މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް އަތޮޅުތަކަށް އުދަ އަރަމުންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ބުނީ އުތުރުގެ އަތޮޅުތަކުގެ ތެރެއިން އުދައިގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ހއ. ހޯރަފުށި، ހއ. އުލިގަމު، ހއ. ތުރާކުނު، ހއ. ދިއްދޫ ށ. މިލަންދޫ، ށ. ފުނަދޫ، އަދި ށ. ކޮމަންޑޫ އަށް ކަމަށެވެ. އުދައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެ ސަރަހައްދުތަކުގެ ޓާސްކްފޯސްތައް ހަރަކާތްތެރިވަމުންދާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

އެގޮތުން ހއ. ހޯރަފުއްޓަށް ގަދަވަޔާއި އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ރަށު ކައުންސިލާއި އެ ރަށުގައި މަސައްކަތްކުރާ ފުލުހުން ހަރަކާތްތެރިކަމުންދާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އިތުރު އެހީތެރިކަން ބޭނުން ވެދާނެ ކަމަށް ނޮދަރން އޭރިއާގެ ސިފައިން ތައްޔާރުވެފައިވާކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

މީގެ އިތުރުން މެދުރާއްޖެތެރޭގެ ގިނަ ރަށްރަށަށް ވެސް އުދަ އަރަމުންދާކަމުގެ ރިޕޯޓުތައް ދަނީ ލިބެމުންނެވެ.އެގޮތުން ކ. ދިއްފުއްޓަށް ވަރަށް ބޮޑަށް އުދަ އަރާފައިވާކަމުގެ މައުލުމާތު ވަނީ ލިބިފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުށީ ގެއެއްގެ ފުރާޅު ވެސް މިއަދު ވަނީ އެއްލާލާފައެވެ. ފުރާޅު އެއްލާލުމާއި ގުޅިގެން އެ ރަށު ކައުންސިލާއި، ފުލުހުން އަދި ސިފައިން ގުޅިގެން ވަގުތީ ގޮތުން ފުރާޅެއް އަޅައިދީފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ށ. ކޮމަންޑޫއަށް ވިއްސާރަކޮށް ފެން ބޮޑޫވުމުގެ ސަބަބުން ފެންހިންދުމުގެ މަސައްކަތް އެރަށުގައި މިހާރު ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.

ކުރިޔަށް އޮތް ތިންދުވަހު އުތުރާއި މެދުރާއްޖެ ތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

މިމަހުގެ 10 ވަނަދުވަހުން ފެށިގެން ރާއްޖެއަށް ކުރަންފެށި ވިއްސާރައާއެކު މިމަހުގެ 12 ވަނަދު ވަހު ރާއްޖެއަށް ހުޅަނގު މޫސުން މިވަނީ ފެށިފައެވެ. މިމަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް ކުރި ވިއްސާރައިގައި އައްޑޫގެ 176 ގެއެއްގައި ފެން ބޮޑުވެ، އެމްއެންޑީއެފްގެ ސަދަން އޭރިޔާ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.