ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ހަވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، ނިމިދޔަ އެޕްރީލް މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ދިވެހި ސިވިލް ސަރވިސްގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ފުރުސަތު ލިބޭ ގޮތަށް ނިޒާމެއް ގާއިމުވެފައި އޮތުމަށް ބަޔާންކޮށްފައިވެއެވެ.

ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައިކަމަށްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން ޢައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިސްކަންދިނުމަށް ބާރުއަޅައި އެކަންވެސް ވަނީ މި ގާނޫނުގައި ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއެކު، މި ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ. މި ޤާނޫނު ގެޒެޓުގައި ޝާއިޢު ކުރުމާއެކު މި ގާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.