ލާމަރުކަޒީ އުސޫލުން އެންމެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިޚާބެއް ބާއްވާފައިވަނީ، 2011 ވަނަ އަހަރުގައެެވެ. އެއަހަރު ގިނަ އަދަދެއްގެ ބޭފުޅުން އިންތިޚާބަށް ކުރިމަތިލައި، މަގާމުތަކަށް ގިނަ އަދަދެއްގެ އަންހެނުންނާއި، ފިރިހެނުން އިންތިޚާބުވިއެވެ. ދެވަނައަށް ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބަށްވެސް ފުރަތަމަ އިންތިޚާބުވި ބޭފުޅުންގެ ތެރެއިން ގިނަ ބަޔަކު ކުރިމަތިލިޔެވެ. އެހެންނަމަވެސް ފެނިގެންދިޔައީ އުންމީދުކުރި މަންޒަރެއް ނޫނެވެ. ފެނުނީ ކުރިން އިންތިޚާބުވި ގިނަ ބޭފުޅުންނަށް ލިބުނު ވޯޓުގެ އަދަދު ދަށްވެ، އެބޭފުޅުން ކައުންސިލަށް ނުހޮވުނުތަނެވެ. ދެވަނަ ދައުރަކަށް ހޮވުނީ މަދު ބަޔެކެވެ.

މި މަދު މީހުންގެ ތެރެއިން މ. މުލަކަށް އުފަން، އުމުރުން 39 އަހަރުގެ ސާމިޔާ މުހައްމަދަކީ މިދަފަ މަގާމަކަށް ކުރިމަތިލާން ބޭނުންވާ ބޭފުޅުންނަށް، ޚާއްސަކޮށް އަންހެނުންނަށް ހުރި ލާމަސީލު މިސާލެކެވެ. ސާމިޔާ ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ 4 ވަަނަ ދައުރަށް މެދުކެނޑުމެއް ނެތި އިންތިޚާބުވެފައެވެ. ކޮންމެ ފަހަރަކަވެސް ވޯޓުގެ ނިސްބަތުން ގަދަ ތިނެއްގައި ހިމެނެއެވެ. ސާމިޔާގެ ކާމިޔާބީއާއި ގުޅޭގޮތުން އޭނަ ވަނީ ވީނިއުސްއަށް ހާއްސަ އިންޓަވިއުއެއް ދެއްވާފައެވެ.

އަހަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށް އަބަދުވެސް ޝައުގުވެރިވޭ:

ސާމިޔާ އަކީ ރަށުގެ ތަރައްގީއާއި، ކުރިއެރުމަށް، އަދި ޚާއްސަކޮށް އަންހެނުންނަށް ފަހި ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ވަރަށް ކުރިންވެސް ޝައުގުވެރިކަން ހުންނަ ކަނބަލެކެވެ. އެހެންކަމުން 2008 ވަނަ އަހަރު މުލަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ގުޅިވަޑައިގަތެވެ. 2011 ގައި ކައުންސިލަރަކަށް ކުރިަމތިލެއްވީ އެތައް އަހަރެއް ވަންދެން އަންހެނުންގެ ކޮމިޓީގެ ނައިބުރައީސާކަން ކުރެއްވުމަށްފަހުގައެވެ.

ލޯކަލް ކައުންސިން އިންތިޚާބަށް ކުރިމަތިލުމުން ފުތަމަތަ ފަހަރު ވޯޓުގެ ނަތީޖާއިން ސާމިޔާއަށް ލިބުނީ ދެވަނައެވެ. ތަފާތުދައްކައި ދެވަނަ ދައުރުގައި އޭނަ ވަނީ އެއްވަނަ އަށް ޖެހިލާފައެވެ. ރައްޔިތުންގެ ބޮޑު ތާއިދަކާއެކު ކައުންސިލްގެ ތިނަ ވަނަ ދައުރަކަށް ކުރިމަތިލުމުންވެސް ގިނަ އަދެދެއްގެ ރައްޔިތުން ސާމިޔާއަށް ވޯޓުދިނެވެ. އަދި ހަތަރު ވަނަ ފަހަރަކީ ކޮޮވިޑް-19ގެ ސަބަބުން ނިސްބަތުން މަދު ބަޔަކު ވޯޓިލާން ނިކުން ފަހަރެކެވެ. އެހެންނަމަވެސް ސާމިޔާއަށް މި އިންތިހާބުގައި ވަނީ، ކުރީ ތިން ފަހަރަށްވުރެވެސް ގިނައިން ވޯޓު ލިބިފައެވެ. ސާމިޔާއަކީ ރާއްޖޭގައި ތިން ވަނަ ދައުރަކަށްވެސް ހޮވުނު ހަމަ އެކަނި އަންހެން ކަނބަލެވެ.

ހަތަރު ފަހަރުވެސް ޕީޕީއެމްގެ ފަރާތުން އިންތިޚާބަށް ކުރިތަމަލައި، ގިނަ ރައްޔިތުންތަކެއްގެ ވޯޓާއެކު މަގާމަށް ހޮވުނު ސާމިޔާ ވިދާޅުވީ، ވަކި ޕާޓީއެއް ތަމްސީލް ކުރިޔަސް، މަގާމަށް އަންނަނީ ވަކި ޕާޓީއެއް ތަމްސީލް ކުރަން ނޫންކަމަށެވެ. މަގާމަށް އަންނަނީ ރައްޔިތުންގެ މީހެއްގެ ގޮތުގައިކަމަށެވެ. ހިދުމަތް ފޯރުކޮށްދެނީ ރަށަަށާއި، ރަށުގެ ރައްޔިތުންނަށެވެ.

"ކޮންމެ މީހެއްވެސް ވަކި ޕާޓީއެއް މި ތަމްސީލްކުރަނީ. މިސާލަކަށް ކައުންސިލްގައިވެސް މިތިބީ އެކި ފިކުރުގެ އެކި މީހުން. އެކަމަކު އަޅުގަނޑުމެން ގުޅިގެން މަސައްކަތްތައް ކޮށްފިއްޔާ ހަމަ ވަރަށް ކާމިޔާބު މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިދާނެ. ހާއްސަގޮތެއްގައި އަންހެނުންގެ ހައްގުގައި ބަސް ބުނެގެން. ސަރުކާރުގެ ސިޔާސަތުތަކާއެކު ކައުންސިލްތަކުންވެސް ހަމަ މަސައްކްތްކުރާނެ."
މ. މުލައް ކައުންސިލް މެމްބަރު، ސާމިޔާ މުހައްމަދު

ސާމިޔާ ގަބޫލުކުރާގޮތުގައި، ކާމިޔާބު ކައިންސިލަރަކަށް ވެވޭނީ އިޖުތިމާއީ ރޫހު އޭމީހެއްގެ ގައިގައި ހުރެގެންނެވެ. އެ ރޫހު ހުރެގެން ނޫނިއްޔާ މިކަމަކީ ކުރެވޭނެކަމެއް ނޫނެވެ. މީގެއިތުރުން އެމީހަކީ ރަށުގެ އެންމެނާވެސް ގުޅުން އޮންނަ މީހަކަށް ވާންޖެހޭނެކަން ސާމިޔާ ވަނި ފާހަގަކުރައްވާފައެވެ. ސާމިޔާ ބުނާގޮތުގައި ރަށު ކައުންސިލެއްގައި މަސައްކަތްކުރާނަމަ، ވަކި ކައުންސިލަރަކު އެކަނި މަސައްކަތްކޮށްގެން، ރަށަށް ތަރައްގީ ގެންނަށް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެއެވެ. އެހެންމަވެސް އެންމެން ގުޅިގެން މަސައްކަތްކުރުމުން ކޮންމެ ރަށެއްވެސް ތަރައްގީވާނެއެެވެ.

ސާމިޔާ ރަށުގެ އިސް ރަށްވެހިންނާއެކު--

ވަޒީފާގެ އިތުރުން ސާމިޔާއަކީ ކާމިޔާބު މަންމައެއް:

ސާމިޔާއަކީ ތިން ކުދިންގެ މަަންމައެކެވެ. މިއީ ކިޔެވުމުގައިވެސް ރަނގަޅު ނަތީޖާއެއް ގެންނަ ތިން ކުދިންނެވެ. ސާމިޔާގެ ދޮށީ ދަރިފުޅު 2018 ވަނަ އަހަރު ރަށު ސުކޫލުން އޯލެވެލް ނިންމާފައިވަނީ، ރަށު ފެންވަރުގައި އެއަހަރު ހޯދި އެންމެ ރަނގަޅު ނަތީޖާ ހޯދައިގެންނެެވެ. ސާމިޔާ ދެކޭގޮތުގައި މަސައްކަތުގައި ބުރަކޮށް އުޅުނަސް ދަރިންގެ ކަންކަމަށް ވަގުތު ހޯދޭނެއެވެ. އާއިލާއަށް ވަގުތު ހޯދޭނެއެވެ.

"ހަތަރު ވަނަ ދައުރަކަށްވެސް ރައްޔިތުން އަޅުގަނޑު ބަލައިގެންފި. އެހާ ހިސާބުން ދެން ބަލަން ޖެހޭނީ އަޅުގަނޑުގެ ކޮބައިތޯ ގޭތެރޭގެ ދިރިއުޅުން. އަޅުގަނޑު ކައުންސިލްގެ ކަންކަން ކޮށްފަ ދެން ގެޔަށް އަންނައިރު ދަރިން އޮޔާލައިފިއްޔާ އަޅުގަނޑަކީ ކާމިޔާބު މީހެކޭ ނުބުނެވޭނެ. އެކަމަކު އަޅުގަނޑުގެ ދަރިފުޅުގެ ނަތީޖާއިންވެސް އެ އެންގިގެންދަނީ އަޅުގަނޑު ބެލެނިވެރިކަމުގެ ޒިންމާ ނުވަތަ މަންމަގެ ޒިންމާ އަދާކުރެއޭ. އަޅުގަނޑު ބުނަނަށް މިއުޅެނީ އަންހެނުންނަށްވެސް ހުރިހާކަމެއްވެސް ވާނެއޭ"
މ. މުލައް ކައުންސިލް މެމްބަރު، ސާމިޔާ މުހައްމަދު

ސާމިޔާ ވިދާޅުވީ މިކަމުގައި ކުރިޔަށްދިޔުމަށް އެންމެ ބޮޑަށް ހިއްވަރުދެނީ އޭނަގެ ފިރިމީހާކަމަށެވެ. އަދި އެންމެ ބޮޑަށް އެހީވަނީވެސް އޭނަގެ ފިރިމީހާއެވެ.

ސާމިޔާގެ 3 ކުދިންނާއި ފިރިމީހަ--

ސާމިޔާ ބޭނުންވަނީ ގިނަ އަންހެނުން މި ދާއިރާއިން ފެންނަން:

އަންހެނުންގެ ތަރައްގީއާއި، ރަށުގެ ތަރައްގީއަށް މަސައްކަތްކުރުމަށް އަންހެނުންނަށް 33 އިންސައްތަގެ ހިއްސާއެއް ލިބިފައިވާކަން ފާހަގަކޮށް ސާމިޔާ ވިދާޅުވީ، އަންހެނުންނަށް މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފަންޖެހޭކަމަށެވެ. ސަބަބަކީ ކަންކަން ނިންމުމުގައި ބަސްބުނެވޭ ބަޔަކަށް އަންހެނުން ވާންޖެހެތީކަމަށެވެ. ރަށު ފެންވަރުގައިވެސް، އަދި ގައުމީ ފެންވަރުގައިވެސް ބަސް ބުނެވޭ ފެންވަރުގައި އަންހެނުން ތިބެން ޖެހޭކަމަށް ސާމިޔާ ގަބޫލުކުރެއެވެ. އަދި ސިޔާސަތުތައް ތަންފީޒުކުރުމުގައި އެންމެ ފަހު ބަސް ބުނާއިރު، އަންހެނުންގެ އަޑު އުފުލަން ޖެހޭކަމަށްވެސް އޭނަ ގަބޫލުކުރެއެވެ.

"އަންހެނުންނަށް ބުނެލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ވާނެއޭ. ކެރިގެން ކޮށްފިއްޔާ އަދި ކުރިމަތި ލައިފިއްޔާ އަންހެނުންނަށް ކޮންމެ ކަމެއްވެސް ވާނެއޭ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، ވާދަވެރި އިންތިހާބެއްގައި ކުރިމަތިލައިގެން އަސްލު ހަތަރުވަނަ ދައުރަކަށް ހޮވުމަކީ އަޅުގަނޑުގެ އަމިއްލަ ނަފަސަށްވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެންމެ ފުރަތަމަ ފަހަރާއުއަޅާ ބަލާފަ ހަތަރު ވަނަ ދައުރުގައި މާ ގިނަ ވޯޓުލިބުމަކީ ހަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް.ހަމަ ކޮންމެ އަންހެނަކަށްވެސް މަސައްކަތްކޮށްފިއްޔާ މިކަން ވެދާނެ"
މ. މުލައް ކައުންސިލް މެމްބަރު، ސާމިޔާ މުހައްމަދު

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާނެ މީހަކު ނުވެގެން ދެވަނަ ފަހަރަކަށް އިންތިހާބެއް ބާއްވަން ޖެހުނު ގިނަ ރަށްތަކެެއް ހުރިކަން ފާހަގަކޮށް ސާމިޔާ ވިދާޅުވީ، މިފަދަ ފަހި ފުރުސަތުތަކެއްގެ ތެރެއިންވެސް ނުނިކުންނަން އުޅޭ އަންހެނުންނަށް ހިތްވަރެއް ދޭން ބޭނުންވާކަމަށެވެ.

ފަސް ނުޖެހި ގައުމީ ލެވެލްގަ، އަދި ރަށު ލެވެލްގަ ކަންކަން ނިންމުމުގައި ބަސް ބުނުމަށްޓަކައި އަންހެނުން ތެދުވަންޖެހޭކަމާއި، ފިސާރި ކަނބަލަށް ވުމަށްޓަކައި ރާއްޖޭގައި މިހާރު ވަރަށް ގިނަ ފުރުސަތުތައް ފަހިވެފައިވާކަން ސާމިޔާ ވަނީ ފާހަގަކުރައްވާފައެވެ. ކޮންމެ ރަށެއްގައިވެސް އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވާތަން ފެނުމަކީ ސާމިޔާއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުކެވެ.

--

ހިތްވަރާއެކު ނިކުމެ ކޮންމެ އަންހެނަކަށްވެސް ކުރިއެރިދާނެކަން ސާމިޔާގެ މި ކާމިޔާބީން އަޅުގަނޑުމެންނަށް އަންގައިދެއެވެ. ހިތްވަރާއި ތެދުވެރިކަމާއި، ހިނިތުންވުމާއެކު މަސައްކޮށްގެން އެންމެންގެ ލޯބި ހޯދިދާނެކަންވެސް މި ކާމިޔާބީން އަޅުގަނޑުމެެންނަށް އަންގައިދެއެވެ. ސާމިޔާ ސާބިތުކޮށްދެނީ އެކަމެވެ. ވިނީއުސްއިން ސާމިޔާއަށް އެދެނީ މިހާރަށްވުރެވެސް ބޮޑެތި ކާމިޔާބީއާއި، ކުރިއެރުމެވެ.