ބަތަލާ އަނަންޔާ ޕާންޑޭއާއި ސައުތް އިންޑިއަން އެކްޓަރު ވިޖޭ ދެވެރަކޮންޑަގެ ފިލްމު "ލިގަރ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މިދިޔަ އަހަރުގެތެރޭ ދަރްމާ ކުންފުނިން އެނައުންސްކުރި މިފިލްމު މީގެކުރިން ރިލީޒްކުރުމަށް ޝެޑިއުލް ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަށެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާގޮތުގައި މިފިލްމުގެ ވަރަށް ބޮޑުބައިވަނީ އަދި ޝޫޓް ނުކުރެވިއެވެ.

ފިލްމުގެ ޝޫޓިންގް އެއްކޮށް ނިންމާލުމުގެ މަސައްކަތް ކުރިއަށްދިޔަ ދަނޑިވަޅަކީ ކޮވިޑްގެ ނުރައްކާ އިންޑިއާގެ އެކި ހިސާބުތަކަށް ކުރަމުންދިޔަ ދަނޑިވަޅެވެ.

ބޭރަށް ނުކުމެ އުޅުމާއި މުމްބާއީގެ ބައެއް ހިސާބުތައް ބަންދުކުރުމުގެ ސަބަބުން ފިލްމުގެ ޝޫޓިންގވަނީ މެދުކަނޑާލާފައެވެ.

މިފިލްމުގެ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް އާއްމުކޮށްފައިވާ ނުވާއިރު ބެލުންތެރިންގެ މެދުގައި މިހާރު އުފެދޭ ސުވާލަކީ މިފިލްމު ރިލީޒް ކުރާނީ ޑިޖިޓަލް ޕްލެޓް ފޯމްއެއްގައިތޯ ނުވަތަ ނޫންތޯއެވެ.

އެހެންނަމަވެސް އިތުބާރުކުރެވޭ ފަރާތަކުން ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ޑައިރެކްޓަރު ކަރަން ޖޯހަރު އެއްގޮތަކަށްވެސް ފިލްމު އޯޓީޓީ ޕްލެޓްފޯމްއަކަށް ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ. ސަބަބަކީ މިފިލްމަކީ ސައުތް ސިނަމާގެ ކާމިޔާބު އެކްޓަރުގެ ފުރަތަމަ ބޮލީވުޑް ފިލްމަށްވުމެވެ.

އެހެންކަމުން ފިލްމު ކިތަންމެ ބޮޑު ޑިލޭއެއް ކުރަންޖެހުނަސް ކަރަން އިންތިޒާރުކުރާނީ ފިލްމު ތިއޭޓަރުތަކުގައި ރިލީޒްކުރެވޭނެ ދުވަހަކަށެވެ.

ބައެއް ސައުތް އެކްޓަރުންނަށް ހިންދީބަސް ދަސްކުރަން ވަގުތު ނަގާތީވެ ފިލްމުތަކުގައި ޑަބްކޮށްފައި ހުންނާނީ އެހެން ފަންނާނުންނެވެ. އެހެންނަމަވެސް ފިލްމުގައި ވިޖޭގެ ހުރިހާ ސީންއެއްވެސް އެކްޓަރު ގެނެސްދޭނީ އޭނާގެ އަމިއްލަ އަޑުން ހިންދީ ބަހުންނެވެ.

ފިލްމުގައި ހިމެނޭ ހާއްސަ ސްޓަންޓް ސީންތައް ކުޅުމަށް ހޮލީވުޑްގެ ސްޓަންޓް ކޮރިއަގްރާފަރ އޭންޑީ ލޯންގްއާއި އޭނާގެ ޓީމްވަނީ ދާދިފަހުން ގުޅިފައެވެ.

ފިލްމު "ލިގަރ" އަކީ ކުޅިވަރުގެތެރެއިން ލޯބީގެ ވާހަކައެއް ގެނެސްދޭ ވަރަށް ރީތި ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ކަރަން ޖޯހަރްގެ އިތުރުން އޭނާގެ މަންމަ ހީރޫ ޔާޝް ޖޯހަރު ޕްރޮޑިއުސަރުންގެ ޓީމުގައި ހިމެނޭ މިފިލްމުގެ ވާހަކަ ލިޔެ ތައްޔާރު ކޮށްފައިވަނީ ތެލުގޫ ޑައިރެކްޓަރު ޕޫރީ ޖަގަންނާދްއެވެ.