އިސްރާއީލަށް ކުރާ ބައިނަލްއަގްވާމީ ހުރިހާ ވައިގެ ދަތުރުތައް ހުއްޓާލަން ފަލަސްތީނުގެ ޖަމާއަތްތަކުން ދުނިޔޭގެ ގައުމުތަކަށް ގޮވާލައިފިއެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން ބުނެފައިވަނީ، އިސްރާއީލަށް އަމާޒުކޮށް ދެމުންގެންދާ ރޮކެޓް ހަމަލާތަކުން ސަލާމަތްވާން ބޭނުންނަމަ ދަތުރުތައް ވަގުތުން ހުއްޓާލުމަށެވެ.

މުޖާހިދުން މިކަމަށް ގޮވާލުމުގެ ކުރިންވެސް ބްރިޓިޝް އެއަރވޭޒް، ވާރޖިން އެޓްލާންޓިކް، ލުފްތާންސާ އަދި އައިބީރިއާފަދަ އެއަރލައިންތަކުންވަނީ އިސްރާއީލުގެ ތެލްއަވީވަށް ކުރާ ދަތުރުތައް ކެންސަލްކޮށްފައެވެ. ޔޫރަޕްގެ އެހެން އެއަރލައިންތަކުންވެސް ގެންދަނީ ދަތުރުތައް ކެންސަލް ކުރަމުންނެވެ.

ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކުން މިއަދު ފުރަތަމަ ފަހަރަށްވަނީ އިސްރާއީލުގެ އެއަރޕޯޓަކަށް ރޮކެޓް ހަމަލާތައް ދީފައެވެ. ހަމަލާތައް ދީފައިވަނީ ޣައްޒާއާއި 250 ކިލޯމީޓަރު ދުރުގައި އޮންނަ ރާމޮން އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ހަމަލާތަކުގެ ބިރަށް އިސްރާއީލުގެ އެންމެ ބޮޑު އެއަރޕޯޓް ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓް މިހާރު ބަންދުކޮށްފައި ވާއިރު، ޣައްޒާގެ ތެރެއިން އަންނަ ރޮކެޓްތަކާހެދި ގޮތްހުސްވެ، އިސްރާއީލުން މިހާރުވަނީ ޣައްޒާއާ އެންމެ ދުރުން އިސްރާއީލުގެ ދެކުނުގައި ހަދާފައިވާ ބެކަޕް އެއަރޕޯޓް އެކްޓިވޭޓް ކޮށްފައެވެ.

ހަމާސް ޖަމާއަތާއި، ފަލަސްތީނުގެ މުޖާހިދުންގެ ހުރިހާ ޖަމާއަތްތައް ގުޅިގެން އިސްރާއީލުގެ އެކި ރަށްތަކަށް ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކަށްވެސް ގެންދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިސްރާއީލު ސިފައިންނަށާއި، ފުލުހުންނަށްވެސް މުޖާހިދުންގެ ވަރުގަދަ ހަމަލާތަކެއް އަމާޒުވަމުން ދާއިރު، ފުލުހުންގެ ވެހިކަލްތަކުގައި ރޯކޮށްލުމާއި، ޕޯސްޓްތަކަށް ހަމަލާ ދިނުމުގެ އިތުރުން، ފަލަސްތީނުގެ ޒުވާނުން ނުކުމެ ގެންދަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހަދާފައިވާ ޔަހޫދީ އާބާދީތަކުގެ ތަންތަނަށް ބޮޑެތި ގެއްލުންތައް ދެމުންނެވެ.

ފަލަސްތީނުގެ މުޖާހިދުން ރޭގައިވަނީ، އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ގާއިމްކުރި އެންމެ ފުރަތަމަ އާބާދީއަށްވެސް ރޮކެޓް ހަމަލާތައްދީ ބޮޑެތި ގެއްލުންތައް ދީފައެވެ.

ފަލަސްތީނުގެ ބިމުގައި ހެދި އިސްރާއީލުގެ ފުރަތަމަ އަވަށަށް ރޭގައި ދެވުނު ހަމަލާތަކުގައި ލިބިފައިވާ ގެއްލުންތައް:

އިސްރާއީލާ ދެކޮޅަށް ޖަމާއަތްތައް ގުޅިގެން ދެމުންގެންދާ ހަމަލާތަކުގެ ތަރުޖަމާނު އަބޫ އުބައިދާވަނީ، އެއްގަމާއި، ވަޔާއި ކަނޑުގެ ފައުޖު އެއްކޮށް، ލިބިފައިވާ ހުރިހާ ބާރެއް ތައްޔާރީ ހާލަތަށް ގެނައުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ، ފަލަސްތީނުގެ ޖަމާއަތްތައް މިހާރު ތިބީ އިސްރާއީލު އަމިއްލަ ނަފްސަށް ބަދުދުއާ ކުރާންޖެހޭ ވަރަށް ގެއްލުންތައް ދިނުމަށް ތައްޔާރުވެގެން ކަމަށެވެ.

މިފަހަރުގެ ހަމަލާތަކުގައި އަލް-ޣައްސާމް ބްރިގޭޑުން ފުރަތަމަ ފަހަރަށްވަނީ އިސްރާއީލަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެވެ. މިކަމުންވެސް އިސްރާއީލަށް ބޮޑު ސިހުމެއްވަނީ ލިބިގެން ގޮސްފައެވެ.

ހަމާސްއާއި އިސްރާއީލާ ދެމެދު މީގެކުރިން ކުރެވުނު ހަނގުރާމަތަކުގައިވެސް އިސްރާއީލުން ފަހުވަގުތު ފަހަތަށް ޖެހިފައިވަނީ، މުޖާހިދުންގެ ޖަމާއަތްތަކުގެ ހަމަލާތަކަށް ކެތްނުވެގެންކަން ފާހަގަކޮށްލެވެއެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާގެ އުތުރަށް މިއަދު ބޮން އެޅުމުގެ ސަބަބުން އާންމުންގެ ގެތަށް ސުންނާފަތިވެފައި:

އަނެއްކޮޅުން، އިސްރާއީލުގެ އުދުވާނީ ބާރުތަކުން މިއަދުވެސްވަނީ ޣައްޒާގެ އެތަން މިތަނަށް ބޮން އަޅާފައެވެ. އާންމުންގެ ގެތަކަށްވެސް ބޮންއަޅައި ބޮޑެތި ގެއްލުންތައް ދީފައެވެ.

މި ހަމަލާތަކުގައި، އެކި އަވަށްތަކުން އާންމުން ޝަހީދުވެފައިވާ ކަމަށް ޣައްޒާއިން ލިބޭ ޚަބަރުތައް ބުނާގޮތުގައި، މިއަދުގެ މެންދުރުގެ ކުރިއާ ހަމައަށް ހަމަލާތަކުގައި ޝަހީދުވި މީހުންގެ ޖުމްލަ އަދަދުވަނީ 87 އަށް އަރާފައެވެ.