• 248 މީހުން ބަލިން ފަސޭހަ
  • އެކްޓިވް ކޭސްގެ އަދަދު 10،376 އަށް މައްޗަށް، ހޮސްޕިޓަލްތަކުގަ 244 މީހުން
  • ކޮވިޑްބަލީގައި މިއަދުވެސް 3 މަރު

ރާއްޖެއިން އިތުރު 1،204 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 5،598 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 1،204 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 961 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 235 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 8 މީހަކު ނިސްބަތްވަނީ ރިސޯޓްތަކަށެވެ.

އަލަށް ޕޮޒިޓިވްވި 1،204 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 37،019 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 248 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 26،547 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 10،376 ގައެވެ. މީގެތެރެއިން 244 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ކޮވިޑް ބަލީގެ ހާލަތު ރާއްޖޭގައި އިތުރަަށް ގޯސްވަމުންދާއިރު، މިބަލީގައި މިއަދުވެސް 3 ދިވެއްސަކު ދުނިޔެ ދޫކޮށްފައި ވެއެވެ. މިއާއެކު ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 87 އަށް ވަނީ އަރާފައެވެ.

ކޮވިޑް ބައްޔަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން އިއްޔެ 333 މީހަކަށް ފުރަތަމަ ޑޯޒް އަދި 3،111 މީހަކަށް ވެކްސިންގެ ދެވަނަ ޑޯޒް ދީފައިވެއެވެ.

މިއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިންޖެހި މީހުންގެ އަދަދުވަނީ 301،239 އަށް އަރާފައެވެ. ދެވަނަ ޑޯޒްޖެހި މީހުންގެ އަދަދުވަނީ 133،997 އަށް އަރާފައެވެ.