މާލޭގައި ހުންނަ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ސަލާމަތީ ބާރުތަކުން އެ މިސްކިތް ބަލައި ފާސްކޮށްފިއެވެ.

މިސްކިތް ބަލައި ފާސްކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމްއެންޑީއެފް ގުޅިގެންނެވެ.

އަދި މިސްކިތް ބަލައި ފާސްކޮށް މިހާރު ކްލިއަރކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ދާދި ދެންމެއަކު ބުނެފައި ވެއެވެ.

މިސްކިތް ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމްއެންޑީއެފުން އާންމުކުރި ފޮޓޯތަކުން ފެންނަނީ މިސްކިތުގެ ގޯތިތެރޭގައި ލަގެޖަށް ބޭނުންކުރާ ބާވަތުގެ ހަންފޮށްޓެއް ބަހައްޓާފައި ހުންނަ ތަނެވެ.

އަދި އެ ފޮށި އެމްއެންޑީއެފްގެ ބޭފުޅަކު ފަހުން ހުޅުވައި އެތެރެ ދައްކާ މަންޒަރު ފެންނަ ފޮޓޯއެއްވެސް އާންމުކޮށްފައި ވެއެވެ. ފޮޓޯއިން ފެންނަ ގޮތުގައި ފޮށީގެ އެތެރެ ހުރީ ހުހަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދެވުނު ހަމަލާގެ ފަހުން ސަލަމަތީ ބާރުތަކުން ގެންދަނީ ސެކިއުރިޓީ ލެވެލް މަތިކޮށް މާލެ ތެރޭގައި ފޯރި މަރަމުންނެވެ.