އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، ތުހުމަތު ކޮށްފައިވާ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި އެންމެން މަގާމުތަކުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހަޅުއްވައިފިއެވެ.

އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޖިނާއީ ތަހުގީގު ގޮސްފައިވާ ހިސާބު އޮޅުންފިލުވުމަށާއި އެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާތީ އެކަން ސާފުކުރުމަށް މަޖިލީހުގެ މެމްބަރަކު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ފުލުހުންނަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ދެންނެވުމުން އެހުރިހާ އިދާރާއަކުން ވެސް އެ މައުލޫމާތުތައް މަޖިލީހާއި ހިއްސާކޮށްފައިވާކަމަށް މި މަހުގެ 6 ވަނަ ދުވަހު މަޖިލީހުން ވަނި ބުނެފައެވެ.

ތަހުގީގީ އިދާރާތަކުން ފޮނުވި ލިސްޓް ދިރާސާކުރަމުން އަންނަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ، 241 ކޮމިޓީއާއި، މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ގުޅިގެން އުފައްދާފައިވާ ޖޮއިންްޓް ކޮމިޓީއަކުންނެވެ.

ކޮމިޓީިން ރޭ ބޭއްވި ބައްދަލުވުމުގައި އީވާ ވިދާޅުވީ، ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުން މިވަގުތު އެންމެ އިސްކަމެއް ދޭންޖެހޭނީ ސަރުކާރުގެ މަޤާމުތަކުގައި މިހާރު ތިއްބެވި މީހުންނަށް ކަމަށާއި، ސަބަބަކީ އެމީހުން މަޤާމުގައި ތިބެގެން ތަހުގީގަށް ނުފޫޒް ފޯރުވުމާއި، ދައުލަތުގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތުމުންކަމަށެވެ.

އީވާ ވިދާޅުވީ ދައުލަތުގެ ކަންކަމުގައި ހަވާލުވެފައި ތިބި މީހުންނަކީ އެމީޙުންގެ މަސައްކަތުން އެމީހުން ބޮޑެތި ބާރުތަކަކާއި ޒިންމާތަކަކާއި މައުލޫމާތު ލިބިގެންވާ ބައެއް ކަމަށާއި، އެ ބާރު ބޭނުން ކޮށްގެން ކުރާ ކަންކަމުން ރައްޔިތުންނަށް ވަރަށް ބޮޑަށް އަސަރު ކުރާނެ ކަމަށެވެ.

ތަހުގީގީ އިދާރާތަކަށް އެމީހުންގެ މައްޗަށް ދައުވާކުރެވޭނެ ވަރަށް ހެކި ނެތްނަމަވެސް އަދި ދައުވާ ސާބިތު ނުކުރެވުނުނަމަވެސް އެމީހުން ސަރުކާރުގެ މަޤާމުތަކުން ދުރުކުރުމަށް އީވާ ވަނީ ހުށައަޅުއްވާފައެވެ.

"މިސާލަކަށް މަސައްކަތުން ދުރު ކުރެވޭވަރުގެ މީހެއް މިފަދަ ބޮޑު ހިޔާނާތެއްގައި ބައިވެރިވެފައި އޮތިއްޔާ އަޅުގަނޑުމެން ޖެހެނެއޭ ސަޖެސްޓްކުރަން ރިޕޯޓުގަ ރެކޮމެންޑޭޝަނަކަށް. އެ ރެކޮމެންޑޭޝަން ވާންޖެހޭނެއޭ މިހާރުން މިހާރަށްވެސް މަސައްކަތުން ދުރުކުރަން. އެސެޓް ރިކަވަނީ ކޮމިޝަންއާއެކު އަޅުގަނޑުމެން ކުރި މަޝްވަރާގެ ދަށުން އަޅުގަނޑަށް ފާހަގަކުރެވުނު އެބޭފުޅުންގެ މަސައްކަތް ފަސޭހަކޮށްދޭންވެސް، އަދި އެކޮމިޝަންގެ ތަހުގީގުތަކަށްފަހު މީގަ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަންއާއި، އަދި ޕްރޮޝެކިއުޝަންއިންވެސް ކުރާނެ މަސައްކަތުގެ އަދި އޭގެވެސް އިތުރުން ދިވެހި ރާއްޖޭގަ ފައިނޭންޝަލް ކްރައިމް ހަރުދަނާ ކުރުމަށް ކުރެވޭނެ އެތައް ކަންކަމެއް އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް ފާހަގަކޮށްދެއްވި. އެހެންވީމަ އެކަންކަންވެސް ރިކޮމެންޑޭޝަންގަ ލާން އަޅުގަނޑަށް ފެނޭ."
މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

މިކޮމިޓީ ބައްދަލުވުމުގައި އީވާވަނީ ފައިނޭންޝަލް ކްރައިމްސް ހުއްޓުވުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ކޮމިޓީން ލަފާދޭ ކަންކަމުގެ ގޮތުގައި ހިމެނުއްވުމަށްވެސް ހުށައަޅުއްވާފައެވެ.

މިމައްސަލާގައި ކުރީ ސަރުކާރާއި މިސަރުކާރުގައި ހިމެނޭ ބައެއް ބޭފުޅުންނާއި އެހާރާއި މިހާރުގެ މަޖިލިސް މެންބަރުންވެސް ހިމެނޭކަމަށާއި، ނަމަވެސް އެ މައްސަލަ ނުބެލި ދިގުލައިގެންދާތީ، އަވަސްކޮށްދެއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހުގެ ރައީސްއަށް މިދިޔަމަހު ސިޓީއެއް ފޮނުވާފައެވެ.

މަޖިލީހުގައި ވާހަކަައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިމައްސަލަ ބެލުމަށް މަޖިލީހުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް މީގެކުރިން ވިދާޅުވެފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަ ދުނިޔޭގެ ފޮރެންސިކް މާހިރުން މެދުވެރިކޮށް 70 މިލިއަން ޑޮލަރު ހޯދައި ރާއްޖޭގެ ޚަޒާނާއަށް ގެނެވޭނެ ގޮތް އެބައޮތް ކަމަށެވެ. މެންބަރުން ބޭނުންފުޅުވާނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ 267 މީހެއްގެ ލިސްޓެއް އޮތް ކަމަށް މައްސަލަ ބަލަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރީން ބުނި ނަމަވެސް ކޮމިޓީއަށް ފޮނުވާފައިވާ ލިސްޓުގައި މިހާރު 281 މީހުން ހިމެނޭ ކަމަށް ކޮމެޓީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ސަރުކާރުގެ އެގްޒެކެޓިވް ލެވެލްގެ ހަތްބޭފުޅަކާއި ކުރީ ސަރުކާރުގެ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންގެ ތެރެއިން 44 މެންބަރަކަށް އެކި ފަހަރުމަތިން މިފައިސާ ދީފައިވާ ކަމަށާއި، މިހާރުގެ މެންބަރުންގެ ތެރެއިން 16 މެމްބަރަކާއި މިނިވަން މުއައްސަސާތަކުގައި ތިއްބެވި ބައެއް ފަރާތްތަކާއި ކުރިއާއި މިހާރުގެ ބައެއް ފަނޑިޔާރުން ހިމެނޭކަމަށާއި 7 އޮފިސަރަކަށް އެހީގެގޮތުގައި މިފައިސާ ދީފައިވާކަން ފުލުހުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.