ރާއްޖޭގައި ހިނގާ ޓެރަރިޒަމްގެ އެކި ހަމަލާތައް މަދުކުރެވޭނީ މިފަދަ ކަންކަމާ ގުޅޭގޮތުން ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލުކޮށްގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްއެވެ.

އާދަމް ޝަރީފް އުމަރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާއާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓުގައި އާދަމް ޝަރީފް ވިދާޅުވީ ޓެރަރިޒަމްގެ މިފަދަ ހަމަލާތައް މަދުކުރުމަށް ރާއްޖެއިން މިހާރު ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. ޓެރަރިޒަމާއި، ހަރުކަށި ފިކުރާއި، ދީނަށް ފުރައްސާރަކުރުން ފަދަ ކަންކަމުގައި ގެންގުޅޭ ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހިފައިވާކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މިފަދަ ކަންކަމުގައި ބަދަލު ހިފުމުގެ ބަދަލުގައި ހިކުމަތްތެރިކަން އިސްކުރަންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއަކީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށާއި، މި ހަމަލާ ދީފައިވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ކަމަށް ސަރުކާރުން ބުނެފައިވާ ވަގުތެއްގައެވެ.

މި ޓެރަރިސްޓު ހަމަލާ ދިނުމުގައި ޝާމިލްވާ ފަރާތްތައް ހޯދުމަށް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާއިރު، މި މަސައްކަތުގައި އޮސްޓްރޭލިއަން ޕެޑެރަލް ޕޮލިސް ޓީމުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. މި މައްސަލައިގައި ހިމެނޭ ކަމަށް ބުނާ 3 މީހަކު މިހާތަނަށް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި 2 މީހުންނަކީ މއ. ފޭރުގެ، 21 އަހަރުގެ މުޖާޒް އަހުމަދާއި، ގއ. ކޮނޑޭ، ފޮޅޭމާ 32 އަހަރުގެ ތަހުމީން އަހުމަދެވެ. އެއަށްފަހު މިމަހުގެ 9 ވަނަ ދުވަހު ފުލުހުން ވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ތިން މީހުންގެ އިތުރުން އަދިވެސް އިތުރު މީހަކު މިކަމުގައި ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމީހާގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މި ތިން މީހުން ވެސް ވަނީ މިކަން ކުރިކަމަށް ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް ކޯޓުން ވަނީ އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.