ދުނިޔޭގައިވެސް އަދި ރާއްޖޭގެވެސް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެމެރިކާގެ ޓީވީ ސީރީސް ފްރެންޑްސްގެ ރިޔޫނިއަން އިން ހާއްސަ ފެނިލުމެއްގައި އިނގިރޭސި ވިލާތުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ފެނިގެންދާނެ ކަމަށް މި އެޕިސޯޑް އެއާކުރާ އެޗްބީއޯ މެކްސް އިން ހާމަކޮށްފިއެވެ.

"ދަވަން ވެއާ ދޭ ގެޓް ބެކް ޓުގެދާ" ގެ ނަމުގައި މިމަހުގެ 27 ވަނަ ދުވަހު މި އެޕިސޯޑް ރިލީޒްކުރާއިރު 2004 ވަނަ އަހަރު މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑް ރިލީޒްކުރުމާއި ހަމައިން ފެށިގެން ގިނަ ބަޔަކު ދިޔައީ މި ސީރީޒްގެ ރިޔޫނިއަން އެޕިސޯޑެއް ނެރެދިނުމަށް އެދި ޕްރޮޑިއުސަރުންގެ ކިބައިން އެތައް ފަހަރަކު އެދިފައެވެ.

1994 ވަނަ އަހަރު ފްރެންޑްސްގެ ފުރަތަމަ އެޕިސޯޑް ރިލީޒްކުރިއިރު މިހާނަތަށް 236 އެޕިސޯޑެއް ވަނީ ނެރެފައެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މި އެޕިސޯޑުގައި ގިނަ އަދަދެއްގެ ގެސްޓް އެޕިއަރަންސްތަކެއް ފެނިގެންދާނެކަން އެޗްބީއޯ މެކްސް އިންވަނީ ހާމަކޮށްފައެވެ. އެގޮތުން 18 ތަރިއަކު މި އެޕިސޯޑުގައި ހާއްސަ ފެނިލުމަކުން ފެނިގެންދާއިރު ފާހަގަކޮށްލެވޭ ތަރިންގެ ގޮތުގައި ބެކަމްގެ އިތުރުން ލަވަކިއުންތެރިން ކަމުގައިވާ ޖަސްޓިން ބީބާ އާއި ލޭޑީ ގާގާގެ އިތުރުން ކޮރެއަން މިއުޒިކް ބޭންޑް ބީޓީއެސް އަދި އެކްޓަރުންގެ ތެރެއިން ޖޯން ސްނޯގެ ރޯލުން މަޝްހޫރުކަން ހޯދި ކިޓް ހެރިންގްޓަން އާއި ކާރާ ޑެލެވިން އަދި ޕާކިސްތާނުގެ އަންހެންކުދިންނަށް ތައުލީމް ހޯދައިދިނުމަށް ވަކާލާތުކުރާ އެކްޓިވިސްޓް މަލާލާ ޔޫސުފްވެސް ފެނިގެންދާނެއެވެ.

ޝޯގެ މެއިން ހުރިހާ ކާސްޓުންވެސް މި އެޕިސޯޑުން ފެނިގެންދާނެކަން އެޗްބީއޯ މެކްސް އިން ދޫކޮށްލި އެޕިސޯޑުގެ ޓްރެއިލާއިން ވަނީ ހާމަވެފައެވެ.

މީގެއިތުރުން ޝޯގެ ސައިޑް ރޯލްތަކުން މަޝްހޫރުކަން ހޯދި މިސްޓާ ހެކްލްސް އާއި ގަންތާ ވެސް މި އެޕިސޯޑުގައި ފެނިގެންދާނެއެވެ. ޖުމްލަ 10 ސީޒަން އެއާކުރެވުނު މަގްބޫލް މި ސީރީސްގެ ރިޔޫނިއަން އެޕިސޯޑް މިދިއަ އަހަރުގެ މާޗް މަހުގައިވެސް ރިލީސްކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ދުނިޔެއިން ކުރިމަތިލާން ޖެހުނު ކޮވިޑުގެ ނުރައްކަލާއެކު އެ ތާރީހުގައި އެޕިސޯޑް ރިލީޒްކުރެވިފައެއް ނުވެއެވެ.