ކޮވިޑް-19 ބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންގެންދިޔަ އުމުރުން 63 އަހަރުގެ ދިވެހި އަންހެނަކު ހުކުރު ދުވަހުގެރޭ 11:53 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި 92 ވަނަ މީހާއެވެ.

ހުކުރު ދުވަހަކީ ކޮވިޑް ބަލީގައި ރާއްޖެއިން އެންމެ ގިނަމީހުން މަރުވި ދުވަހެވެ. ހުކުރު ދުވަހު އެކަނިވެސް 5 މީހުން މިބަލީގައި ދުނިޔެއާ ވަކިވެފައި ވެއެވެ.

ހުކުރު ދުވަހު އެންމެ ފުރަތަމަ ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމެޓްކޮށްގެން ފަރުވާ ދެމުންގެންދިޔަ، އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ބުފާސްފަތި ދުވަހުގެ މެންދަމު 02:45 ގައެވެ.

ދެވަނައަށް ނިޔާވީވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމެޓްކޮށްފައި އޮތް ބަލިމީހެކެވެ. އެއީ 64 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 06:30 ގައެވެ.

ތިންވަނައަށް ނިޔާވީ ޑީއެޗް11 ގައި އެޑްމެޓްކޮށްގެން ފަރުވާ ދެމުންގެންދިޔަ، އުމުރުން 86 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހުކުރު ދުވަހުގެ ހެނދުނު 09:05 ގައެވެ.

ހަތަރުވަނައަށް ނިޔާވި މީހާއަކީ އައިޖީއެމްއެޗްގެ އިމަރޖެންސީ ރޫމަށް ގެންދިޔަ 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ މެންދުރު 12:48 ގައެވެ.

ކޮވިޑް ބަލީގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވަމުންދާއިރުމ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް 939 މީހުން އަލަށް ޕޮޒިޓިވްވެ، ބެކްލޮގް އަދަދުތަކަކާއެކު ޖުމްލަ ޕޮޒިޓިވްވި އަދަދު 1،467 އަށް އަރާފައި ވެއެވެ.

އެކްޓިވް ކޭސްގެ އަދަދު 15،003 އަށް މައްޗަށް ގޮސްފައި ވާއިރު، މީގެ ތެރެއިން 290 މީހަކު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.