ރޯދަމަސް ނިމުނުކަމުގައި ވީނަމަވެސް، ހެޔޮ އަމަލުތައް ކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ހެޔޮއަމަލު ކުރުންމަތީ ދެމިހުރުމުގެ މުހިންމުކަން" މި މައުޟޫއަށް މިއަދުގެ ޚުޠުބާ ޚާއްސަކޮށްފަވާއިރު، ޙުތުބާގައި ބުނެފައިވަނީ، ރަމަޟާން މަސް އަލްވަދާއު ކިޔާފައިވާއިރު، އެމައްސަރުގައި އަޅުތަކުން ކުރި އަމަލުތަކުގެ ފަތްތައް މާތްﷲ ގެ ހަޒްރަތަށް އުފުލިގެންދާނެކަމަށެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ރަމަޟާން މަހު ނަމާދުގެ ޖަމާޢަތަށް ރައްކާތެރިވެ، ގިނަގިނައިން ޤުރްއާން ކިޔަވައި، މީސްތަކުންނަށް ހެޔޮފޯރުވައި އުޅުމަށްފަހު، ރަމަޟާން މަސް ނިމުމުން މިކަންކަމަށް ފަރުވާކުޑަކޮށް، ފާފަތަކަށް އަރައިގަންނަކަމީ ވިސްނަން ޖެހިފައިވާ ކަމެއްކަމަށް ހުތުބާގައި ވަނި ބުނެފައެވެ. މިއީ މީހަކު އެތައް ޚަރަދަކާއި، މަސައްކަތެއް ކޮށްގެން، ރަނގަޅު ބިނާއެއް ކުރުމަށްފަހު، އެ ބިނާ ފުނޑުފުނޑުކޮށްލުން ފަދަ ކަމެއް ނޫންތޯ ޚުޠުބާގައި ވަނީ ސުވާލުކޮށްފައެވެ.

ރަމަޟާން މަހަކީ މުޅި އަހަރުތެރޭގައި ކުރެވުނު ފާފަތައްފޮހެލުމަށް ﷲ ދެއްވާފައިވާ ރަނުގެ ފުރުޞަތެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، ރަމަޟާން މަސް ނިމުމަށް ފަހުވެސްހެ ޔޮޢަމަލުކުރުން މަތީ ދެމިތިބެންވީކަމަށެެވެ. އަޅުން ކުރާ ހެޔޮ ޢަމަލު، ﷲ ޤަބޫލުކުރެއްވިކަމުގެ ނިޝާންތަކެއްވާކަމަށާއި، އެއީ އެ ޢަމަލުތައް ކުރުން ދޫކޮށްނުލައި، ފާފަތަކަށް އަރައި ނުގަނެހުރުންކަމަށެވެ. ކުރެވުނު ހެޔޮ ޢަމަލުތައް ﷲގެ ޙަޟްރަތުގައި މަޤްބޫލު ޢަމަލަކަށް ނުވެހިނގައިދާނެތީ ބިރުވެތިވުންކަމަށެވެ. އަދި އިތުރު ހެޔޮ ޢަމަލުތައް ކުރުންމަތީ ދެމިހުރުމުގެ ތައުފީގު ލިބުންކަމަށެވެ.

ރަމަޟާން މަސް އަޅުގަނޑުމެންނަށް އަލްވަދާޢުކީ ކަމުގައިވިޔަސް އިސްލާމް ދީނުގައި ލައްވައިފައިވާ ހެޔޮކަމުގެ ފުރުޞަތުތައް ވަރަށް ގިނަކަމަށް ޚުޠުބާގައި ވަނި ބުނެފައެވެ. އޭގެތެރެއިން އެންމެ މުހިއްމު އެއް ފުރުޞަތަކީ ޝައްވާލުމަހުގެ ހަ ރޯދަކަންވެސް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ.

ހަ ރޯދައާބެހޭގޮތުން ކީރިތި ރަސޫލުﷲ صلى الله عليه وسلم ގެ ޙަދީޘެއްގައި ވެއެވެ. " ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު އެއާ ވިދިގެން، ޝައްވާލް މަހު ހަރޯދަ ހިފުމީ މުޅި އަހަރު ރޯދަ ހިފުން ފަދަ ކަމެކެވެ. "
ޚުޠުބާ

ޝައްވާލް މަހުގެ ހަ ރޯދަ ހިފަން އޮތް އެންމެ އިތުރު ގޮތަކީ ޝައްވާލު މަހުގެ ދެވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ހަ ދުވަހު ރޯދަ ހިފުން ނަމަވެސް ޝައްވާލް މަހުގެ ކޮންމެވެސް ހަ ދުވަހެއްގައި ވަކިވަކިން ހިފި ކަމުގައި ވިޔަސް ފުދޭނެކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. ހަދުވަހުގެ ރޯދައިގެ އިތުރުން މެދުފޮއި ރޯދަ އާއި ހޯމަ، ބުރާސްފަތި ދެ ދުވަހުގެރޯދަ އާއި، ޢަރަފާތް ދުވަހުގެ ރޯދަ އާއި، ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމަކީވެސް ގިނަގުނަ ދަރުމަ އާއި ޘަވާބު ހުރި ކަމެއްކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ސުންނަތް ރޯދައިގެ އިތުރުންވެސް ހެޔޮކަމުގައި މެދުނުކެނޑި ދެމިތިބުމަށްޓަކައި، ދަމު ނަމާދުކުރުމާއި، ކޮންމެ ދުވަހަކުވެސް ޤުރްއާނުން މިންވަރެއް ކިޔެވުމާއި، ކެރި ކުޅަދާނަވީ މިންވަރަކުން މާތް ﷲގެ މަގުގައި ހޭދަކުރުމާއި، ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމާއި އަވަށްޓެރިންނާއި، މައިންބަފައިންގެ ޙައްޤުތަކާއި، އަނބި ދަރީންގެ ޙައްޤު އަދާކުރުން ފަދަ ކަންތައްތަކަށް ރައްކާތެރިވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެއެވެ.