ސްރީ ލަންކާއަށް ދަތުރުކުރާ ފަރާތްތަކުން އެގައުމަށް އެތެރެވުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަންޖެހޭނެކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާގެ ސަރުކާރުން މިފަދައިން ނިންމާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި، ސްރީލަންކާގައި އަނެއްކާވެސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، އެގައުމުގެ ސަރުކާރުން އަޅަމުންދާ ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.

މިގޮތުން އެގައުމުން އަޅަން ނިންމާފައިވާ ޚާއްސަ ފިޔަވަޅުތަކުގެ ތެރޭގައި މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް، މި މުއްދަތުގެ ތެރޭގައި އެގައުމަށް ދަތުރުކުރާ ފަރާތްތަކުން، އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ވަނީ އަންގާފައެވެ. ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ވެސް މިގޮތަށް އަމަލުކުރަން ސްރީލަންކާ ސަރުކާރުން ވަނީ އަންގާފައެވެ.

އެ ޤައުމަށް ދަތުރުކުރާ 12 އަހަރުން މަތީގެ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ދޫކުރެވޭނީ، އެ ޤައުމަށް ދަތުރުކުރާ ފުރަތަމަ ދުވަހު ހަދާ "އޮން އެރައިވަލް" ޕީސީއާރު ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހާ ދެމެދު ހަދާ "އެގްޒިޓް" ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުންނެވެ. އޮން އެރައިވަލް އަދި ކަރަންޓީނު ނިމުމުން ހަދާ ޕީސީއާރު ޓެސްޓު ހެދުން އިސްތިސްނާވާނީ ދެ އަހަރުންދަށުގެ ކުދީން އެކަނި ކަމަށް ސްރީލަންކާ ސަރުކާރުން ވަނީ ބުނެފައެވެ.

ކަރަންޓީނު ކުރުމުގެ އުސޫލަށް މިގޮތަށް ބަދަލު ގެނެސްފައިވީނަމަވެސް، ކްރިޓިކަލް ފަރުވާއަށް ގޮސް ހޮސްޕިޓަލުގައި ކަރަންޓީނުވާން އެދޭ ފަރާތްތަކުން، ހޮސްޕިޓަލާއި ސްރީލަންކާގެ ހެލްތް މިނިސްޓްރީގެ ޚާއްސަ ހުއްދައިގެ ދަށުން، ބޭސްފަރުވާއަށް ހުރުމުގެ ފުރުސަތު ކުރިއެކޭ އެއްގޮތަށް މި މުއްދަތުގައި ވެސް ފަހިވެފައި އޮންނާނެ ކަމަށް އެ ގައުމުން އަންގަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ލަންކާ އަށް ދަތުރުކުރާ ދިވެހިން މިކަންކަމަށް ސަލާމުވުމަށާއި، މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށިގެންވާތީ ދަތުރުކުރުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.