މޭމަހުގެ 6 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް، ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލުން ފަރުވާ ހޯއްދަވަން ފަށްޓަވައިފިއެވެ.

މިކަން ރައީސް ނަޝީދުގެ އާއިލާއިން ވަނީ ވީނިއުސްއަށް ކަށަވަރުކޮށްދީފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ގިނަ ޒަހަމްތަކަކަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާ ހޯއްދަވާފައެވެ. އެގޮތުން ރައީސް ނަޝީދުގެ ގިނަ ސާޖަރީތަކެއް ވަނީ އޭޑީކޭ ހޮސްޕިޓަލުން ކޮށްފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ދިން ފަރުވާތަކަށްފަހު އިތުރު ފަރުވާއަށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ރައީސް ނަޝީދު ވަނީ ޖަރުމަނަށް ފުރާ ވަޑައިގެންފައެވެ. ރައީސް ނަޝީދު ޖަރުމަނަށް ކުރައްވަމުންގެންދަވާ ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަނު ސަރުކާރުންނެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ވަނީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާފަދަ އެތައް ޒަހަމެއް ލިބިވަޑައިގެންފައެވެ. ގޮއްވާލި އައިއީޑީގައި ހުރި ރޭޒާ ފުއްތައް ވަނީ އެމަނިކުފާނުގެ ހަށިގަނޑަށް ވަދެފައެވެ.

ބައެއް ރޭޒާ ފުއްތައް ވަނީ އެމަނިކުފާނުގެ ހަށިގަނޑުގެ ބައެއް ތަންތަނުން ފޫ އަޅާފައި ނިކުމެފައެވެ. މި ރޭޒާ ފުއްތައް ނެގުމަށް އޭޑީކޭ ހޮސްޕިޓަލުން ކުރި ސާޖަރީތައް ކާމިޔާބު ކަމަށް އެޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ސާޖަރީތަކަށް ފަހު ރައީސް ނަޝީދުގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ރައީސް ނަޝީދުގެ އާއިލާއިން ވަނީ ބުނެފައެވެ.