2017 ވަނަ އަހަރު ރިލީޒްވި ފިލްމު "ތުމާރީ ސުލޫ" ގެ ޕްރޮޑަކްޝަން ޓީމްއިން ގެނެސްދޭ އިތުރު ފިލްމަކަށް ބަތަލާ ވިދްޔާ ބާލަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"ޝޭރްނީ" ނަމަކަށް ކިޔާ ފިލްމެއްގައި މިވަގުތު ބަތަލާ ވިދްޔާ މަސައްކަތް ކުރަމުންދާއިރު "ތުމާރީ ސުލޫ" ގެ ޓީމާ ވަރަށް އަވަހަށް އޭނާ ގުޅޭނެކަމަށް އިންޑިއާގެ މީޑިއާއިންވަނީ ބުނެފައެވެ.

އެލިޕްސިސް އެންޓަޓެއިންމެންޓްއިންގެ ފިލްމު "ތުމާރީ ސުލޫ" އެކޭ އެއްގޮތަށް ކުރިއަށް އުފައްދަން ގަސްތުކުރާ ފިލްމަކީވެސް ވަރަށް ޝައުގުވެރި ޑްރާމާ ފިލްމެކެވެ.

މިފިލްމުވެސް ޕްރޮޑިއުސްކުރާނީ "ތުމާރީ ސުލޫ" ގެ ޕްރޮޑިއުސަރުން ކަމަށްވާ ތަނޫޖް ގާރގް އަދި އަތުލް ކަސްބެކަރްއެވެ.

ރިޕޯޓުތައް ބުނާގޮތުން ބަތަލާ ވިދްޔާ ކުޅެން ހަމަޖެހިފައިވަނީ ކުރިން އޭނާ ފެނުނުފަދަ މުޅީން ތަފާތު ރޯލަކުންނެވެ.

މިފިލްމުގެ ޝޫޓިންގެ ކުރިއަށް ގެންދިއުމަށް ޝެޑިއުލްކޮށްފައިވަނީ ސައުތް އިންޑިއާގައެވެ. އަދި 45 ދުވަހުގެތެރޭ ފިލްމު ނިންމާލުމަށް ޕްރޮޑަކްޝަން ޓީމުންވަނީ ނިންމާފައެވެ.

ފިލްމު 'ތުމާރީ ސުލޫ" ގައި ބަތަލާ ވިދްޔާ ފެނިގެންދަނީ ގޭގައި އިންނަ އާދައިގެ އަންބަކު ފަހުން ރޭޑިއޯ ޖޮކީއަކަށް ބަދަލުވެ އޭނާގެ ދިރިއުޅުން މުޅީން އެކީ ބަދަލުވެގެންދާ ތަނެވެ.

ވިދްޔާއާއެކު މިފިލްމުގައި މުހިއްމު ރޯލް ކުޅެފައިވަނީ އެކްޓަރު މާނަވް ކޯލް އަދި ބަތަލާ ނެހާ ދޫޕިއާއެވެ.

މިފިލްމަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލަކަމެއް ލިބިގެންދިޔަ ފިލްމަކަށްވުމުގެ އިތުރުން އެލިޕްސިސް އެންޓަޓެއިންމެންޓްއިންގެ ފުރަތަމަ ފިލްމެވެ.

މިޕްރޮޑަކްޝަން ހައުސްއިން ދެން އެންމެ އަވަހަށް ނެރެން ހަމަޖެހިފައިވަނީ ރިލީޒްކުރުމުގެ މަރުހަލާގައިއޮތް ފިލްމު "ލޫޕް ލަޕޭޓާ" އެވެ.

މިފިލްމުގައި ފެނިގެންދާނީ ބަތަލާ ތާޕްސީ ޕަންނޫ އަދި އއަރަމުން އަންނަ ޒުވާން އެކްޓަރު ތާހިރް ރާޖް ބާސިންއެވެ.