ރީތި ލޯބީގެ ފިލްމުތައް ކުޅެގެން ގިނަ ބައެއްގެ ހިތް ފަތަހަކުރި އެކްޓަރު ކާރްތިކް އާރްޔާން ޕްރޮޑިއުސަރު ސާޖިދް ނަދިއާދްވާލާގެ ފިލްމަކަށް ސޮއިކުރިކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ.

މިއީ ދާދިފަހުން ދަރްމާ ޕްރޮޑަކްޝަން ހައުސްއާއެކު އެކްޓަރު ސޮއިކުރި ފިލްމު "ދޯސްތާނާ-2" އިން ވަކިވުމަށްފަހު އިތުރު ފިލްމަކަށް އޭނާ ސޮއިކުރިކަމަށް ބުނެވޭ ފުރަތަމަ ފިލްމެވެ.

ފިލްމު "ޕިޔާރްކާ ޕާންޗްނާނާ"، ސޯނޫ ކީ ޓީޓޫކީ ސްވީޓީ"، އަދި ދާދިފަހުން ބަތަލާ ސާރާއަލީ ޚާންއާއެކު އޭނާ ކުޅުނު ފިލްމު "ލަވް އާޖްކަލް" އަކީ ބެލުންތެރިންގެ މެދުގައި އޭނާގެ މަގުބޫލުކަން ވަރަށް ބޮޑުވި ފިލްމުތަކެކެވެ.

ސާޖިދްއާއެކު ނަމަކް ޕިކްޗަރސްއިން ޕްރޮޑިއުސްކުރާގޮތަށް ހަމަޖެހިފައިވާ ފިލްމަކީ ވަރަށް ރީތި ލޯބީގެ ފިލްމެކެވެ.

ރިޕޯޓުތައް ބުނާގޮތުން މިފިލްމު ޑައިރެކްޓްކުރާނީ ތެލުގޫ ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ސަމީރް ވިދްވާންސްއެވެ. މިއީ ނޭޝަނަލް އެވޯޑްވެސް ހާސިލްކޮށްފައިވާ ޑައިރެކްޓަރު ސަމީރްގެ އަލަތު ބޮލީވުޑް ޑައިރެކްޝަންއެވެ.

އަދި ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމުގެ މަސައްކަތްވަނީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައެވެ.

ޚަބަރު ލިބޭގޮތުގައި މިފިލްމާ ގުޅޭގޮތުން ރަސްމީކޮށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވާހަކަ ދައްކަން ހަމަޖެހިފައިވަނީ އިންޑިއާގެ ކޮވިޑް ހާލަތު މިހާރަށްވުރެ ރަގަޅުވުމުންނެވެ.

ކާރްތިކްއާއެކު ދެން ފިލްމުން ފެނިގެންދާނެ ތަރިންނަކީ ކޮބައިކަމާމެދު ސުވާލު އުފެދޭއިރު ފިލްމަށް ހޮވާނެ އިތުރު ތަރިންނާ ބެހޭގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުންދަނީ މަޝްވަރާ ކުރަމުންނެވެ.

އެކްޓަރު ކާރްތިކްގެ ކުރިއަށްހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ އަވަހަށް ރިލީޒްކުރުމުގެ މަރްހާލާގައި އޮތް ފިލްމު "ދަމާކާ" ގެ އިތުރުން އޭނާ މަސައްކަތް ކުރަމުންދާ ފިލްމު "ބޫލް ބުލައްޔާ" ފާހަގަކޮށްލެވެއެވެ.

ފިލްމު "ދަމާކާ" ނެޓްފްލިކްސްއިން ރިލީޒްކުރުމަށް ތައްޔާރުވަމުން ދާއިރު ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.