ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް އިންސްޕެކްޝަނެއް ފަށަން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއީ މާލެއާއި ރާއްޖޭގެ މީހުންދިރިއުޅޭ ބައެއް ރަށްރަށުން ކޮވިޑް-19 އަށް، ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި މުވައްޒަފުންނާއި އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އަޅާފައިވާ ފިޔަވަޅުތަކާއި އަދި ހިދުމަތްދިނުމުގައި އަމަލުކުރަންޖެހޭ ގައިޑްލައިންތަކަށް އަމަލުކުރާކަން ކަށަވަރުކުރުމަށް އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ އިންސްޕެކްޝަންތަކެއް ކަމަށެވެ.

މި އިންސްޕެކްޝަންތައް މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. މި މަސައްކަތުގެ ތެރެއިން ރެންޑަމްކޮށް ކޮންމެ ދުވަހަކުވެސް ގެސްޓްހައުސް އަދި ސިޓީ ހޮޓަލްތައް އިންސްޕެކްޓްކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި މި އިންސްޕެކްޝަންތައް ކުރިއަށްގެންދިއުމުގައި ހަރަކާތްތެރިވާނީ މިނިސްޓްރީ އޮފް ޓުއަރިޒަމުންނެވެ. އަތޮޅުތެރޭގައި މި އިންސްޕެކްޝަންތައް ކުރިއަށްގެންދިއުމުގައި ހަރަކާތްތެރިވާނީ ރަށްރަށުގެ ރަށުކައުންސިލާއި ސިޓީކައުންސިލް އަދި ޓާސްކްފޯސްތަކުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދުތައް އުޅެނީ 1000 އިން މަތީގައެވެ. މިއާއެކު ބަލި ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދުގައާއި އަތޮޅުތެރޭގައި ބަލި އުޅޭ ރަށްތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅަމުންދާއިރު، މިހާރު މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އިން ކާފިއު ހިންގައެވެ.