އުރީދޫ މޯލްޑިވްސްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ހޯއްދެވުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އުރީދޫއިން ބުނީ ކޮވިޑް-19 ހުއްޓުވުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ކަސްޓަމަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކުންފުނީގެ ކަސްޓަމަރ ކެއަރ ކިދުމަތް ދޭ ސެންޓަރުތައް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ޑިޖިޓަލް ސެންތަރުތައް އިޚްތިޔާރުކުރުމަށް އުރީދޫއިން ވަނީ އިލްތިމާސްކޮށްފައެވެ.

އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް އުރީދޫ ޚިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބޭނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ އެޕް މެދުވެރިކޮށް ޕްރިޕެއިޑް ރިޗާޖްކުރުމާއި، އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުމާއި، އޮންލައިންކޮށް ވިޔަފާރިކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވެރީގެ ހިދުމަތް ދިނުމާއި، އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމާއި، 24 ގަޑިއިރު ކަސްޓަމަރ ސަރވިސްގެ ޙިދުމަތް ލިބުމުގެ އިތުރުން ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭން އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށެވެ.

އުރީދޫ އެޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ވެސް މި ޚިދުމަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ބިލްތައް ދެއްކުމާއި، ރީޗާޖް ކުރުމާއި، އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުން ހިމެނޭ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫގެ 7 ޑިޖިޓަލް ސެންޓަރެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ގާއިމްކޮށްފައެވެ.