• ޚިޔާނާތުގެ ލިސްޓުގައި ރައީސް ޔާމީންގެ ކެބިނެޓުގެ 13 ވަޒީރެއްގެ ނަން
  • ޚިޔާނާތުގެ ފައިސާ ލިބުނުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން 281 މީހަކަށް ތުހުމަތުކުރޭ
  • މިމައްސަލައިގަ އޮޑިޓަރޖެނެރަލް ޒިޔަތު ވަނީ އިސްތިއުފާދެއްވާފަ

ވަޒީރުންނަކީ އޭރަކު އޮންނަ ސަރުކާރެއްގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ، އެމަނިކުފާނުގެ ކެބިނެޓްގެ ބޭފުޅުންނެވެ. އެއީ އެއިރެއްގެ ރައީސަކަށް އެންމެ އިތުބާރުކުރެއްވޭ، މަޖިލިހަށްވެސް އިތުބާރު އޮންނަ ބޭފުޅުންނެވެ. އަދި އެއީ ކޮންމެ ވުޒާރާއެއް އެންމެ އިސްކޮށް ހިންގަވަން ތިއްބަވާ ބޭފުޅުންނެވެ. ސަރުކާރެއް އެންމެ އެކަށޭނެ ގޮތަކަށް ހިންގޭނީ މިބޭފުޅުންނަށްނ ރައްޔިތުންކުރާ އިތުބާރުވެސް ބޮޑުވެގެންކަން ޔަގީނެވެ. އެހެންނަމަވެސް ރާއްޖޭގައި މި ދިމާވީ ތަފާތު ގޮތެކެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލަކީ ނުވަތަ ބޮޑު ޚިޔާނާތަކީ، އެންމެ ބޮޑު ވައްކަމަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތެވެ. މިޚިޔާނާތުގެ ތަހުގީގުތައް އެތައް މުއައްސަސާއަކުން ހުއްޓާނުލާ ކުރިއަށްގެންދާއިރު މިޚިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ބުނާ 281 ފަރާތެއްގެ ވަނަވަރު މިވަނީ އާންމުވެފައެވެ. ލިސްޓުގައި ހިމެނޭ ބައެއް ނަންތަކަކީ ތުންތުން މަތިން މީހުން މިއަދާ ހަމއަށްވެސް ކިޔަމުންދިޔަ ނަންތަކެކެވެ. އެހެންނަމަވެސް އެނަންތައް ލިސްޓުގައި ހިމެނޭ ކަމަށް އޭރުކުރެވުނު ޝައްކު ހަގީގަތަކަށް ބަދަލު މިވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިީޓީ އާއި ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ ހިމެނޭގޮތަށް އެކުލަވައިލި ޖޮއިންޓް ކޮމިޓީން އެމްއެމްޕީއާރުސީގެ ތަހުގީގު ލަސްވަމުންދާ މައްސަލަ ބަަލައި އެ ކޮމިޓީން ނެރުނު ރިޕޯޓާއެކު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ތުހުމަތު ކުރާ 281 މީހުން ހިމެނޭ ލިސްޓު އާންމުކުރުމުންނެވެ.

މި ލިސްޓުގައިވާގޮތުން، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބު ފަރާތްތަކުގެ ތެރޭގައި އެކަމުގައި އެންމެ އިސްކޮށް އުޅުނު ކުރީގެ ނާއިބު ރައީސް އަދި ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން، ރައީސް ޔާމީންގެ އެންމެ ފަހުގެ ނާއިބު ރައީސް އަދި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަބުދުﷲ ޖިހާދުގެ ނަންވެސް ހިމެނެއެވެ. އަދީބަށް ލިބުނު ފައިސާގެ އަދަދު ނެތްއިރު، މައްސަލައިގެ ތަހުގީގު އޮތީ، މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޖިހާދަށް ހިޔާނާތުގެ ފައިސާއިން 200،000 ރުފިޔާ ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާއިރު މައްސަލައިގެ ތަހުގީގު އޮތީ، މައުލޫމާތު އެއްކުރުމުގެ މަރުހަލާގައެވެ.

ރައީސް ޔާމީންގެ ވަޒީރުންގެ މަޖިލިހުގެ މެމްބަރުންގެތެރެއިން އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި، ހެލްތު މިނިސްޓަރުކަން ކުރެއްވި، އަބުދުﷲ ނާޒިމް އިބްރާހިމާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އެޑިއުކޭޝަން މިނިސްޓަރު އައިޝާތު ޝިހާމާއި، ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ދެވަނަ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި، ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދެވަނަ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލްގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ ނަން ވެސް މިލިސްޓްގައި ހިމެނިފައިވެއެވެ.

މި ލިސްޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެތެރެއިން ފައިސާ ލިބުނު އަދަދު ބަޔާންކޮށްފައިވާ ބޭފުޅުންގެތެރެއިން، އެޑިއުކޭޝަން މިނިސްޓަރު އައިޝާތު ޝިހާމާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް، ކޮންމެ ބޭފުޅަކަށް 200،000 ރުފިޔާ ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. އޭރުގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލަށް 200،000 ރުފިޔާ ލިބިފައިވާ ކަމަށް ލިސްޓުގައި ތުހުމަތު ކޮށްފައިވާ އިރު، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަށް ލިބުނު ކަމަށް ތުހުމަތު ކޮށްފައިވަނީ 300،000 ރުފިޔާ އާއި 20،000 ޔޫއެސް ޑޮލަރެވެ. އަދި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލަށް ދިން ފައިސާގެ އަދަދު ދެ މިލިއަނަށް އަރާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

ރައީސް ޔާމީން ސަރުކާރުގެ ފިޝަރީޒް މިނިސްޓަރުކުކަން ކުރެއްވި ޑރ. މުހައްމަދު ޝައިނީއަށް 15،000 ޑޮލަރު ހިމެނޭގޮތުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވާ އިރު، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމަށް ލިބިފައިވާ ފައިސާގެ ޖުމުލަ އަދަދު 5.9 މިލިއަނަށްވުރެ މައްޗަށް އަރާ ކަމަށްވެސް ލިސްޓުގައިވެއެވެ. އަދި އެންވަރަމެންޓް މިނިސްޓަރ ތޯރިގު އިބްރާހީމަށް 200،000 ރުފިޔާ ލިބުނު ކަމަށް ތުހުމަތުކޮށްފައިވާއިރު، އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަށް 20،000 ޑޮލަރު ހިމެނޭގޮތުން 8.3 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. ޓުއަރިޒަމް މިނިސްޓަ މޫސާ ޒަމީރާއި ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމް ދީފައިވާ އަދަދު ލިސްޓްގައި އެނެން ނެތްނަމަވެސް ތަހުގީގު އޮތީ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައެވެ.

ރާއްޖޭގައި ވަޒީރުކަން ކުރެއްވި 13 ބޭފުލަކު ވަޒީރުކަން ކުރެއްވިއިރު މިފަދަ ބޮޑު ޚިޔާނާތެއްގެ މަންފާ ލިބިފައިވާކަމީ މިއަދު ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އެއީ ރައްޔިތުންގެ ފައިސާއަށް މިހާބޮޑު ޚިޔާނާތެއްވި އިރު ރައްޔިތުންނަށް އޭގެ މައުލޫމާތު ގެނެސްދޭން ނުވަތަ އެފައިސާތައް ސަލާމަތްކުރާނެ ކަމަށް ރައްޔިތުން އިތުބާރު ދީފައިވާ ބަޔަކަށް މިފަދަ ތުހުމަތުތަކެއް ކުރެވުމެވެ. އަދި މީގެތެރެއިން ގިނަ ބޭފުންނަކީ އޭރު ކުރެވުނު އިތުބާރާ އެކު މިހާރުވެސް ރައްޔިތުންގެ ބަސް ސަރުކާރަށް އިއްވަން ރައްޔިތުންގެ މަޖިލިހަށް އެ ރައްޔިތުން ހޮވާފައިވާ މެމްބަރުންނެވެ. ސުވާލަކީ ދެން ރައްޔިތުން މިފަދަ މަގާމްތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ކުރާނީ ކޮން އިތުބާރެއްތޯއެވެ. އިތުބާރުކިޮށްފަ ދައުލަތުގެ ޚަޒާނާ އާއި ރައްޔިތުންގެ މާލިއްޔާ ހަވާލުކުރާނީ ކޮންބަޔަކާތޯއެވެ. ލިބޭތާ ލިބިގަތުމަކީ ރައްޔިތުންގެ މޫނުގައި ކޮޅުފައިން ޖެހުން ނޫންތޯ ހަމަ ސުވާލު އުފެދެއެވެ. އަދި މިއީ ވަޒީރުކަން ކުރެއްވި ބޭފުޅުންނާ މިހާރު ތިއްބެވި ވަޒީރުންނަށްވެސް ބޮޑުހުތުރަކަށް ނުވޭތޯއެވެ.