ކުއްލި ނުކައްކަލުގެ ހާލަތު އިއުލާނުކުރުމަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ގާނޫނީ ގޮތުން ކުރަމުން އަންނަ ކަމެކެވެ. އެގޮތުން ދިވެހިރާއްޖޭގައިވެސް މިކަން ހިނގަމުން އަންނަނީ މިހެންނެވެ. ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީ (2008) ގެ އެގާރަ ބާބުގެ 253 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ދުސްތޫރީ ގޮތުން ރައީސުލް ޖުމްހޫރިއްޔާއަށް ދީފައިވެއެވެ.

އެމާއްދާގައި ބުނެފައިވާ ގޮތުން، ގުދުރަތީ ހާދިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއް ކުރިމަތި ވެއްޖެނަމަ ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހެއްގައި ނުވަތަ ސަރަހައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

މިގޮތުން ރައީސުލް ޖުމްހޫރިއްޔާ ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުން މަޖުލީހަށް ހުށަހަޅަންވާނެކަމަށް 257 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވެއެވެ. މިގަރާރު ނެރޭ ވަގުތަކީ ރައްޔިތުންގެ މަޖުލީހުގެ ދައުރެއް ހިނގަމުން ނުދާ ވަގުތެއްކަމުގައިނަމަ ބަންދު ދުވަސްތައްވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި މަޖުލީސް އެއްކޮށް އެގަރާރު ފާސްކުރުމަށް މަޖުލީހަށް ހުށަހަޅަންވާނެކަމަށް ބަޔާންވެގެންވެއެވެ.

އަދި މިގޮތުން ރައީސުލް ޖުމްހޫރިއްޔާ ނެރޭ ގަރާރުގެ ސައްހަކަމާއިމެދު ސުވާލެއް އުފެދިއްޖެނަމަ، ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ހަދާ ގާނޫނަކާއި ނުވަތަ އަމުރަކާއިމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެ ކަމާއިމެދު ގޮތެއް ކަޑައަޅާނީ ސުފްރީމް ކޯޓުންކަމަށް ގާނޫނުގެ 258 ވަނަ މާއްދާގައި ބަޔާންވެގެންވެއެވެ. އަދި މިގޮތުން އިއުލާނުކުރާ ގަރާރު ނިމުނުކަން އިއުލާނުކުރުމުގެ ބާރުވެސް ގާނޫނުގެ 260 ވަނަ މާއްދާއިން ދީފައިވަނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ.

މަތީގައި ބަޔާންވެގެންވާ ގާނޫނުގެ ރޫހަށް ބަލާއިރު، ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކުރެވޭނީ، ފަސް ހާލަތެއްގައި ކަން ސާފުކޮށް އެނގެން އޮވެއެވެ. އެއީ 1. ގުދުރަތީ ހާދިސާއެއް، 2. ނުރައްކާތެރި ބަލިމަޑުކަމެއް، 3. ހަނގުރާމައެއް، 4. ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއް ކުރިމަތި ވެއްޖެނަމަ 5. ބޭރުގެ ހަމަލާއެއް ކުރިމަތުވެދާނެކަމުގެ ބިރު ހީވެއްޖެނަމަ އެކަންޏެވެ.

މަތީގައި ބަޔާންވެގެންވާ ފަސް ހާލަތުގައި އަމަލުކުރާނެ މައިގަނޑު ގާނޫނެއް ހަދާފައި އޮތުމަކީ ގާނޫނު އަސާސީ އެކަމަށް ހަވާލާދެވި ހުއްދަދެވިފައިވާ ކަމެއްކަން ސާފުކޮށް އެނގެން އޮވެއެވެ. މިކަން މިގޮތަށް އަސާސީ ގާނޫނުގައި ލިޔެވިފައި ވަނިކޮށް މިއަދު ފެންނަމުން މިދަނީ ސިއްހީ ކުއްލި ނުކައްކަލުގެ ގާނޫނުގެ ތެރެއިން ސިއްހީ ކުއްލި ނުރައްކާ ރައީސުލް ޖުމްހޫރިއްޔާ ނޫން އެހެން ފަރާތަކުން އިއުލާންކޮށް ރައްޔިތުންގެ މައްޗަށް ތަތްބީގުކުރަމުން އަންނަ މަންޒަރެވެ.

އެގޮތަށް އެކަން އިއުލާނުކުރަމުން އަންނަނީ ހެދިފައިވާ ވަޟުއީ ގާނޫނަކުން އެކަން އިއުލާނުކުރުމުގެ ބާރު ރައީސް އައްޔަނުކޮށްފައިވާ ކެބިނެޓް މިނިސްޓަރަކަށް ދެވިފައިވާތީކަމަށް ދެކެމެވެ. އަދި މިގާނޫނުގެ ތެރެއިން އިއުލާނުކޮށްފައިވާ އެއްވެސް ގަރާރެއް މަޖުލީހަށް ފޮނުވައި ފާސްކުރަމުން އަންނަ މަންޒަރެއް ވެސް ފެނިގެން ގޮސްފައި ނުވެއެވެ. އެހެންކަމުން މިކަން ހިނގަމުން މިދަނީ ދުސްތޫރީ ގާނޫނީ ރޫހުގެ ތެރެއިންތޯ! ސުވާލު އުފެއްދުމުގެ ޖާގައެބަ އޮތެވެ.

ގާނޫނު އަސާސީގައި، މިގޮތަށް ހިނގަމުން އަންނަކަންކަމަށް ފަރުވާދީފައިވެއެވެ. އެގޮތުން 268 ވަނަ މާއްދާގައިވެއެވެ. ދިވެހިރާއްޖޭގައި ހަދާއެންމެހާ ގާނޫނުތައް ހަދާންވާނީ، މިގާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ. އަދި މި ގާނޫނު އަސާސީގައި ފުރިހަމަކުރުން ލާޒިމުކުރާ އެންމެހާކަންކަން ފުރިހަމަކުރާންވާނެކަމާއި، މިގާނޫނު އަސާސީއާއި ހިލާފުވާގޮތަށް ފާސްކުރެވޭ ގާނޫނެއްވިޔަސް އަދި ގާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލު އެއްޗަކަށް ކަމަށެވެ. އަދި އެފަދަ ގާނޫނެއްގެ ބާރެއް ނުހިގާނެކަމާއި، އެފަދަ އަމުރުތަކަކީވެސް ބާތިލުއެއްޗެއްކަމަށް ބަޔާންވެގެންވެއެވެ.

މިހާރު، ސިއްހީ ކުއްލި ނުރައްކަލުގެ ގާނޫނުގެ ތެރެއިން މިނިސްޓަރ އިއުލާނުކުރަމުން އަންނަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ގާނޫނު އަސާސީއާއި ހިލާފުކަން މިހިސާބުން ވަރަށް ސާފުކޮށް ބުނެވިދާނެއެވެ. އެހެންނަމަވެސް މިކަން ގާނޫނު އަސާސީއާއި ހިލާފުތޯ ނުވަތަ ނޫންތޯ ނިންމައި ގޮތެއް ކަނޑައެޅުމުގެ ބާރުވެސް ގާނޫނު އަސާސީން ވަކި ބަޔަކަށް ދެވިފައިވާކަން ފެންނަ އެބައޮތެވެ. އެގޮތުން ގާނޫނު އަސާސީގެ 144 ވަނަ މާއްދާގައި ދުސްތޫރީ މައްސަލަތައް ނިންމުމުގެ ބާރު ޝަރުއީ ކޯޓުތަކަށް ދެވިފައިވާކަން ފާހަގަކުރަމެވެ.

ދުސްތޫރީ މައްސަލަތަކަކީ، ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރާންޖެހިއްޖެނަމަ އެކަން މާނަކުރުމާއި، ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް، ގަވާއިދެއް ނުވަތަ ގަވާއިދަކުން ބައެއްވިޔަސް، ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއްވިޔަސް، އެތަންތަނުގެ މުވައްޒަފަކު ކުރާކަމެއް ވިޔަސް ގާނޫނު އަސާސީއާއި ހިލާފުވޭތޯ ބެލުމާއި އެކަމުގައި ގޮތެއް ކަނޑައެޅުމުގެ މައްސަލަތަކެވެ.

މަތީގައި ބަޔާންވެގެންވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެކަން އިއުލާނުކޮށް ބާތިލުކުރުމުގެ ގާނޫނީ ރޫހަކީ، އެކަން އިއުލާނުކުރަންވާނީ އަދި ބާތިލުކުރަންވާނީވެސް ހުދު ރައީސުލް ޖުމްހޫރިއްޔާއެވެ. އަދި އެކަން ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބި މަޖުލީހަށް ހުށަހަޅައި ގޮތެއް ނިންމުމެވެ. އެއީ އެކަމުގައި އެތައް ބައެއްގެ މަސްލަހަތާއި ގުޅިފައިވާ އެތަށް ކަމެއް އެކަމުގައި އެލުލެވިގެންވާތީއެވެ.