ހއ. ދިއްދޫއިން އިތުރު 11 މީހަކު ޕޮޒިޓިވްވެއްހެއެވެ.

ދިއްދޫއިން އަލަށް ޕޮޒިޓިވްވި 11 ކޭސް ފެނިފައިވާއިރު، މީގެތެރޭގައި 6 ދިވެއްސަކާއި 5 ބިދޭސީން ހިމެނޭކަމަށާއި، މިމީހުންނަކީ ކޮންޓެކްޓް ޓްރޭސިން ހެދިމީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށް ދިއްދޫ ކައުންސިލުން ވީނިއުސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ.

މީގެތެރޭގައި މާލެއިން ދިއްދޫއަށް ދަތުރުކުރި މީހަކާއި، ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ އިތުރުން ބަލީގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި މީހަކު ހިމެނޭ ކަމަށެވެ. އަދި ހައި ރިސްކު މީހުންނަށް އެންމެ ކައިރިން ހިދުމަތްދޭ ކޮވިޑު ފެސިލިޓީތަކުންން ފަރުވާ ދެމުން ގެންދާކަމަށާއި، އެމީހުންގެ ހާލަތު ރަނގަޅުކަމަށްވެސް މައުލޫމާތުލިބެއެވެ.

މިއާއިއެކު ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 98 އަށް އަރާފައެވެ. އަދި ދިއްދޫއިން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާކަމަށާއި، މިހާތަނަށް 837 ސާމްޕަލެއް ވަނީ ނަގާފައެވެ.

ދިއްދޫ އިން ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގައި ވަނީ ހަވީރު 4 އަކުން ފަތިހު 6 އަކާއި ހަމައަށް ކާފިއު އިއުލާން ކޮށްފައިއެވެ.

ކޮވިޑާއި ގުޅިގެން މިފަދަ ސިއްހީ ނުރައްކާތެރި ދަނޑިވަޅެއްގައި އެރަށުގައި ކޮވިޑަށް ފަރުވާކުރެވޭ ފެސިލިޓީއެއް ނެތުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ދިއްދޫ ކައުންސިލުން ބުނީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެމުން ގެންދަނީ އެންމެ ކައިރިންވެސް ށ. އަތޮޅު ފޮނަދޫއިން ކަމަށެވެ.

އަދި ސިއްހީ ހިދުމަތްތެރީންގެ އަދަދު މަދުކަމަށާއި، މިވަގުތު ހިދުމަތްދޭ ނަރުހުންނާއި ޑޮކްޓަރުންވެސް ކޮވިޑާއި ގުޅިގެން ކަރަންޓީނުވާން ޖެހިފައިވާކަމަށް ދިއްދޫ ކައުންސިލުން މައުލޫމާތުދެއެވެ.

ދިއްދޫގައި ހަލުވިކަމާއެކު ކޮވިޑް ބަލި ފެތުރި، ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަމަށް ދިއްދޫ ކައުންސިލަށް ޤަބޫލު ކުރެވުމާއި ގުޅިގެން މިމަހު 8 ވަނަ ދުވަހު އެރަށުގައި ކާފިއުގެ އިއުލާނުކޮށްފައިވާއިރު، މީގެ އިތުރުންވެސް އެރަށުގައި ވަނީ ކޮވިޑު ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިިޔަވަޅުތަކެއް އަޅާފައެވެ.

މީގެތެރެއިން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށާއި، މާސްކު އެޅުމަށާޢި، ގައި ދުރުކަން ބެހެއްޓުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.