އިންޑިއާއަށް މިވަގުތު ދިމާވެފައިވާ ކޮވިޑްގެ ނުރައްކާތެރި ހާލަތުން އެގައުމު ސަލާމަތްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން މިހާތަނަށްވަނީ އެކި މިންވަރަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިންޑިއާގެ ކޮވިޑް ރިލީފަށް އެކި ފަންނާނުން އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު ދާދިފަހުން ބަތަލާ ޕްރިޔަންކާ އާއިއެކު އަނުޝްކާ ޝަރްމާވަނީ ކޮވިޑް ރިލީފަށް އެހީތެރިވެފައެވެ.

ބަތަލާ އަނުޝްކާ ޝަރްމާއާއި ފިރިމީހާ ވިރާޓް ކޮލީ ދާދިފަހުންވަނީ ކޮވިޑަށް ޚާއްސަ ފަންޑެއް ހުޅުވާފައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަންޑަށް 11 ކްރޯޑް އިންޑިއަން ރުޕީސްވަނީ ލިބިފައެވެ.

ކޮވިޑް ރިލީފަށް ފަންޑު ހޯދުމަށްޓަކައި އަނުޝްކާއާއި ވިރާޓް ކެމްޕޭން ފަށާފައިވަނީ މީގެ 8 ވަރަކަށް ދުވަސްކުރިންނެވެ. ހަފްތާއެއްހާ ދުވަސްތެރޭ މިކެމްޕެއިންއަށް އާއްމުންނާއެކު ހެޔޮއެދޭ ފަރާތްތަކުން ލިބުނު އެއްބާރުލުން ފާހަގަކޮށް މިދެމަފިރިންވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ބަތަލާ އަނުޝްކާ އަދި ވިރާޓް ކޮލީގެ އިތުރުން ބަތަލާ ޕްރިޔަންކާއާއި ފިރިމީހާ ނިކް ޖޯނަސްވަނީ ގިނަ ބައެއްގެ އެހީތެރިކަމާއެކު އެމީހުންގެ ކެމްޕެއިންއަށް 1 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ފަންޑުގެ ގޮތުގައި ހޯދާފައެވެ.

މިމަހުގެ ކުރީކޮޅު ޕްރިޔަންކާއާއެކު އެމެރިކާގެ މިއުޒީޝަން އަދި ފިރިމީހާ ނިކް ޖޯނަސް ކޮވިޑް ރިލީފަށް ފަންޑު ހޯދުމުގެ މަސައްކަތް ފަށާފައިވަނީ ގިވް އިންޑިއާ ނަމަކަށްކިޔާ އެން.ޖީ.އޯއަކާއި ގުޅިގެންނެވެ.

ޕްރިޔަންކާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯ މެސެޖްގައި އޭނާވަނީ އާއްމުންގެ ފަރާތުން މިލިބުނު އެއްބާރުލުމުން އަދިވެސް އަހަރުމެންގެތެރޭ އިންސާނިޔަތުކަން ދެމެހެއްޓިފައިވާކަން ދައްކުވައިދޭ ކަމަށެވެ. އަދި އަހަރުމެންގެތެރޭ އެކަކު އަނެކަކަށް އެހީތެރިވުމާއި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމުގެ އާދަ އަދިވެސް އަށަގެންފައިވުމަކީ ވަރަށް އުފާވެރި މަންޒަރެއްކަމުގައި ބަތަލާވަނީ ބުނެފައެވެ.

ޕްރިޔަންކާ ބުނެފައިވަނީ މިހާތަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ އެހީ މިހާރު އިންޑިއާގެ ކޮވިޑް ރިލީފާ ހަވާލުކުރެވިފައިވާ ކަމަށާއި މިއެހީ މުޅީންވެސް ބޭނުންކުރާނީ އިންޑިއާއަށް މިވަގުތު ބޭނުންވާ އޮކްސިޖަން ކޮންސެންޓްރޭޓަރސް ހޯދުމަށާއި އާއްމު ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން ސިއްހީ ދާއިރާއިން ބޭނުންވާ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށެވެ.

މިއީ އަދި އެހީގެ ފަންޑު ހޯދުމަށް ނިމުމެއް އައީ ނޫންކަމަށާއި ޕްރިޔަންކާގެ ޓީމުގެ ޓާގެޓަކީ 3 މިލިއަން ޔޫއެސް ޑޮލަރުގެ އެހޯ ހޯދުންކަމަށް ޕްރިޔަންކާވަނީ ބުނެފައެވެ. އަދިވެސް ގިނަ ބައެއްގެ އެހީތެރިކަމާއެކު މިމަންޒިލާ ހަމައަށް ވަރަށް އަވަހަށް ދެވޭނެކަމަށް އުއްމީދުކުރާކަމަށް ބަތަލާވަނީ ބުނެފައެވެ.