ޣައްޒާ-އިސްރާއީލު ވަކިކުރާ އިމަށް ބަރު ހަތިޔާރު ޖަމާކޮށް، އިސްރާއީލުގެ އުދުވާނީ ބާރުތަކުން އެއްގަމު މަގުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އިސްރާއީލުން ހަމަލާތައް ދޭން ފެށުމުން އެހިސާބުގައި ދިރިއުޅޭ ފަލަސްތީނުގެ އާންމުން ގެދޮރު ދޫކޮށް ފުރާނައިގެ ސަލާމަތަށް އެދިގެން އެހެން ހިސާބުތަކަށް ދާން ފަށާފައިވާ ކަމަށް މީޑިއާއިން ބުނެއެވެ. 200 އެއްހާ މީހުން އދގެ ސްކޫލުން ހިމާޔަތް ހޯދާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެއްގަމު މަގުން ޣައްޒާއަށް ހަމަލާދޭން ފެށުމަކީ ހަތަރުދުވަސްވީ ކުރިމަތިލުމުގައި މުޅިން އައު މަރްހަލާއެއް ކަމަށް މީޑިއާއިން ބުނެއެވެ.

ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ އިރުމަތީ ސަރަހައްދު ތަކަށެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ވޭތުވެދިޔަ ހަތަރު ދުވަހު ޣައްޒާއަށް ހަމަލާތައް ދީފައިވަނީ އަސްކަރީ މަތިންދާ ބޯޓުތައް ބޭނުންކޮށްގެން ބޮން އަޅައިގެންނާއި، މިސައިލް ހަމަލާތައް ދީގެންނެވެ.

އެއްގަމު މަގުން ހަމަލާތައް ދޭން ފެށުމުން، ފަލަސްތީނު އާންމުންގެ ގިނަބަޔަކު ޝަހީދުވެ އަދި ޒަޚަމްވުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާއިން ރިޕޯޓްކުރެއެވެ.

އަނެއްކޮޅުން، އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށްވެސް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން، ބޮޑުބަޑިއާއި، ބަރު ހަތިޔާރު ސަރަހައްދީ އިމަށް ޖަމާކުރުމުގެ އިތުރުން، އިސްރާއީލުގެ ދިފާއީ ވަޒީރު މިހާރުވަނީ ރިޒާވް ސިފައިންގެ އިތުރު 9،000 ސިފައިންގެ ފައުޖެއް ހަނގުރާމައަށް ނެރުމަށް ހުއްދަ ދީފައެވެ.

ހަމާސްއިން ވެރިކަންކުރާ ޣައްޒާއަކީ، އިސްރާއީލުން 2007 ވަނަ އަހަރުން ފެށިގެން އެއްގަމާއި، ވަޔާއި އަދި ކަނޑުމަގުން ވަށައިގެން ބަންދުކޮށް ހިސާރުކޮށްފައިވާ ރަށެކެވެ.

އެއްގަމު މަގުން ޣައްޒާއަށް އަރައިގަނެ މީގެކުރިންވެސް އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހަމަލާތައް ދީފައި ވެއެވެ.

ނަމަވެސް، ހަމާސްއާއި، ޣައްޒާގެ މުޖާހިދުންގެ ޖަމާއަތްތަކުން ފިލާތިބެ ދޭ ކުއްލި ހަމަލާތަކާއި، އެމީހުން ޖަހާފައި ހުންނަ ދަންތުރަތަކުގެ ސަބަބުން އިސްރާއީލު ސިފައިންނަށް ލިބޭ ގެއްލުންތައް ބޮޑުކަމުން، އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަކީ އިސްރާއީލު އަބަދުވެސް ވަރަށް ބިރުގަންނަ އަދި ފަސްޖެހޭ ކަމެކެވެ.

އެހެން ޚަބަރެއް ބުނާގޮތުގައި، ލުބުނާނުގެ ތެރެއިންވެސް އިސްރާއީލާ ދިމާއަށް 3 މިސައިލް ފޮނުވާލައިފިއެވެ. މިކަން ލުބުނާނުގެ ސަލާމަތީ ބާރުތަކުންވަނީ ކަށަވަރުކޮށް ދީފައެވެ.

ލުބުނާނުގެ ސަލާމަތީ ބާރުތަކާ ހަވާލާދީ އެގައުމުގެ މީޑިއާއިން ބުނެފައިވަނީ، މިސައިލްތައް ފޮނުވާލާފައިވަނީ ލުބުނާނުގައި ގާއިމްވެފައިވާ ފަލަސްތީނުގެ ޖަމާއަތަކުންނެވެ.

މިކަމާބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މިހާރު ކަންކަން ދާގޮތުން، ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ކޮޅުމަތި ފެންނަމުންދާ ކަމަށް ބުނެ އެކިއެކި ފަރާތްތަކުން ގެންދަނީ އިންޒާރުތައް ދެމުންނެވެ.