އިޓާލިއަން ލީގުގައި އޭސީ މިލާން އަތުން ޔުވެންޓަސް ވީ ބައްޔާއެކު އަންނަ ސީޒަނުގައި ޔުވެންޓަސް އަދި އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ނުލިބި ޔޫރަޕާ ލީގުން ފެނިގެންދިއުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ޔުވެންޓަސް 0-3 ގެ ނަތީޖާއަކުން ބަލިވިއިރު އެޓީމު ވަނީ ޕޮއިންޓު ތާވަލުގެ ފަސްވަނައަށް ވެއްޓިފައެވެ. ލީގުގައި ޔުވެންޓަސް އަށް ބާކީ އޮތީ އެންމެ ތިން މެޗެވެ. އަދި މިވަގުތު އެޓީމަށް 35 މެޗުން 69 ޕޮއިންޓާއެކު ލިބެނީ ޕޮއިންޓު ތާވަލުގެ 5 ވަނައެވެ. ޗެމްޕިއަންސް ލީގަށް ކޮލިފައިވާނީ ތާވަލުގެ ގަދަ ހަތަރު ޓީމެވެ.

މި މެޗުގައި މިލާންގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔައިރު އެޓީމުން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި ފުރަތަމަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރާހިމް ޑިއާޒް އެވެ.

ދެވަނަ ހާފުގައިވެސް މޮޅަށްކުޅުނު މިލާނުން ލީޑުފުޅާކުރީ 78 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރެބިޗް އެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފިކާޔޯ ޓޮމޯރީ އެވެ. މެޗުގައި އިތުރު ލަނޑެއްޖެހުމަށް މިލާނަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. އެހެންނަމަވެސް 58 ވަނަ މިނެޓުގައި ކެސީ ފޮނުވާލި ޕެނަލްޓީ ގޯލް ތެރެއަށް ވައްދާލެވިފައެއް ނުވެއެވެ.

އޭސީ މިލާނާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މި ނަތީޖާއާއިއެކު ޔުވެންޓަސް އަށް އަމިއްލަ ބާރުގައި ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. އެޓީމަށް ދެން އެންމެ ފުރުސަތު ބޮޑީ ކުރިއަށް އޮތް ތިންމެޗުގެ ތެރެއިން އެންމެ މެޗަކުންވެސް ތާވަލުގެ 4 ވަނައިގައި އޮތް ނާޕޯލީ ބަލިވެގެން ނުވަތަ އެއްވަރުވެގެންނެވެ. ނާޕޯލީ އަށް ތާވަލުގެ 4 ވަނަ ލިބެނީ 35 މެޗުން 70 ޕޮއިންޓާއެކުގައެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތް އެޓަލާންޓާ އާއި ތިންވަނައިގައި އޮތް އޭސީ މިލާނަށް 35 މެޗުން 72 ޕޮއިންޓު ވަނީ ލިބިފައެވެ. އެޓަލާންޓާއަށް މިލާނުގެ މައްޗަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި ސީޒަނުގެ އިޓާލިއަން ލީގު ބާކީ ހަތަރު މެޗުއޮށްވާ އިންޓާ މިލާނުން ވަނީ ކާމިޔާބުކޮށްފައެވެ.

ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުން ރޮނާލްޑޯ ފެނިގެން ނުދާނަމަ އެކަންވާނީ މި މުބާރާތަށް ލިބޭނެ ބޮޑު ފަނޑުކަމަކަށެވެ. އެއީ ރޮނާލްޑޯ އަކީ މި މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމް 7 ފަހަރަށް ހޯދާ 5 ފަހަރަށް މި މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިއަކަށް ވާތީއެވެ. އަދި ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ދުނިޔޭގައި މިސްޓާ ޗެމްޕިއަންސް ލީގުގެ ގޮތުގައި ސިފަކުރެވޭ ކުޅުންތެރިޔާ އެވެ.