މިއަހަރުގެ އެޕްރީލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް 1.41 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު އެ އޮތޯރިޓީއަށް ބަލައިގަނެފައިވާ 1.41 ބިލިއަން ރުފިޔާއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 173.8 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި މިއަހަރުގެ އޭޕްރިލް މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 82.6 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ވަނީ ބުނެފައެވެ.

މީރާއިން ބުނީ މިދިޔަ އަހަރު އެ އޮތޯރިޓީއަށް ލިބުނު އާމްދަނީއަށް ވުރެ، މިއަހަރު ލިބުނު އާމްދަނީ އިތުރުވެފައިވަނީ، ޓީޖީއެސްޓީ، ޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުން ކަމަށެވެ.

ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއް މި މަހުގެ ތެރޭގައި ބަލައިގަނެފައިވާކަމަށާއި، މި އަދަދު އެޕްރީލް މަހު ލިބުނު އާމްދަނީގެ 20 އިންސައްތަ ހިއްސާކުރާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މުޅި ރާއްޖެ ލޮކްޑައުންކޮށްފައި އޮތުމުގެ ސަބަބުން އެ މަހު ޓޫރިޒަމް ދާއިރާގެ ވިޔަފާރި ދަށްވެފައިވާ ކަމަށާއި، މިކަމުން ލިބުނު އާމްދަނީ މިދިޔަ އަހަރު ދަށްވެފައިވާކަމަށް ވެސް މީރާއިން ވަނީ ބުނެފައެވެ.

މީރާއިން ބުނީ މިއަހަރުގެ އޭޕްރީލް މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއިން ކަމަށެވެ. އޭޕްރިލް މަހު މިރާއަށް ލިބުނު އާމްދަނީގެ 60.1 އިންސައްތަ ނުވަތަ 849.61 މިލިއަން ރުފިޔާ ޖީއެސްޓީން ހިއްސާކުރާ ކަމަށް މީރާއިން ވަނީ ބުނެފައެވެ. '

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓުއަރިޒަމް ލޭންޑް ރެންޓުންކަމަށާއި، ޓުއަރިޒަމް ލޭންޑް ރެންޓުން 9.8 އިންސައްތަ ނުވަތަ 139.12 މިލިއަން ރުފިޔާ ހިއްސާކުރާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.

ގްރީން ޓެކްސްގެ ގޮތުގައި 95.54 މިލިއަން ރުފިޔާ ލިބިފައިވާކަމަށާއި، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 75.58 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 40.26 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 214.56 މިލިއަން ރުފިޔާ ހިމެނޭކަމަށް މީރާއިން ވަނީ ބުނެފައެވެ.

އަދި މިއަހަރުގެ އެޕްރީލް މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.05 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް މީރާއިން ވަނީ ބުނެފައެވެ.