ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް، ކްލައިމެޓް އިމަރޖަންސީ ބިލު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، މިދިޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ކްލައިމެޓް އިމަރޖަންސީ ޤާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ނުރައްކާވެފައިވާތީ، ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން އުފެއްދި ޤާނޫނެކެވެ.
މި ޤާނޫނުގެ ތެރެއިން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ލިބޭ ގެއްލުންތަކަށް ދުނިޔެ ހޭލުންތެރިކުރުމަށް އިސްނަގައި ވަކާލާތުކުރާ ބަޔަކަށް ރާއްޖެ ހެދުމަށް ބާރުއެޅުމާއި، ރާއްޖެއަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ބޭނުންވާ ބަރުދާސްތީ ގާބިލުކަން އިތުރުކުރުމަށާއި އެކަންކަމާބެހޭ އުސޫލުތައް ބަޔާންކުރެވިގެން ދާނެއެވެ.
މިޤާނޫނުގައި 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ގަމަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިކުރުމާއި، ކަނޑައަޅާފައިވާ ލަނޑުދަނޑި ޙާސިލުކުރުމަށް، ކޮންމެ މީލާދީ އަހަރަކަށް ބޭރުކުރެވޭނެ ކަމަށް ލަފާކުރާ ކާބަންގެ މިންވަރު އެކުލެވޭ ކާބަން ބަޖެޓެއް މިނިސްޓަރު އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
އަދި ކޮންމެ މީލާދީ އަހަރެއް ނިމުމުގެ 3 މަސްދުވަސް ކުރިން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ކާބަން ބަޖެޓް މިނިސްޓަރު އެކުލަވާލަންޖެހޭނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވެސް ގާނޫނުގައިވެއެވެ.
މީގެ އިތުރުންވެސް މޫސުމާ ގުޅޭގޮތުން ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން އިސްވެ ކުރުމަށް ކްލައިމެޓް ޗޭންޖް ޑައިރެކްޓަރޭޓްގެ އިދާރާއެއް މިނިސްޓްރީގެ ދަށުން އުފެއްދުމަށް މި ގާނޫނުން ލާޒިމްކުރެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެ ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ހާމަކުރުމުގެ އިސްދައުރު އަދާކުރުމަށް "ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް" ގެ ނަމުގައި ސަފީރު ފެންވަރުގައި މަގާމެއް އުފައްދައި، އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅެއް އައްޔަންކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއެކު، މި ބިލް ގެޒެޓުގައި ޝާއިއުކޮށް، ގާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.