެވެ.
އިސްރާއީލުގެ އުދުވާނީ ފުލުހުންވަނީ، އަގްސާ މިސްކިތުގެ ހަރިންމަ ތެރޭގައިތިބި ފަލަސްތީނުގެ ޒުވާނުންނަށް ރަބަރު ވަޒަނާއި، ކަރުނަގޭހާއި، ދޮންބޮމުން ހަމަލާދީފައެވެ. އަދި މިސްކިތުގެ އެތެރޭގައި ތަރާވީހް ނަމާދަށް ތިބި މީހުންނަށްވެސް ހަމަލާދީ އެތައްބަޔަކަށް އަނިޔާކޮށްފައި ވެއެވެ.
މިހަމަލާތަކުގައި ފަލަސްތީނުގެ 205 މީހުން ޒަޚަމްވިއިރު، ޒަޚަމްވި 88 މީހަކު ހޮސްޕިޓަލުގައި އެމިޓްކޮށްގެން ފަރުވާ ދެމުންގެންދާ ކަމަށް ފަލަސްތީނުން ބުނެއެވެ.
ރަމަޟާންމަހުގެ ފަހު ހުކުރުދުވަހުގެ ހުކުރު ނަމާދަށް އިއްޔެ އަގްސާ މިސްކިތަށްދިޔަ އެތައްހާސް ބަޔަކުވަނީ، ހުކުރުގެ ފަހުން މިސްކިތުގައި މަޑުކޮށް އިހުތިޖާޖުކުރަން ފަށާފައެވެ.
އެމީހުން އިހުތިޖާޖު ކުރަމުންދިޔައީ، އިރުމަތީ ގުދުސްގެ ޝައިޚް ޖައްރާހް ނަމަކަށްކިޔާ އަވަށުން ފަލަސްތީނު ރައްޔިތުންތަކެއް، އެމީހުންގެ ގެދޮރުން ބޭރުކޮށްލުމަށް އިސްރާއީލުން ތައްޔާރުވަމުންދާތީ އެކަމަށް ދެކޮޅު ހެދުމުގެ ގޮތުންނެވެ.
ގެދޮރުން ބޭރުކޮށްލަންއުޅޭ ފަލަސްތީނު މީހުންގެ ގެދޮރުހުރި ބިންތަކަކީ އެމީހުން މާކުރިން ގަނެފައިވާ ބިންތަކެއް ކަމަށްބުނެ އިސްރާއީލުގެ ވަޒަންވެރިން ވަނީ އެ ބިންތަކަށް ވެރިވެގެންފައެވެ.
މިކަމާހެދި ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިކަމާ ގުޅިގެން މީގެކުރިންވެސް އިސްރާއީލުގެ އުދުވާނީ ފުލުހުންވަނީ ފަލަސްތީނު މީހުންނަށް ހަމަލާދީ އެތައްބަޔަކު ހައްޔަރުވެސް ކޮށްފައެވެ.
އަގްސާ މިސްކިތުގެ ހަރިންމަ ތެރޭގައި އިހުތިޖާޖު ކުރަމުންދިޔަ މީހުންނަށް އިސްރާއީލު ފުލުހުން ދިން ހަމަލާތައް ކުށްވެރިކޮށް ސައުދީ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ބޭރުކޮށްލުމަށް އިސްރާއީލުން އުޅޭ އުޅުމަކީ ސައުދީ އަރަބިއްޔާއިން ކަނޑައެޅިގެން ދެކޮޅުހަދާ ކަމަށެވެ.
އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް މިދިޔަ އަހަރު ނިންމި ޔުނައިޓެޑް އަރަބި އެމިރޭޓްސްއިންވެސް ވަނީ، އަގްސާ މިސްކިތުގެ ތެރޭގައި އިސްރާއީލުން ހިންގި ކަންތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.
ހަމަ އެއާއެކު، ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ބޭރުކުރުމުގެ ޕްލޭނާ ދެކޮޅު ކަމަށްވެސް ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ނެރުއްވި ބަޔާނެއްގައި ހާމަކޮށްފައި ވެއެވެ.
ފަލަސްތީނު ރައްޔިތުންތަކެއް އެމީހުންގެ ގެދޮރުން ބޭރުކޮށްލުމަށް އިސްރާއީލުން އުޅޭ އުޅުން، އދގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުންވެސް ވަނީ ކުށްވެރިކޮށްފައެވެ.
އިރުމަތީ ގުދުސްއަކީ ބައިނަލްއަގްވާމީ މުއާހަދާތައް ބުނާގޮތުންވެސް ފަލަސްތީނުގެ ސަރަހައްދެއް ކަމަށާއި، އެހެންކަމުން އާންމު ރައްޔިތުންގެ ގެދޮރު މިގޮތަށް ނުގެނޭނޭ ކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލުގެ އަމަލަކީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ކަނޑައެޅިދާނެ ކަމަށްވެސް އދގެ އޮފީހުން ވާހަކަ ދެއްކެވި ތަރުޖަމާނު ވިދާޅުވިއެވެ.
އަގްސާ މިސްކިތުގައި އިސްރާއީލުން ހިންގި އުދުވާނު، ގަތަރު، ތުރުކީ، އީރާން، މިސްރު، ޕާކިސްތާން، ކުވައިތު، އުރުދުން، އެމެރިކާގެ އިތުރުން، އަލް އަޒްހަރު ޔުނިވަރސިޓިއާއި، މުސްލިމް އިލްމުވެރިންގެ ޔޫނިއަނުން ކުށްވެރި ކޮށްފައިވާއިރު، މިމައްސަލާގައި ޔޫރަޕްގެ އިއްތިހާދުންވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަނގަބަހުން ކުއްވެރި ކުރިމަ އެވީ ..