57 މެމްބަރު އިސްލާމީ ގައުމުތައް ހިމެނޭ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން – އޯއައިސީއާއި، އދއަށް އެއްވެސް އުންމީދެއް ނެތްކަމަށް ފަލަސްތީނުގެ ބައެއް ފަރާތްތަކުން ބުނަން ފަށައިފިއެވެ.

އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ ޣައްޒާއަށް ބޮންއަޅައި، ޣައްޒާގެ އެތައް އާންމުން ޝަހީދުކޮށް، ގެދޮރާއި އިމާރާތްތައް ބިމާ ހަމަކުރަމުންދާތީ ހަފްތާއެއް ވެގެންދިޔަ އިރުވެސް އެކަން ހުއްޓުވަން އދއަށް ނުވަތަ އޯއައިސީއަށް މިހާތަނަށް ބަޔާނެއްހާ މިންވަރުވެސް ނެރެވިފައެއް ނުވެއެވެ.

އެހެން ނަމަވެސް، އިސްލާމީ ގައުމުތައް ހިމެނޭ އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމެއް މިއަދުވަނީ އޮންލައިންކޮށް ބާއްވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އިރުމަތީ ގުދުސްއާއި، ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހިނގަމުންދާ ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ އިސްރާއީލުން ކަމަށެވެ.

އޯއައިސީ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ހުރިހާ ޚާރިޖީ ވަޒީރުންގެ ބަސްމަގުވެސް ހުރީ މިފަދަ މޭރުމަކުންނެވެ.

އޯއައިސީ ބައްދަލުވުމެއްގައި އެއްވެސް ނިންމުމެއް ނިންމިކަމެއް އަދި ސާފެއް ނުވެއެވެ.

އަގްސާ މިސްކިތަށް ހަމަލާދިނުމާއި، ޣައްޒާއަށް ބޮންއެޅުމާއި، ފަލަސްތީނުގެ ހުރިހާ ހިސާބެއްގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނު މީހުން ޝަހީދުކޮށް، ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ގެންދާއިރު، އަރަބި ގައުމުތައް ހިމެނޭ ޖަމާއަތް އަރަބި ލީގަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

މުޅި ދުނިޔޭގައި ސުލްހަ ގާއިމްކުރުމަށް އުފައްދާފައިވާ ދުނިޔޭގެ ޖަމްއިއްޔާ، އދއަށްވެސް އިސްރާއީލު ހުއްޓުވަން ކުރެވުނު ކަމެއް ނެތެވެ.

މިމައްސަލާގައި އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް މިހާރު ކުރިއަށްދާއިރު، ޖަލްސާއެއް ބާއްވަން އެމެރިކާއިން ކުރިން ގެންދިޔައީ ހުރަސްއަޅަމުންނެވެ.

ފަލަސްތީނުގެ އެކްޓިވިސްޓެއް ކަމަށްވާ ރަނާ ނައްޒަލް ވިދާޅުވީ، އޯއައިސީގެ ފަރާތުން އަދި އދގެ ފަރާތުންވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެއްވެސް އެހީތެރިކަމެއް ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ ކަމަށެވެ.

"ފަލަސްތީނުގެ ގިނަ މީހުންނަކަށް ނުވެސް އެނގޭނެ އެމީހުން ބައްދަލުވުންތަކެއް ބާއްވާކަންވެސް. އެ ބައްދަލުވުންތަކުގައި ވެގެންދާގޮތެއް ބަލަން ޓީވީ ދޮށުގައި ތިބޭނެ އާއިލާއެއްނެތް"
ރަނާ ނައްޒަލް

ރަނާ ނައްޒަލް ވިދާޅުވީ، ފަލަސްތީނުގެ ރަށްތަކުގައި އިސްރާއީލުން ވޭތުވެދިޔަ ތާނގައިވެސް ހުރިހާ ޖަރިމާތަކެއް ހިންގާފައިވަނީ ބައިނަލްއަގްވާމީ މުޖުތަމައުގެ ކުރިމަތީގައި ކަމަށެވެ. އދއަށްވެސް ކުރެވުނު ކަމަކީ އެކަން ކުށްވެރިކުރުން ކަމަށާއި، އެކަމާ ދެކޮޅަށް އެޅުނު އެއްވެސް ފިޔަވަޅެއްވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ސަލާމަތީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވަނީ، އިސްރާއީލާއި ޣައްޒާއާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ވަގުތުން ހަމަލާތައް ހުއްޓާލުމަށް ގޮވާލެއްވިއެވެ.

ގުޓަރޭސް ވިދާޅުވީ، ހަމަލާތައް ވަގުތުން ހުއްޓުވަން އދއިން ގެންދަނީ ހުރިހާ ފަރާތަކާއެކު ވާހަކަ ދެއްކުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކުރަން ފުރުސަތުދީ، އދގެ މަސައްކަތް ކާމިޔާބު ކުރުމަށް އެހީތެރިކަން ދިނުމަށްވެސް އދގެ ސެކްރެޓަރީ ޖެނެރަލް ހުރިހާ ފަރާތަކަށް ގޮވާލެއްވިއެވެ.