އިސްރާއީލުގެ ޔަހޫދީން އަޅުކަން ކުރަން ވަދެތިބި ފައްޅިއެއްގެ ސިޑިބަރި ވެއްޓި 2 މީހުން މަރުވެ، 150 އަށްވުރެ ގިނަމީހުން ޒަޚަމްވެއްޖެއެވެ.
ސިޑިބަރި ވެއްޓިފައިވަނީ، އިސްރާއީލުން ގަދަބާރުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގެ އުތުރުން ހުޅަނގު އައްސޭރީގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ ގިވަޓް ޒީވް ނަމަކަށްކިޔާ ޔަހޫދީ އާބާދީއެއްގައި ހުރި ފައްޅިއެއްގައެވެ.
އެތަނަކީ އަދި އަލަށް ހަދަމުންދާ ތަނެއް ކަމަށާއި، އެތެރެއާއި ބޭރުގެ މަސައްކަތްވެސް އެއްކޮށް ނުނިމޭ ތަނެއް ކަމަށް ވެއެވެ.
އަލްޓްރާއޮތޮޑޮކްސް ޔަހޫދީންގެ ދީނީ ޚާއްސަ ދުވަހަކާ ގުޅިގެން އާދީއްތަ ދުވަހުގެ ހަވީރު އެތަނުގައި އަޅުކަން ކުރުން ބޭއްވިއިރު އެތައްސަތޭކަ ބަޔަކު ބައިވެރިވިއެވެ. މިއީ، ޔަހޫދީން މުޅިރޭ އަޅުކަމުގައި ތިބޭ ދުވަހެކެވެ.
އެތާނގެ އެތެރޭގައި ޖަހާފައި ހުރި ސިޑިބަރީގެ އެންމެމަތި ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.
މިހާދިސާގައި 2 މީހުން މަރުވިއިރު، 157 މީހަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާއިން ބުނެފައި ވެއެވެ.
އިސްރާއީލުގެ ސިފައިންވަނީ، ކުއްލި އެހީދޭ މީހުން ފޮނުވައި މީހުން ސަލާމަތް ކުރުމުގައި އެހީތެރިވެދީފައެވެ. އަދި ސިފައިންގެ ހެލިކޮޕްޓަރުތަކުން ވަނީ ޒަޚަމްވި މީހުން ފަރުވާއަށް އެހެން ހިސާބުތަކަށް ގެންދިއުމުގައި އެހީތެރިވެފައެވެ.
ސިޑިބަރި ވެއްޓުނު ހާދިސާއާ ގުޅިގެން އިސްރާއީލުގެ އެއްބަޔަކު އަނެއްބަޔަކަށް ޒިންމާތައް އަޅުވަމުން އެބަގެންދެއެވެ.
ގިވަޓް ޒީވްގެ މޭޔަރު ބުނީ، މަސައްކަތް ނުނިމޭ ތަނެއްކަމުން އެތަނުގައި ބާއްވަމުންދިޔަ އަޅުކަން ހުއްޓުވަން ފުލުހުންނަށް އެންގި ކަމަށާއި، ނަމަވެސް ފުލުހުން އަޅާނުލި ކަމަށެވެ.
ފުލުހުންގެ ވެރިޔާ ބުނީ، މިއީ ބައެއްގެ އިހުމާލުން ހިނގި ކަމެއް ކަމަށާއި، މިކަމުގައި ޒިންމާވާމީހުން ހައްޔަރުކުރާނޭ ކަމަށެވެ.
އިސްރާއީލުގެ ފަޔަރ އެންޑް ރެސްކިއުގެ ވެރިޔާ ބުނީ، އެއީ އިމާރާތްކުރުމުގެ މަސައްކަތްވެސް ނުނިމޭ ތަނެއް ކަމަށާއި، އެތަނުގައި އަޚުކަންކުރުން ބާއްވާފައިވަނީ ހުއްދަވެސް ނެތި ކަމަށެވެ.
ސިޑިބަރި ވެއްޓުނު ފައްޅިއަކީ 5 ފަންގިފިލާއަށް ހަދަމުންދާ ތަނެކެވެ. އިމާރާތުގެ ބޭރުގައި ކޮންކްރީޓާއި، ލަކުޑި ފިލާތައްވެސް ފެންނާން ހުރިއިރު، އެތާނގެ ބޭރުގައި، އެތަނަށް ވަނުން މަނާކަމަށްވެސް ލިޔެފައި ވެއެވެ.
އަލަށް ހަދަމުންދާ ފައްޅިއެއްގެ ސިޑިބަރި ވެއްޓި، 2 މީހުން މަރުވެ ސަތޭކަ އެތައްބަޔަކު ޒަޚަމްވިއިރު، އޭޕްރީލްމަހުގެ 29 ވަނަ ދުވަހު އިސްރާއީލުގެ އުތުރުގައި، އަލްޓްރާއޮތޮޑޮކްސް ޔަހޫދީންގެ ޚާއްސަ އަޅުކަމެއްގެ ތެރޭގައި ފިތިގެން 45 މީހުން މަރުވެފައި ވެއެވެ.