ސޮނީ ޓީވީން ދިގުމުއްދަކަށް ގެނެސްދެމުން އަންނަ އެންމެ ކާމިޔާބު އެއް ޝޯވް ކަމަށްވާ "ކޯން ބަނޭގާ ކްރޯޑްޕަތީ" ގެ 13 ވަނަ ސީޒަން ގެނެސްދިނުމުގެ ތައްޔާރީތައް ވަމުންދާކަމަށް އެޗެނަލުން ބުނެފިއެވެ.

ގިނަ ބައެއްގެ މެދުގައި ވަރަށް މަގްބޫލު މިޝޯވް މިފަހަރުވެސް ހުށަހަޅައިދޭނީ ބެލުންތެރިންގެ ލޯބި ލިބިފައިވާ މެގަސްޓަރ އަމީތާބް ބައްޗަންއެވެ.

މިޝޯވްގެ 12 ވަނަ ސީޒަން ޝޫޓްކުރަމުންދިޔަ ދަނޑިވަޅުގައި އަމީތާބް ކޮވިޑް ބައްޔަށް ޕޮޒިޓިވްވެ ޝޯވް ދުވަސްކޮޅަކަށް މެދުކެނޑުނެވެ. އެހެންނަމަވެސް ބަލިން ފަސޭހަވުމާއެކު ސީނިއަރ ބައްޗަންވަނީ ޝޯވްގެ ބާކީބައި އެއްކޮށް ނިންމާލާފައެވެ.

ފެށުނީއްސުރެންވެސް އަމީތާބް މިޝޯވްގެ ހޯސްޓެއްގެ ގޮތުގައި މަސައްކަތް ކުރިއިރު ހަމައެކަނި ނުފެނުނީ ޝޯވްގެ 3 ވަނަ ސީޒަންއިންނެވެ. އަމީތާބްގެ ބަދަލުގައި އޭރު (ކޭ.ބީ.ސީ} ހޯސްޓްކޮށްފައިވަނީ އެކްޓަރު ޝާހްރުކް ޚާންއެވެ.

ކޮވިޑްގެ އައުޓް ބްރޭކެއް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ގިނަ ބަޔަކު ތަހައްމަލުކުރަމުންދާ މިދަނޑިވަޅުގައި މިޝޯވް ކުރިއަށްދާނީ ކޮވިޑްއާއި ގުޅިގެން އަޅާފައިވާ ގަވާއިދުތަކާއި އެއްގޮތަށެވެ.

ޝޯވްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ މިއަދުން ފެށިގެން އާއްމުންނަށްވަނީ ހުޅުވާލާފައެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ޝޯވް "ހޫ ވޯންޓްސް ޓުބީ އަ މިލިއަނަރ"ގެ އިންޑިއާ ވާޝަން މިޝޯވް ސޮނީއިން ފުރަތަމަ ގެނެސްދޭން ފަށާފައިވަނީ 2000 ވަނަ އަހަރުއެވެ.

މިހާތަނަށް އިންޑިއާގެ އާއްމުންގެ ގިނަ ބަޔަކަށް ޝޯވްގައި ބައިވެރިވެ ފައިސާގެގޮތުން ބޮޑު އަދަދުތައް ކާމިޔާބުކޮށްފައިވާއިރު ޝޯވްގައި ކުރާ ސުވާލުތަކަށް ޖަވާބުދީގެން ކާމިޔާބު ހޯދާ ފަރާތަކަށް ކްރޯޑްޕަތީ ނުވަތަ މިލިއަނަރއަކަށް ވުމުގެ މަގުފަހިވެގެންދެއެވެ.

މިޝޯވްގެ ސަބަބުން ޝޯވްގެ ބައިވެރިންގެ އިތުރުން ބެލުންތެރިންގެވެސް ގިނަ ބައެއްގެ މައުލޫމާތު މުއްސަނދިވެ މިޝޯވްގައި ބައިވެރިވާ އެންމެ އާދައިގެ މީހާއަށްވެސް ފައިސާގެ އިނާމެއް ލިބެއެވެ.

ޝޯވްގެ ޕްރޮމޯ މިހާރު ދައްކަން ފަށާފައިވާއިރު މިފަހަރުގެ "ކޭ.ބީ.ސީ" އަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭނެކަމަށް ބެލެވެއެވެ.