2019 ވަނަ އަހަރު އެމޭޒަން ޕްރައިމްއިން ރިލީޒްކުރި "ދަ ފެމިލީ މޭން" ވެބް ސީރީޒްއަކީ ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދީ ސީރީޒްއެކެވެ.

ސީރީޒްގައި ދައްކުވައިދީފައިވާ ހާދިސާތަކާއި އޭގެ ކާސްޓުން ދައްކުވައިދިން މޮޅު އެކްޓިންގްއަށް އިންޑިއާގެ ބޭރުންވެސް ވަރަށް ގިނަ ބައެއްގެ ތައުރީފު އޮހިގެންދިޔައެވެ.

މިސީރީޒްގެ ފުރަތަމަ ސީޒަން ނުވަތަ ފުރަތަމަ ބައި ނިމުމަކާ ހަމައަށް ދިޔައިރު ގިނަބަޔަކަށް މީގެ ދެވަނަ ބަޔަކަށް އިންތިޒާރުކުރެވެން ފެށީވެސް ސީރީޒް ރީތިވުމުގެ ސަބަބުންނެވެ.

މިސީރީޒްގެ ދެވަނަ ސީޒަންގެ ޓްރެއިލަރ މިއަހަރު ޖެނުއަރީ މަހުގެތެރޭ ރިލީޒްކޮށްފައިވާއިރު ގިނަ ބަޔަކު އުއްމީދުކުރީ ދެވަނަ ސީޒަން ރިލީޒްކުރުމަށް ދެން މާގިނަ ދުވަހު އިންތިޒާރުކުރަން ނުޖެހޭނެ ކަމަށެވެ.

އެހެންނަމަވެސް މިސީރީޒް ރިލީޒްކުރުމުގެ ދުވަސްކޮޅާ ދިމާކޮށް އެމޭޒަންއިން ގެނެސްދިން "ތަންޑަވް" ސީރީސްއާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާއެކު "ދަ ފެމިލީ މޭޏް-2" ރިލީޒްކުރުންވަނީ ލަސްކޮށްފައެވެ.

ދާދިފަހުން "ދަ ފެމިލީ މޭން-2" ގެ އުފެއްދުންތެރިން ކަމަށްވާ ރާޖް ނިދިމޮރުއާއި ކްރިޝްނާ ޑީ.ކޭ އިންޑިއާގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިސީރީޒްގެ ދެވަނަ ސީޒަން ރިލީޒްކުރުމަށް ދެން މާގިނަ ދުވަހެއް ނެތްކަމަށެވެ.

މީގެއިތުރުން މިވެބް ސީރީޒްގެ މެއިން ލީޑްގެ އެކްޓަރު މަނޯޖް ބަޖްޕާއީވެސް ބުނެފައިވަނީ މިއަހަރުގެ ޖޫން މަހުތެރޭ ސީރީޒް ރިލީޒްކުރުމާ ބެހޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި މިކަމާގުޅޭގޮތުން އިތުރު ތަފްސީލު މީޑިއާއަށް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް މިސީރީޒްގެ ޓީމްއިންވަނީ ބުނެފައެވެ.

މިސީރީޒްގެ ފުރަތަމަ ސީޒަންއެކޭ އެއްގޮތަށް ދެވަނަ ސީޒަންގައިވެސް އެކްޓަރު މަނޯޖް ފެނިގެންދާނީ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީގައި މަސައްކަތްކުރާ ވަރަށް އާދައިގެ އޮފިސަރެއްގެ ގޮތުގައެވެ.

އޭނާގެ ޤައުމު ޓެރަރިސްޓް ގްރޫޕެއްގެ ކިބައިން ސަލާމަތްކުރުމުގެ ނުރައްކާތެރި މަސައްކަތުގެތެރޭގައި އޭނާގެ އަމިއްލަ އާއިލާގެ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށްކުރާ މަސައްކަތްތައް މިފަހަރުގެ ސީޒަންގައިވެސް ފެނިގެންދާނެއެވެ.