ކޮވިޑް-19 ބަލީގައި މިއަދު ދެވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު މި ބަލީގައި ހަތަރުވަނައަށް މަރުވި މީހާއަކީ އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމަށް ގެންދިޔަ 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައިވަނީ މިއަދު މެންދުރު 12:48 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މި މަރާއެކު ކޮވިޑް-19 ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 91 އަށް އަރާފައެވެ.

މިއަދު މި ބަލީގައި އިތުރު 3 މީހަކު މަރުވެފައިވާއިރު، އެންމެ ފުރަތަމަ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމެޓްކޮށްފައި އޮތް 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނަ މަރުވެފައިވަނީ ރޭ ދަންވަރު 02:45ގައެވެ.

ދެވަނައަށް މަރުވީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމެޓްކޮށްފައި އޮތް މީހެކެވެ. އެއީ 64 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނަ މަރުވެފައިވަނީ މިއަދު ހެނދުނު 06:30 ގައެވެ.

ތިންވަނައަށް މަރުވި ޑީއެޗް11 ގައި އެޑްމެޓްކޮށްފައި އޮތް 86 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނަ މަރުވެފައިވެފައިވަނީ މިއަދު 09:05 ގައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ބަލި ފެތުރެމުންދާއިރު، އިއްޔެވެސް ރާއްޖެއިން އިތުރު 1،216 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވެފައިވެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1،013 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 201 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. އެކަކު ނިސްބަތްވަނީ ރިސޯޓްތަކަށެވެ. އެކަކު ނިސްބަތްވަނީ ކަނޑުމަތީގެ އުޅަނދަކަށެވެ.

އަލަށް ޕޮޒިޓިވްވި 1،216 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 41،308 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 13،784 ގައެވެ. މީގެތެރެއިން 259 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.