މި ސީޒަން ނިމުމުން މިއަހަރުގެ ހޫނު މޫސުމުގެ ތެރޭގައި އިޓަލީގެ ގަދަ ބާރު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާކަމަށް ތަޖުރިބާކާރު ކީޕަރު ޖިއާންލުއިޖީ ބުފޮން ބުނެފިއެވެ.
މީޑިއާ އަކަށްދިން އިންޓަވިއުއެއްގައި ބުފޮން ބުނީ ޔުވެންޓަސްގައި ހުރެ އޭނާ ދާންބޭނުންވާ މަންޒިލާ ހަމައަށް ވާސިލް ވެވިއްޖެކަމަށް ގަބޫލު ކުރާކަމަށާއި މިއީ ދެން އެއްފަރާތްވެލަންވީ ވަގުތުކަމަށެވެ.
އަދި ޔުވެންޓަސް އާއިއެކު އުފާވެރި ކާމިޔާބު ދުވަސްތަކެއް ހޭދަކުރެވިއްޖެ ކަމަށާއި މި ސީޒަން ނިމުމުން ކުލަބު ދޫކޮށްލަން ނިންމާފައިވާކަން އޭނާ ހާމަކޮށްފައިވެއެވެ. މުސްތަގްބަލުގައި ގުޅޭނެ ޓީމަކާއި ބެހޭގޮތުން ވާހަކަދައްކަމުން ބުފޮން ބުނީ މިއީ ކެރިއަރުގެ ނިމުން ކަމަށްވުން ވެސް ގާތްކަމަށާއި އެހެންނަމަވެސް އަންނަ ހުށަހެޅުންތަކާއިމެދު ގޮތެއް ނިންމާނީ އެ ހުށަހެޅުމެއް އައުމުން ވަރަށް ފުންކޮށް އެކަމާއި ވިސްނުމަށްފަހުގައި ކަމަށެވެ.
2006 ވަނަ އަހަރު އިޓަލީ އާއިއެކު ފީފާ ވޯލްޑް ކަޕްވެސް ކާމިޔާބުކޮށްފައިވާ ތަޖުރިބާކާރު ކީޕަރު ދެ ފަހަރެއްގެ މަތިން ޔުވެންޓަސް އާއި ގުޅެ، 10 ފަހަރަށް އެޓީމާއެކު އިޓާލިއަން ލީގް ކާމިޔާބުކޮށްފައެވެ. 2018 ވަނަ އަހަރު ޔުވެންޓަސް ދޫކޮށް ފްރާންސްގެ ޕީއެސްޖީގައި އެއް ސީޒަން ހޭދަކުރުމަށްފަހު ބުފޮން އަލުން ޔުވެންޓަސް އާއި ގުޅިފައިވަނީ 2019 ވަނަ އަހަރުއެވެ.
43 އަހަރުގެ ބުފޮން 2018 ވަނަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ގައުމީ ޖާޒީގައި 176 މެޗު ކުޅެފައެވެ. އަދި 656 މެޗާއި އެކު ބުފޮން އަކީ އިޓާލިއަން ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިއާގެ ރެކޯޑްވެސް ހަދާފައިވާ ދުނިޔެދުށް އެންމެ މޮޅު އެއް ގޯލް ކީޕަރެވެ.