ޓެރަރިޒަމްގެ ކުށްތަކާއި އެފަދަ ކުށްކުށަށް ހިތްވަރުދޭ ސިވިލް ސަރވިސް މުވައްޒަފުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ސަރކިއުލަރއެއްގައި ބުނެފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ބަޔާކޮށްފައިވާ އެއްވެސް ޢަމަލެއް ކޮށްފިނަމަ ނުވަތަ އެފަދަ ކަމަމަކަށް ހިތްވަރުދޭ އަމަލެއް ކޮށްފިނަމަ، ދިވެހި ސިވިލް ސަވިވިސްގެ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މައްސަލަ ބަލައި އެފަދަ މީހުންނާމެދު އިދާރީ ފިޔަވަޅު އަޅާނެކަމަށެވެ.

ސަރކިއުލަރގައި ބުނީ ޓެރަރިޒަމްގެ އަމަލެއްކުރުމާއި ކުރަން އުޅުމާއި އެފަދަ ކަމެއްކުރުމުގައި އެހީތެރިވެދިނުމާއި އެއްވެސް ސިފައެއްގައި އެފަދަ އަމަލެއްގައި ބައިވެރިވުން ނުވަތަ ސީދާ ގޮތުންނާ ނުސީދާ ގޮތުންވިއަސް، ޓެރަރިޒަމްގެ ޤާނޫނުން މަނާކުރާކަމަށް ހިތްވަރުދޭ އަމަލެއް ކުރާނަމަ އެމައްސަލައެއް ބަލާނެ ކަމުގައެވެ.

މީގެތެރޭގައި މީޑިއާގެ ވަސީލަތްތަކާއި އެނޫންވެސް ވަސީލަތްތައް ބޭނުންކުރުމުގައާއި މުޖުތަމަޢުގައި އުޅޭ އުޅުމުގައިވެސް ޓޭރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ ކަންކަން ހިމެނެއެވެ.

ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދިނުމުގެ ގޮތުން ބޭނުންކުރާފަދަ ބަސްތައް ބޭނުންކުރުމާއި އެފަދަ ފޮޓޯ ނުވަތަ ވީޑިއޯ އާއްމުކުރުމާއި ޓެރަރިސްޓް ޖަމާތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ އެއްވެސް އަމަލެއް ސިވިލް ސަރވިސް މުވައްޒަފުން ނުހިންގުމަށް އެކޮމިޝަނުން ވަނީ އަންގާފައެވެ.

ސަރކިއުލަރގައި ހިމެނޭ ކަންކަމަށް ހުރިހާ މުވައްޒަފުންވެސް އަމަލުކުރަމުން ގެންދިއުމާއި، ސަރިކިއުލަރއާ ޚިލާފުވާ ސިވިލް ސަރވިސް މުވައްޒަފުންނާ މެދު ސިވިލް ސަރިވިސްގެ ޤާނޫނާ އެއްގޮތަށް މައްސަލަ ބަލައި އިދާރީ ފިޔަވަޅު އަޅާނެކަމަށް ކޮމިޝަނުންވަނީ ބުނެފައެވެ.

ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް އެކި ޕްލެޓްފޯމްގައި ވާހަކަދައްކާ ފަރާތްތައް ހޯދާ އެފަދަ މީހުންނާމެދު، ފިޔަވަޅު އަޅާނެކަމަށް ފުލުހުންވެސްވަނީ މީގެކުރިން ބުނެފައެވެ.