އެކްޓަރު ފަރްޚާން އަޚްތަރުގެ ކެރިއަރުގެ އެންމެ އުއްމީދީ ފިލްމު "ތޫފާން" ރިލީޒްކުރަން ރާވާފައިވާ ތާރީޚު ފަސްކޮށްފިއެވެ.

ފަރްޚާން އޭނާގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް އާއްމުންނާ ހިއްސާކޮށްފައިވާ އެނައުންސްމެންޓްގައި ބުނެފައިވަނީ، އިންޑިއާއަށް މިއަދު ކުރިމަތިވެފައިވާ ހިތާމަވެރި މިފަދަ ދަނޑިވަޅެއްގައި އެއްވެސް ޕްލެޓްފޯމަކުން ފިލްމު ރިލީޒްކުރުމަށް އޭނާގެ ހިތް ނޭދޭ ކަމަށެވެ.

އަދި މިފަދަ ދަނޑިވަޅެއްގައި ފިލްމު ރިލީޒްކުރުމަށްވުރެ ބޮޑަށް އޭނާވެސް އަދި މިފިލްމު ގެނެސްދޭ ކުންފުނި އެކްސެލް އެންޓަޓެއިންއިންވެސް އެންމެ ބޮޑު އިސްކަމެއްދެނީ ކޮވިޑް ބަލިޖެހިފައިވާ ފަރާތްތަކާއި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް މިއެނައުސްމަންޓްގައިވަނީ ބުނެފައެވެ.

ފިލްމު ނެރޭނެ ވަކި ތާރީކެއް އަދި ކަނޑައަޅާފައި ނެތްއިރު ކޮވިޑްގެ ނުރައްކާތެރި ހާލަތުން އަރައިނުގަންނަހާ ހިނދަކު ފިލްމު ރިލީޒް ނުކުރާނެ ކަމަށްވެސް ފަރްޚާންވަނީ ބުނެފައެވެ.

އެކްސެލް އެންޓަޓެއިންމަންޓް އަދި ރޯމްޕް ޕިކްޗަރސްއިން ނެރެފައިވާ މިއެނައުންސްމަންޓް ނިންމާލަމުންވެސް އާއްމުންގެ ފަރާތުން އެދިފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

ފިލްމު "ބާގް މީކާ ބާގް"ގެ ޑައިރެކްޓަރު އޯމް ޕްރަކާޝްގެ މިފިލްމަކީ ކުޅިވަރުގެ މައްޗަށް ބިނާކޮށް އޭނާ ޑައިރެކްޓްކުރާ ދެވަނަ ފިލްމެވެ.

އެހެންކަމުން ފިލްމު "ބާގް މީކާ ބާގް" އަށްފަހު މިއީ ފަރްޚާންއާއެކު އޯމް ޕްރަކާޝް މަސައްކަތްކުރާ ދެވަނަ ފިލްމެވެ.

ޑައިރެކްޓަރު އޯމް ޕްރަކާޝް ޑައިރެކްޓްކޮށްފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި 2006 ވަނަ އަހަރު ނެރުނު ފިލްމު "ރަންގްދެ ބަސަންތީ" އަދި 2009 ވަނަ އަހަރު ނެރުނު ފިލްމު "ދެއްލީ-6" ހިމެނެއެވެ.

ފަރްޚާން އާއެކު ފިލްމުގައި ދެން ފެނިގެންދަނީ ބޮލީވުޑްގައި އަރަމުން އަންނަ ބަތަލާ މުރްނާލް ތާކޫރްއެވެ. އަދި ހެއްވާ މަޖާ ރޯލުތަކުން ފެންނަ ޕަރޭޝް ރާވަލްވެސް މިފިލްމުގައި ވަރަށް ޚާއްސަ މުހިއްމު ރޯލަކުން ފެންނާނެއެވެ.

ފަރުޚާން އެންމެ ފަހުން ކުޅެފައިވަނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާއެކު ފެނިގެންދިޔަ ކާމިޔާބު ފިލްމު " ދަ ސްކައި އިޒް ޕިންކް" އިންނެވެ.