މައްސަލައިގެ ފެށުން:
ޝައިޚް ޖައްރާހްއަކީ އިރުމަތީ ގުދުސްގެ އަވަށެވެ. އެއީ ފަލަސްތީނު މީހުން ދިރިއުޅޭ، ފަލަސްތީނުގެ އަވަށެވެ. އިރުމަތީ ގުދުސްވެސް ހިމެނޭގޮތުން މުޅި ގުދުސް އިސްރާއީލުން އިސްތިއުމާރުކޮށް އެއީ، އެމީހުންގެ ވެރިރަށް ކަމުގައި އަމިއްލައަށް ހަދާފައިވުމުން، ޝައިޚް ޖައްރާހް އަވަށްވެސް ހިމެނޭގޮތުން، އިރުމަތީ ގުދުސްގެ އެކި ހިސާބުތަކުގައި އިސްރާއީލުން ޔަހޫދީން ވަޒަންވެރި ކޮށްފައި ވެއެވެ. ފަލަސްތީނުގެ އަވަށްތަކުގައި ފަލަސްތީނު މީހުންނާއެކު ޔަހޫދީންވެސް ދިރިއުޅެމުން ގެންދެއެވެ.
މައްސަލަ ހޫނުވާގޮތްވީ، ޝައިޚް ޖައްރާހްގައި ފަލަސްތީނު އާއިލާތަކެއް ދިރިއުޅެމުންދިޔަ އެމީހުންގެ އަމިއްލަ ގެދޮރުން ބޭރުކޮށްލުމަށް އިސްރާއީލުން މަސައްކަތް ފެށި ހިސާބުންނެވެ. ޔަހޫދީ ވަޒަންވެރިންގެ ބަޔަކު ބުނަމުންދިޔައީ އެއީ އެމީހުން މާކުރިން ގަނެފައިވާ އެމީހުންގެ އަމިއްލަ ބިންތަކެއް ކަމަށެވެ. އެކަމުގެ ލިއުންތައްވެސް އެމީހުން ދައްކައެވެ. އޭގެ ތާރީޚް 1948 އާ ހަމައަށް ދެމިގެންދެއެވެ.
މިކަމުގެ ތެރޭގައި ޔަހޫދީ ބައެއް ވަޒަންވެރިންވަނީ އަނިޔާކޮށް ގަދަބަދަވިކަން ދައްކައިގެން ފަލަސްތީނު ބައެއް އާއިލާތައް ގެދޮރުން ބޭރުކޮށް އެ ގެތަކަށް ވެރިވެގެންފައެވެ. ނަމަވެސް، އެ އަވަށުގައި ފަލަސްތީނު ރައްޔިތުން ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމާ ގުޅިގެން މައްސަލަ ހޫނުވެ، ޔަހޫދީ ވަޒަންވެރިންނަކަށްވެސް ފަލަސްތީނު އެންމެން ގެދޮރުން ބޭރުކުރެވޭ ގޮތެއް ނުވިއެވެ.
ފަލަސްތީނު މީހުން ޝައިޚް ޖައްރާހްގައި ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމާ ގުޅިގެން އިސްރާއީލުގެ އުދުވާނީ ފުލުހުން އަނިޔާވެރި ގޮތެއްގައި ފަލަސްތީނުގެ އެތައް ބަޔަކު ހައްޔަރުކުރިއެވެ. އެތައްބަޔަކަށް އަނިޔާވެސް ކުރިއެވެ.
ޔަހޫދީ ވަޒަންވެރިން މިލްކުވެރިކަމަށް ދައުވާކުރާ ގެދޮރުގެ މައްސަލަ މިހާރު އޮތީ އިސްރާއީލުގެ ހައި ކޯޓުގައެވެ.
ފަލަސްތީނު ރައްޔިތުން މީގެ އެތައް އަހަރެއް ކުރީންފެށިގެން ދިރިއުޅެމުންދިޔަ އެމީހުންގެ އަމިއްލަ ގެދޮރުން ބޭރުކުރަން އިސްރާއީލުން މަސައްކަތް ފެށުމުން މިމައްސަލަ މުޅި ދުނިޔޭގެ ސަމާލުކަމަށް އައެވެ. އަދި މިކަން ނުކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވާލަން ފެށިއެވެ.
އަގްސާއަށް ހަމަލާދިނުން:
ރަމަޟާންމަހުގެ އެންމެ ފަހު ހުކުރުދުވަހުގެ ހުކުރު ނަމާދަށް މަސްޖިދުލް އަގްސާއަށްދިޔަ ފަލަސްތީނުގެ އެތައްހާސް ބަޔަކު ހުކުރު ނަމާދުން ނިމިގެން މިސްކިތުގައާއި، އަދި މިސްކިތް ހުންނަ ސަރަހައްދުގައި މަޑުކުރީވެސް، ޝައިޚް ޖައްރާހް އަވަށުން ފަލަސްތީނު ރައްޔިތުންތަކެއް އެމީހުންގެ ގެދޮރުން ގަދަކަމުން ބޭރުކުރަން އުޅޭތީ އެކަމާ އިހްތިޖާޖުކޮށް އިސްރާއީލާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނެވެ.
ފަލަސްތީނު ރައްޔިތުން އިހްތިޖާޖުގައި ތިއްބައި ކުއްލިއަކަށް ފެނުނީ އިސްރާއީލުގެ އުދުވާނީ ފުލުހުން ހަތިޔާރާއެކު އަގްސާ މިސްކިތް ތެރެއަށް ވަދެގަނެ ހަމަލާދީ، އެތައްބަޔަކަށް އަނިޔާކޮށް މިސްކިތައްވެސް ބޮޑެތި ގެއްލުންތައް ދޭން ފެށިތަނެވެ.
މަސްޖިދުލް އަގްސާއަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާކަމުގައި ވާއިރު، އެ މިސްކިތުގެ ހުރުމަތް ކަނޑައި އިސްރާއީލުން ހިންގި މި އުދުވާނު މުޅި އިސްލާމީ އުންމަތުން ކުށްވެރިކުރަމުން ގެންދަނިކޮށްވެސް އިސްރާއީލުގެ ފުލުހުންވަނީ ޖެހިއައި ހޮނިހިރު ދުވަހާއި އަދި އާދީއްތަ ދުވަހުވެސް އަގްސާއަށް ހަމަލާދީ، އެތައްބަޔަކަށް އަނިޔާކޮށްފައެވެ.
އިހްތިޖާޖު ކުރަން ތިބި މީހުންގެ އިތުރުން، މިސްކިތުގައި ދަމު ނަމާދަށް ތިބި މީހުންނަށްވެސް ހަމަލާދީ ދުއިސައްތަ އެތައްބަޔަކު ޒަޚަމްކޮށްލިއެވެ.
ޣައްޒާއަށް ހަމަލާދޭން ފެށުން:
ޣައްޒާ ތެރެއިން އިސްރާއީލަށް ދެތިން ރޮކެޓް ފޮނުވާލީ، އަގްސާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލައި، މިސްކިތް ސަރަހައްދުން ފުލުހުން ދުރަށް ގެންދަން ހަމާސްއިން ދިން މުހުލަތު ހަމަވިއިރު ވެސް އިސްރާއީލުން އެކަން ނުކުރުމުންނެވެ.
ޖެހިގެން އައި ހޯމަ ދުވަހުން ފެށިގެން އިސްރާއީލުގެ އުދުވާނީ ސިފައިންގެ މަތިންދާ ބޯޓުތަކުން ޣައްޒާގެ އެތަން މިތަނަށް ބޮން އަޅަންފެށީ ދެތިން ރޮކެޓް ފޮނުވާލި ކަމަށްޓަކައެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން ކަމަށް ބުނެއެވެ.
ޣައްޒާގެ އެކި ރަށްތަކުގައި އާންމުން ދިރިއުޅޭ އެތައް އިމާރާތަކާއި، ސަލާމަތީ ޚިދުމަތްދޭ އޮފީސް އިމާރާތްތަކާއި، ބޭންކަކާއި، އާންމުންގެ އެތައް ގެއަކަށް ބޮންއަޅައި ވަނީ ބިމާ ހަމަކޮށްލާފައެވެ.
މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރުވަނީ 126 އަށް އަރާފައެވެ. މީގެތެރެއިން 10 މީހުން ފިޔަވައި ދެން އެންމެންނަކީވެސް ޣައްޒާއިން ޝަހީދުވެފައިވާ މީހުންނެވެ.
އިސްރާއީލުގެ އުދުވާނީ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވެފައިވާ މީހުންގެ ތެރޭގައި 31 ކުޑަ ކުދިންނާއި، 20 އަންހެނުން ހިމެނެއެވެ. ޒަޚަމްވި މީހުންގެ އަދަދު 900 އިން މައްޗަށް ގޮސްފައިވެއެވެ.
އިސްރާއީލުގެ އުދުވާނީ ބާރުތަކުން ޣައްޒާގެ އެތައް މިތަނަށް ބޮންއަޅައި، އާންމުން ޝަހީދުކޮށް، ފަލަސްތީނު އާންމުންގެ ގެދޮރު ސުންނާފަތި ކުރަމުންދާއިރު، ޣައްޒާގައި ވެރިކަންކުރާ ހަމާސްއާއި، ޣައްޒާގެ މުޖާހިދުންގެ ޖަމާއަތްތައް ގުޅިގެން ގެންދަނީ އިސްރާއީލަށްވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
އެގޮތުން، މިސައިލާއި، ރޮކެޓުން އިސްރާއީލުގެ އެތެރެއިން އެތައް ރަށަކަށް ހަމަލާތައް އަމާޒުކުރަމުން ގެންދާއިރު، ޑްރޯން ބޭނުންކޮށްގެންވެސް ގެންދަނީ ހަމަލާތައް ދެމުންނެވެ. މުޖާހިދުން މިސައިލާއި ރޮކެޓް ހަމަލާތައް ދެމުންގެންދަނީ ދެތެރެދޭތެރެއިންނެވެ. ފޮނުވާލާއިރު މަންޒަރު ސިފަވަނީ ވާރޭވެހޭ ހެންނެވެ.
ހަމާސްއިން މިހާތަނަށް ދެބުރެއްގެ މަތިން އިސްރާއީލަށް ހަމަލާތައް ދީފައި ވެއެވެ. އެއިން ކޮންމެ ބުރެއްގައިވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ސަތޭކަ އެތައް ރޮކެޓެއް ފޮނުވާލާފައި ވެއެވެ.
މި ހަމަލާތަކުގައި އިސްރާއީލުން މިހާތަނަށް 6 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވެފައިވާއިރު، އިސްރާއީލަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އިންޖީނު ގެއާއި، ވިޔަފާރީގެ މުހިންމު މަރުކަޒުތަކުގެ އިތުރުން، އެކި އިމާރާތްތަކަށްވެސް ރޮކެޓްތައް އަމާޒުވެ ހަލާކުވެ ބޮޑެތި ގެއްލުންތައް ލިބިފައިވާ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް އިސްރާއީލުގެ މީޑިއާއިން އާންމު ކުރަމުން ގެންދެއެވެ.
ޣައްޒާއާ ގާތުގައި ހަދާފައިވާ އިސްރާއީލުގެ އަވަށްތަކުން ނުރައްކާތެރި އިންޒާރުގެ ރަނގަބީލުގެ އަޑު ނުކެނޑެއެވެ. އެ އަޑު އިވޭން ފެށުމުން އާންމުން ޖެހެނީ އެމީހުންގެ ގެތަކުގައި ހަދާފައިވާ ބިންގަރާސްތަކަށް ވަދެ ފިލާށެވެ. މިއީ، އަބަދުވެސް މިކަން ކުރާ ގޮތެވެ.
އިސްރާއީލަށް ކުރާ ވައިގެ ދަތުރުތައް ގިނަ އެއަރލައިންތަކުންވަނީ ހުއްޓާލާފައެވެ. ހުރިހާ އެއަރޕޯޓްތަކެއްވަނީ ބަންދުކޮށްފައެވެ. ސިފައިން ބޭނުން ކުރަނީވެސް ޣައްޒާއާ ދުރުގައި އޮންނަ ވަގުތީ އެއަރޕޯޓެކެވެ.
އަނެއްކޮޅުން، އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ގުދުސްއާއި، ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ހަދާފައިވާ ޔަހޫދީ އަވަށްތަކުގައި ފަލަސްތީނު މީހުން ގެންދަނީ އިސްރާއީލުގެ ސަލާމަތީ ބާރުތަކަށް އެކި ގޮތްގޮތުން ހަމަލާތައް ދެމުންނެވެ. ފަލަސްތީނުގެ ޒުވާން ގްރޫޕްތަކުގެ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ އެތައްބަޔަކު ޒަޚަމްވެ، އެމީހުންގެ ވެހިކަލްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތައް ދެމުން އެބަގެންދެއެވެ.
ހަމަ އެއާއެކު، ޔަހޫދީ ވަޒަންވެރިންނަށްވެސް ފަލަސްތީނު މީހުން ގެންދަނީ ހަމަލާތައް ދެމުންނެވެ. ބައެއް އަވަށްތަކުގައި ޔަހޫދީ ވަޒަންވެރިން ގްރޫޕްޖަހައި ރަށުތެރެއަށް ނުކުމެ ފަލަސްތީނު މީހުންނަށްވެސް ހަމަލާދެމުން އެބަގެންދެއެވެ.
ހަމަ އެއާއެކު، އިސްރާއީލުގެ އެތެރޭގައިވެސް ވަރަށް ވަރުގަދަ ދެކޮޅުވެރިކަމެއް ވަނީ ފެށިފައެވެ. އިސްރާއީލުގެ ރަށްވެހީންގެ ގޮތުގައި އުޅޭ ފަލަސްތީނު މީހުންނާއި، އިސްރާއީލުގެ ހަރުކަށި ފިކުރުމުގެ މީހުންގެ މެދުގައިވެސް ވަރުގަދަ ތަޅާފޮޅުންތަކެއް ވަނީ ފެށިފައެވެ. ރަށުތެރެއަށް ނުކުމެ ފަލަސްތީނު ދަރިކޮޅުގެ މީހުން އަތުލައިގަނެ ހަމަލާދީ ޝަހީދުކުރަމުންދާއިރު، ފަލަސްތީނު ދަރިކޮޅުގެ މީހުންވެސް ގެންދަނީ ވަރުގަދައަށް އެމީހުންނާ ކުރިމަތިލައި ހަމަލާތައް ދެމުންނެވެ.
ޣައްޒާގެ ރައްޔިތުންނާ އެއްބައިވަންކަން ހާމަކޮށް ހުޅަނގު އައްސޭރީގެ ޒުވާނުން މަގުތަކަށް ނުކުތީ ހުކުރު ދުވަހުއެވެ. ނަމަވެސް، އިސްރާއީލުގެ އުދުވަނީ ސިފައިން ބަޑިޖަހައި 10 މީހުން ޝަހީދުކޮށްލާފައި ވެއެވެ. ނަމަވެސް، ޒުވާނުންގެ ހިތްވަރަށް ބަދަލެއް ނާންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެމީހުން ގެންދަނީ އިސްރާއީލު ސިފައިންނަށާއި، ފުލުހުންނަށްވެސް އެކި ގޮތްގޮތުން ހަމަލާތައް ދެމުންނެވެ.
ފަލަސްތީނާ އެއްބައިވަންތަކަން ހާމަކޮށް އުރުދުންގެ ރައްޔިތުން ހުކުރު ދުވަހު ކުރި ވަރުގަދަ މުޒާހަރާގައި، ސަލާމަތީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ވަދެނުގަތީ ކިރިޔާއެވެ. އެމީހުންނަށް ހުރަސްއެޅީ އުރުދުންގެ ސިފައިންނެވެ.
ލުބުނާނުގެ ތެރެއިން އިސްރާއީލަށް އިއްޔެ 3 މިސައިލް ފޮނުވާލާފައި ވެއެވެ. އިސްރާއީލަށް ޖެހުނީ އެދިމާއާއިން ލުބުނާނަށް ހަމަލާދޭށެވެ. އިސްރާއީލު ސިފައިން ދިން ހަމަލާގައި ލުބުނާނުގެ ޒުވާނަކު ޝަހީދުވެފައިވާ ކަމަށް އެގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާއިރު، ސޫރިޔާ ތެރެއިންވެސް އިސްރާއީލަށް މިއަދުވަނީ 3 މިސައިލް ފޮނުވާލާފައެވެ.
ވަށައިގެން އިސްރާއީލަށް ނުރައްކާވަނީއެވެ. ފުރަތަމަ އަގްސާއެވެ. ދެން ގުދުސްއެވެ. ދެން ޣައްޒާއެވެ. ދެން ހުޅަނގު އައްސޭރިއެވެ. ފަލަސްތީނުގެ ހުރިހާ ހިސާބަކުން އިސްރާއީލަށް ވަރުގަދަ ދެކޮޅުވެރިކަމެއް ދައްކަން ފަށައިފިއެވެ. ލުބުނާނުގެ ތެރެއިންވެސް ހަމަލާތަކެއް އަތުވެއްޖެއެވެ. ސޫރިޔާ ތެރެއިންވެސް ހަމަލާތަކެއް އަތުވެއްޖެއެވެ. އިސްރާއީލުގެ އެތެރެ ކެކި އަރަނީއެވެ. އިސްރާއީލު މިހާރު އޮތީ ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި ކަމަށް އިސްރާއީލުގެ ރައީސްވެސް އިންޒާރު ކުރީއެވެ.
އަވަށްޓެރިންނާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަނީއެވެ. އިސްރާއީލަށް ނަފުރަތު ބޮޑުވެ، ފަލަސްތީނު މީހުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަމްދަރުދީ އޮހެނީއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް އެމެރިކާ، އިނގިރޭސިވިލާތް، ޔޫރަޕާއި، ދުނިޔޭގެ އެތައް ގައުމެއްގެ ރައްޔިތުން މަގުތަކަށް ނުކުމެ ޝުއޫރު ފާޅުކުރަނީއެވެ.
މިހެން ކަންހުރިއިރު، ޣައްޒާއަށް ބޮން އަޅައިގެން ފަލަސްތީނު ކުޑަކުދިންނާއި އާންމުން ޝަހީދުކޮށް ގެތައް ސުންނާފަތި ކުރިޔަސް ފަލަސްތީނު މީހުންގެ އަޒުމަކަށް ބަދަލެއް ނާންނާނެތީ، ޔަހޫދީ ޒަޔަނިސްޓު ބޮޑުވަޒީރު ނަތަންޔާހޫ މިހާރު ގޮތްހުސްވެ ފިކުރުބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. ޣައްޒާއަށް ވައިގެ ހަމަލާތައް ދޭން ފެށުމަށް އަމުރު ކުރެވުނު މޮޔަހީވެފައިވާ ކަމަށްވެސް ބުނެއެވެ.
ސިފައިން ފޮނުވައިގެން ޣައްޒާއަށް ބޮން އަޅަން ފެށިއިރު މިހާރު ފެންނަގޮތަށް، ކަންތައްތައް ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށް ނަތަންޔާހޫ އުންމީދު ނުކުރާ ކަމަށް ވެއެވެ. އަގްސާ މިސްކިތަށާއި، ޣައްޒާއަށް ހަމަލާދޭން ނަތަންޔާހޫ އެންގީ ސިޔާސީ މަންފާއަށް އާންމުންގެ މަގްބޫލްކަން ހޯދަން ކަމަށް ވެއެވެ. ނަމަވެސް، ނަތަންޔާހޫއަށް މިހާރު ފެންނަމުން އެދަނީ އޭގެ އިދިކޮޅު މަންޒަރެވެ. އިސްރާއީލު ހަފުސްވަނީއެވެ.
ﷲ އަކްބަރު.
ވ ފުރިހަމަ
ޢަލްހަމުދުލިއްލާހި
ޢެޒަޔަނިސްޓް ޔަހޫދީ ދައުލަތް ހަލާކުކުރައްވަވައި ނެތިކުރައްވަވައިފާދޭވެ. އާމީން
ވަރަށްފުރިހަމަރެޕޯޓެެއް. ބަރާބަރު
ވަރައްފުރިހަމަ
ވަރަށް ފުރިހަމަ ލިޔުމެއް. ތެންކްސް ސައިފް