އިޒުރޭލުން ފަލަޞްޠީނަށް ޙަމަލާއެއް ދޭއިރު އަބަދުވެސް އިވޭ ދެ ވާހަކައެއް އޮވެއެވެ. އެއްވާހަކައަކީ އިޒުރޭލުން އަމަލުކުރަނީ އެ ޤައުމުގެ ދިފާއުގައެވެ. އަނެއް ވާހަކައަކީ އިޒުރޭލުން ޣައްޒާއަށް އަޅަމުންދާ ބޮންތަކަކީ ފަލަޞްޠީނުގެ ރައްޔިތުން ނިކަމެތިކޮށް އަދަބު ދިނުމަށް އިޒުރޭލުން ބޭނުންވާކަން ދައްކުވައިދޭ ނަމޫނާއެއް ކަމުގައެވެ.

އެހެން ނަމަވެސް މިއީ އެއްފަދަވެގެންވާ ވާހަކަތަކެއް ނޫނެވެ. ނުވަތަ ހަމައިގެ އެއްވެސް ޙުއްޖަތެއް ނެތް ވާހަކަތަކެކެވެ. އެވާހަކަތަކީ ސަބަބެއް ނެތް މަޝްވަރާތަކަކުން އިޒުރޭލުގެ ނުރަނގަޅު ނިޔަތްތަކަށް އަމަލީ ސިފަ ގެނައުމަށްޓަކައި މެދުވެރިކުރާ ކަމަކަށް ވެދާނެއެވެ.

އެހެން ނަމަވެސް ތަފްޞީލު ގޮތެއްގައި މިކަމަށް ބަލައިލަން ޖެހެނީ މިހާރު އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކުގެ މަޤުޞަދަށެވެ. އިޒުރޭލުން ގެންގުޅޭ ޒަމާންވީ އަޅުވެތިކުރުމުގެ ސިޔާސަތެވެ. އެހެން ނޫންނަމަ ޣައްޒާއަށް ޤައުމެއްގެ ސިފައިން އަރައިގަނެގެން ދެމުންދާ ޙަމަލާތައް ދޭތެރެ ދޭތެރެއިން މެދުކެނޑުމަށްފަހު އަނެއްކާވެސް އެނބުރި އައީ ކީއްވެގެން ހެއްޔެވެ. އަދި އިޒުރޭލުގެ ޙަމަލާތައް ފަލަޞްޠީނުގެ ނިކަމެތި ރައްޔިތުންނަށް އަމާޒުވެގެން މިދަނީ ކީއްވެގެން ހެއްޔެވެ. ރާވައިގެން ދުވަސް ދުވަސްކޮޅުން ކޮންމެވެސް ރޭވުމެއްގެ ތެރެއިން ކުރާ މިކަންތައްތައް އަނބުރައި އަންނަތަން މި ފެންނަނީ ކީއްވެ ހެއްޔެވެ؟

އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ވައަތު ބަނޑުފިލައިގާ މަދަނީ އަދި ޚާރިޖީ ސިޔާސަތުތަކުގެ އެތައް މައްސަލަތަކެއް ހުރިނަމަވެސް، ޖޯ ބައިޑެންގެ ސަރުކާރު ވެއްޓިގެން ދިޔައީ އެމެރިކާގެ ޢާންމު ފޯމިއުލާއަށެވެ. ޕްރޮގްރާމް ކޮށްފައިވާ ބަހުރުވައިގެ ތެރެއިން އިޒުރޭލަށް ދިފާޢުވުމުގެ ޙައްޤު އޮތް ކަމަށް ބުނީއެވެ. ފަލަޞްޠީނުން ޝަހީދުވެގެންދިޔަ ރައްޔިތުންގެ ނަން ގަތުމަށް ނުކުޅެދިގެން ވަޑައިގެންހުންނެވި ޙާލު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޖޯ ބައިޑެން ވިދާޅުވީ ފާހަގަކޮށްލެވޭފަދަ ގޮތަކަށް ކަހާތަން ހިރުވާވަރު އިޒުރޭލުން ދައްކައިފައިނުވާހެން ހީފުޅުވާ ކަމަށެވެ. މިގޮތަށް ވިދާޅުވެ އިޒުރޭލަށް ދެއްވީ ފަލަޞްޠީނަށް ބޮންއެޅުން އިތުރުކުރާނެ ފެހި ސިގުނަލުތަކެކެވެ.

ވައިޓްހައުސްއޮތީ ބައިޑެން އިޒުރޭލަށް ކުރައްވާ ތާއީދުގެ މައްޗަށް އަލިއަޅުވައިލުމަށް އަވަސްވެގެންފައެވެ. އެކަމުގެ ސަބަބުން އުފެދޭ ސުވާލުތަކުގެ ތެރޭގައި ކުޑަކޮށް ނަމަވެސް އެމެރިކާގެ ތާއީދު އިޒުރޭލާއި ދިމާއިން ކައްސައިލަފާނެ އެއްވެސް ކަމެއް އެކެރިކާއިން ކޮށްފާނެތޯ ވެއެވެ. މި ސުވާލަކީ ފަހަށް ރައްކާކޮށްފައި ބޭއްވުމަށްވުރެ ބޮޑަށް މިހާރު ކުރުން މުއާލާތްކަން ބޮޑު ސުވާލެކެވެ. ސަބަބަކީ ފަލަޞްތީނުގެ އެތައް ސަތޭކަ ބަޔަކު ޝަހީދުވެގެން ދިޔައިރު އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބަޔަށްވުރެ ގިނައީ ކުޑަކުދީންނެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިޒުރޭލުން ދެމުންދިޔަ ލާއިންސާނީ އަދި ޢުދުވާނީ ޙަމަލާތަކުގައެވެ.

ފަލަޞްޠީނުގެ ޙައްޤުގައި ވާހަކަ ދައްކާ ކަމަށް ދުނިޔޭގެ ހުރިހާ މީޑިއާއަކުން ދަނީ ދައްކަމުންނެވެ. ނަމަވެސް ހެއްލިގެންދަނީ އިޒުރޭލުގެ ރޭވުންތަކުގެ ތެރެއަށެވެ. ހުރިހާ ސަމާލުކަމެއް ދައްކަމުންދިޔައީ ޙަމާސްއިން އިޒުރޭލަށް ރޮކެޓުގެ ޙަމަލާތަކެއް ދޭންފެށި ވާހަކައެވެ. އެމީހުންގެ ބަހަނާއަކީ ހަމަ ޔަހޫދީންގެ ބަހަނާތަކެވެ. ރައްދު ޙަމަލާދިނުން ނޫން އެހެން ގޮތެއް އިޒުރޭލަށް ނެތީ ކަމުގައެވެ. އެއީ ކޮންމެ ޤައުމަކުންވެސް ކަންކުރާނެ ގޮތް ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނަނީ ތާރީޚަށް ބަލައިލިނަމަވެސް އިޒުރޭލު ސިފައިންނަކީ މަދަނީންގެ ފުރާނައަކަށް ބެލުމެއްނެތި އަރައިގަތުމުގައި އިސްވެ ތިބި ބައެއް ކަމުގައެވެ. އިންޞާފެއްނެތި މީހުން މަރާ ބައެއްކަމަށް ހީވާގޮތަށްވެސް ބައެއް ފަހަރު ވާހަކަ ދައްކައެވެ. ނަމަވެސް މިފަހަރުގެ ޙަމަލާއައި ގޮތުގެ އެއްވެސް ތަފްޞީލެއްދޭން ނޭނގޭކަން ފާހަގަކުރެވިފައިވެއެވެ.

މިހުރިހާކަމެއް މިހާރު މި ހިނަގަނީ ކީއްވެހެއްޔެވެ. ހަމަ ވައިބަންދު ގޮޅިއެއްގެ ތެރޭގައި އޮވެގެން ހަނގުރާމަތަކާއި ޤަވާޢިދާއި އިންޞާފުންބޭރު ޢަމަލުތަކެއް ނުހިނގާނެއެވެ. އެފަދަ ކަންކަމަކީ އަހަރުތަކާއި ޒަމާންތަކުން ފެށިގެން އައިސްފައިވާ ޢަމަލުތަކަކާއި ރައްދުތަކެއްގެ ނަތީޖާއެވެ.

މިފަދަ ވާހަތަކުގެ ތެރެއިން އުފެދޭ އެހެން ސުވާލުތައްވެސް ވެއެވެ. އަދި މިފަދަ ސުވާލުތައް އުފައްދާ މީހުންނަކީ ޙަމާސް ޖަމާޢަތުގެ ޢަމަލުތަކަށް ތާއީދުކުރާ ނުވަތަ އެއީ އިންޞާފުކަމުގައި ދެކޭ މީހުންކަމުގައި ބަލައި އެމީހުނާއި ދިމާއަށް ފާޑުކިޔުން އަމާޒުވާ މީހުނެވެ.

ނަމަވެސް މިއީ އެއްދޮނުގައި ދެބުޅިޖެހުންފަދަ ކަމެއް ކަމަށް ވެދާނެއެވެ. އެއިގެ ތެރެއިން އެއްކަމަކީ ޙަމާސްއަކީ އެމެރިކާއިން ޓެރަރިސްޓު ޖަމާޢަތެއްކަމަށް ކަނޑައަޅައިފައިވާ ބައެކެވެ. ބައެއް މީހުނަށް އެއީ ހަމަ ތެދެކެވެ. އަދި އެމެރިކާގެ މި ކަނޑައެޅުން އުވައިލެވޭނެވަރުގެ ބައެއް ތިބި ކަމަކަށް ނުވެއެވެ. އެމީހުން ދެކޭ ގޮތުގައި ޙަމާސްގެ ރޮކެޓުތަކަކީ އިޒުރޭލުގެ މަދަނީން ބިރުގަންނަވަން ފަރުމާކޮށްފައިވާ އެއްޗެއް ކަމުގައެވެ. އެއީ އެއިން ރޮކެޓެއް ސްކޫލަކަށް ނުވަތަ ހޮސްޕިޓަލަކަށް ވެއްޓިދާނެއެވެ. ނުވަތަ އެއްވެސް ތަނަކަށް ނުވެއްޓި ރަށުތެރެއަށްވެސް ވެއްޓިދާނެއެވެ. އެހެންވީމާ މިކަން ސާފު ނުވެ އޮތުމަކީ ޙަމާސްގެ ވަރުގަދަކަމާއި ސާބިތުކަންވެސް ފެންނަ ކަމެއް ކަމަށް އެމީހުން ބުނއުޅެއެވެ. ހިއުމަން ރައިޓްސް ވޮޗްއިން ބުނެފައިވަނީ މިއީ ހަނގުރާމައިގެ ކުށްތަކެއް ކަމުގައެވެ.

ދެވަނަ ކަމަކީ މިހާރު ޣައްޒާގައި އިޒުރޭލުން ދެމުންދާ ލާއިންސާނީ ޙަމަލާތަކަކީ އިޒުރޭލުން ފަލަޞްޠީނުގެ ބިންތައް ހިފުމަށް އެމީހުން ކުރާ މަސައްކަތުގެ ބައެކެވެ. މިއީ އެމީހުން ތާއަބަދު ކުރަން ބޭނުންވެފައިވާ ކަމެކެވެ. މުޅި ޣައްޒާއާއި ހުޅަނގު އައްސޭރި އަދި އަލްޤުދުސަކީ އެމީހުންގެ މިލްކަކަށް ހަދަން ކުރާ މަސައްކަތްތަކެވެ. އިޒުރޭލަށް ލިބޭ ކޮންމެ ފުރުޞަތެއްގައި ޣައިރު ޤާނޫނީ ބާރު ދެކުންނޫން އެހެން ކަމެއް ނެތެވެ.

ތަޅައިފޮޅުމާއި ޓެރަރިޒަމް ހުއްޓުވުމަކީ ކޮބައިތޯއެވެ؟ މުސްތަޤުބަލުގައި އެފަދަ ކަންކަން ހުއްޓުވަން ބޭނުންނަމަ ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެފަދަ ކަންކަން މެދުވެރިކުރުވާ ސަބަބު ހޯދަން ޖެހެއެވެ. މިއީ މިފަދަ ކަންކަމަށް ވާގިދިނުމަށް އުފައްދާ ސުވާލެއް ނޫނެވެ.

އެމެރިކާއަށް ސެޕްޓެމްބަރު 11 ގެ ޙަމަލާ ދިނުމާއި ގުޅިގެން މިއީ ކިހިނެއްވެގެން ހިނގައިދިޔަ ކަމެއްތޯ ޓެރަރިޒަމްގެ ނުބައި ކަމާމެދު ލަދުވެތިވާ މީހުންވެސް ސުވާލު އުފެއްދިއެވެ. ޢިލްމުވެރީންނާއި ދިރާސާކުރާ ފަރާތްތަކުންވެސް އެމެރިކާއަށް އެފަދަ ހަމަލާއެއް ދިން ގޮތަކާއިމެދު ހައިރާންވެވަޑައި ނުގަނޭތޯއެވެ؟ އެހެން ނަމަވެސް އެ ޢަމަލު ހިނގީ އެމެރިކާގައި ކަމަށްވުމާއިއެކު އެކަން ދެނެގަނެ އެކަމަށް ޙައްލު ހޯދުމަށް އެމެރިކާއިން މަސައްކަތް ފެށިއެވެ.

ވިސްނަވައިލައްވާށެވެ. ކަމެއްގެ މޫ އޮތްގޮތާއިމެދު ދެކެވުނު ވާހަކަތަކާއިމެދު ފިކުރު ކޮށްލައްވާށެވެ. ސެޕްޓެމްބަރު 11 ގެ ޙަމަލާއަށްފަހު އެއިރު އެމެރިކާގެ ރައީސްކަމުގައި ހުންނެވި ޖޯރޖް ޑަބްލިޔު ބުޝްގެ ސަރުކާރުން ބުނީ ކީކޭތޯއެވެ. ބުޝްއާއި އޭނާގެ އެންމެ އިސް މުސްތަޝާރުން ވިދާޅުވީ ރައްޔިތުންތަކަކަށް އަމާންކަން ގެއްލިއްޖެނަމަ އެމީހުންގެ މެދުގައި ހަމަނުޖެހުމާއި ހަލަބޮލިކަން އުފެދި އަނިޔާވެރިކަމަށްވެސް މަގުފަހިވެގެން ހިނގައިދާނެއެވެ. އެއީ އެމީހުންގެ ހިތާމަތަކާއި ވޭންތައް ބިނާކުރަނިވި ގޮތެއްގައި ހާމަނުކުރެވޭ ޙާލަތަށް ދިއުމުންކަމަށް ވިދާޅުވެފައިވެއެވެ.

ކަން މިހެން އޮތް ނަމަވެސް ސެޕްޓެމްބަރު 11 ގެ ޙާދިސާ ހިނގައި ދިޔައީ މިނިވަންކަން އޮވެމެ ޢަރަބީންގެ ސަބަބުން ނޫންކަމަށް ލިޔުންތަކުން ފެންނާން އެބަހުއްތެވެ. އޭގެ ބަދަލުގައި އެއީ މެދުއިރުމަތީގެ ސިޔާސީ މަސްރަޙާއިހެދި އުފެދެމުންދިޔަ ރުޅިވެރިކަމަކުން އެކަންޏެއްވެސް ނޫނެވެ. ނަމަވެސް މެދުއިރުމައްޗަށް ވަދެގެންދިޔަ ކަޅު ނުފޫޒުތަކާއި ޚާރިޖީ ސިޔާސަތުތަކާއި ދަހިވެތިކަމެވެ. އެކަމުގެ ސަބަބުން ރުޅިވެރިކަން ނަފްރަތަށް ބަދަލުވެ ޙަސަދަވެރިކަން އިތުރުވެގެން ދިޔައީއެވެ.

މިކަމަށް ދާއިމީ ޙައްލެއް ހޯދުމުގެ ނަމުގައި ދެން ފެނުނީ ޑިމޮކްރެޓިކް އިޞްލާޙުތަކާއި ސިޔާސީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތް ފެށިތަނެވެ. ނަމަވެސް މާގިނަ ދުވަހެއްނުވެ އިސްލާމިކް ސްޓޭޓްގެ ނަމުގައި ބަޔަކު ނިކުމެ މުޅި ވެށި ތަޣައްޔަރު ކުރިތަން ފެނިގެންދިޔައީ ކީއްވެތޯ އެއްވެސް ފަރާތަކުން ސުވާލެއް ނުކުރެއެވެ. އެމީހުން މުޅި ދުނިޔެއަށް ބިރުވެރިކަން ފެތުރި ކަމަށް ވާހަކަ ދެކެވެމުންދާއިރު އިޒުރޭލުން މުޅި ޢަރަބި ދުނިޔެއަށް ބިރަކަށް ވެފައިވާކަން ހަނދާން ނައްތައިލައިގެންނެވެ.

މިހާރު ޣައްޒާގެ ޙާލަތަށް ބަލާއިރު އެއްވެސް ބަޔަކު ޙަމާސްގެ ކަންބޮޑުވުންތަކާއި ހިތާމަތަކަށް ބަލައެއް ނުލައެވެ. އަދި އެއީ ކޮންމެހެން ކުރަންވެސް ޖެހޭ ކަމެއްނޫނެވެ. އަދި ޙަމާސް ޖަމާޢަތް އުފެދިގެން އައީ ކިހިނެއްކަމާއި މިހާރު ޙަމާސް ޖަމާއަތުން އެއްވެސް ކަމެއް ކުރޭތޯ ބަލާނެ ވަގުތެއްވެސް ނެތެވެ. ނަމަވެސް ފަލަޞްޠީނުގެ ރައްޔިތުން އިޒުރޭލާއި ދެކޮޅުވެރިކަން ފާޅުކުރީ ކިހައި ހިސާބަކުންތޯއާއި ޙަމާސް އުފެދުނީ ކީއްވެތޯ ސުވާލު ކުރަންވެސް ޖެހެއެވެ.

ޙަމާސްގެ ޢަމަލުތަކަކީ ސިއްރުން ހިނގާ ކަންކަމެއްނޫނެވެ. ފާޅުގައި އިޒުރޭލާއި ދެކޮޅުވެރިކަމަށް ބުނަމުންދަނީއެވެ. އަދި އެމީހުންނަށް ލިބޭ ކޮންމެ ވަގުތެއް އެއީ އިޒުރޭލާއި ދެކޮޅަށް ތެދުވާނެ ފުރުޞަތެއްކަމުގައި ދެކެއެވެ. އިޒުރޭލުގެ ކޮންމެ އަނިޔާވެރި ޢަމަލަކާއި އެކު އެމީހުން ފެންނަނީ އިޒުރޭލުގެ ތެރެއަށް ރޮކެޓެއް ފޮނުވައިލާތަނެވެ. ނަމަވެސް މިކަމަކީ އިޒުރޭލުގެ ޢަސްކަރީ ބާރުގެ އަނިޔާވެރިކަން ފަލަޞްޠީނުގެ ނިކަމެތި ރައްޔިތުންގެ މައްޗަށް ފާވެގަންނަ ކަމަކަށް ވެގެންދެއެވެ. އަދި އިޒުރޭލުން މިފަދަ ކޮންމެ ވަގުތެއްގައި ކަމާއި ނުބެހޭ އެތައް ބަޔަކު ޝަހީދުކޮށް ފަލަޞްޠީނުގެ ރައްޔިތުންގެ ވަޒަންތަށް އަޅުވެތިކުރެއެވެ. އެމީހުންގެ މުދަލާއި ގެދޮރު ހަލާކު ކުރެއެވެ.

ނިޔުޔޯރކް ޓައިމްސްއިން ރިޕޯރޓު ކޮށްފައިވާ ގޮތުގައި ހަމަނުޖެހުން ފެށުނީ ފާއިތުވެދިޔަ ހަފްތާގެ ހޯމަދުވަހު ބަރުހަތިޔާރާއިއެކު އަލްޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާ މިސްކިތަށް އިޒުރޭލު ފުލުހުން ވަދެގަތް ހިސާބުންނެވެ. ދިރާސކުރާ ފަރާތްތަކުންވެސް ޓްވިޓަރ އާއި އިންސްޓަގްރާމާއި ފޭސްބުކުން ކަންހިގައިދިޔަ ގޮތާއި މަންޒަރުތައް ވަގުތުން ބަލަމުން ގެންދެވިއެވެ. އޭގެފަހުން ކަންވެގެން ދިޔަ ގޮތްވެސް ސޯޝަލް މީޑިއާގައި ދިޔައީ ދައުރުވަމުންނެވެ. ނަމަވެސް ދޭތެރެދޭތެރެއިން ބައެއް މަންޒަރުތަކާއި އަޑުތައް ސެންސަރުވެގެން ދިޔަތަންވެސް ފެނިގެން ގޮސްފައިވެއެވެ. ނާޒުކު ކަންތައްތަކެއް ހުރެގެން ކަމަށް ބުނެފައެވެ. އަދި މިހާރު ގޫގުލްއިން ދުނިޔެ ފެންނަ ޗާރޓުގައި ޣައްޒާ ފެންނަނީ ފުސްކޮންނެވެ. އެއީ ކީއްވެގެން ކަމެއް އެއްވެސް ބަޔަކު ހާމަކޮށްފައެއް ނުވެއެވެ.

ފަލަޞްޠީނާއި އިޒުރޭލާއި ދެމެދު ނުތަނަވަސްކަން ބޮޑުވަމުން އައިސްފައިވަނީ މިއަދަކު އިއްޔެއަކު އެކަންޏެއް ނޫނެވެ. އެކަން ހިނގާތާ ޒަމާންތަކެއް ވެއްޖެއެވެ. ބަޔަކު ދިރިއުޅެމުންދިޔަ ބިމެއްގައި ޤައުމެއް އުފައްދައި އިން ވަކިކޮށް ޣައިރު ދީނެއްގެ ބަޔަކަށް ވަކި ދީނެއްގެ މިލްކަކަށް ފަލަޞްޠީނުގެ ބިމުން ބައެއް ދިން ހިސާބުން މުޅި ބިމަކީ އެމީހުންގެ ތަނަކަށް ހަދަން މަސައްކަތް ފެށީއެވެ. ނަމަވެސް މިފަހަރުގެ ނުތަނަވަސްކަން ބޮޑުވެގެންދިޔަ ހިސާބަކީ އިރުމަތީ ޤުދުސްގެ ރަށްބޭރުގައި އޮންނަ ޝައިޚް ޖައްރާޙުގައި ތިބި ފަލަޞްޠީނުގެ ޢާއިލާތަކެއް ގެދޮރުން ބޭރުކޮށްލާނެކަމުގެ އިންޒާރު އިޒުރޭލުންދިން ހިސާބުންނެވެ. އިޒުރޭލުން ބިރު ދެއްކުމާއި އަނިޔާވެރިކަން ބޮޑުވި ހިސާބުން އެ ސަރަޙައްދުގައި ފެށުނު ކުޑަކުޑަ އިޙުތިޖާޖެއް ބޮޑުވެގެން ދިޔައީއެވެ. ނަމަވެސް މިއިން ކަމެއްގެ ވާހަކަ ފާޅުގޮތެއްގައި އެއްވެސް ބަޔަކަށް ދައްކާކަށް ނުކެރުނެވެ.

ޝައިޚް ޖައްރާޙަކީ ކޮންތަނެއްތޯއެވެ؟ އެތަން މާ މުހިންމުވެގެން މިއުޅެނީ ކީއްވެތޯއެވެ. އަދި އެތަނުން ފަލަޞްޠީނުގެ ރައްޔިތުން ނެރެ ބޭރުކުރަން އިޒުރޭލުން އުޅެނީ ކީއްވެގެންތޯއެވެ؟ އެމީހުންގެ ވަޒަނުން އެމީހުން ބޭރުކުރަން ބަޔަކު ނިކުމެ މުޅި ފަލަޞްޠީނު ބިރުވެރިތަނަކަށް ހަދަން މިއުޅެނީ ކީއްވެގެންތޯއެވެ؟

މި ސުވާލުތަކުގެ ޖަވާބު ވަރަށް ސާފެވެ. އެ ބިމަކީ ނުވަތަ ޝައިޚް ޖައްރާޙަކީ އިޒުރޭލުން ޔަހޫދީން ވަޒަންވެރި ކުރުވަންފެށި ފަލަޞްޠީނުގެ އަވަށެކެވެ. އަދި އެ ބިމުގައި ޔަހޫދީންނަށް އަޅައިދިން ގެދޮރުތައް މަދުވެގެން އިތުރު ގެދޮރު އަޅާނެ ޖާގަ ހޯދުމަށްޓަކައި އެބިމިގެ އަހުލުވެރީން ބޭރުކުރަނީއެވެ. އަދި މި ބިމަކީ އިޒުރޭލުން އިރުމަތީ ޤުދުސް ނުވަތަ ހިފައިފައިވާ ފަލަޞްޠީނުގެ ބިން އިޒުރޭލުގެ ފުރިހަމަ ބާރުގެ ދަށަށް ގެނެވެން އޮތް މަގެވެ. އެހެންވީމާ އެބިމުން އެތާނގެ ވަޒަންވެރީން ބޭރުކޮށް އިޒުރޭލުގެ އަތްދަށުލުމަށް ފެށި މަސައްކަތުގެ ނަތީޖާއަކަށްވީ ފަލަޞްޠީނުގެ ރައްޔިތުން ކުރަންފެށި މުޒާހަރާތަކަށް އިޒުރޭލު ސިފައިން ޙަމަލާތައް ދޭން ފެށުމެވެ. އެހެން ނަމަވެސް ޙަމާސްއިން އިޒުރޭލަށް ޙަމަލާދިންކަމަށްބުނެ ބަހަނާއެއް ދައްކައިގެންނެވެ.

ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަކީ ބައިނަލްއަޤުވާމީ މުޖުތަމަޢާއި މުސްލިމް ދައުލަތްތަކުންވެސް މުހިންމު ސަމާލުކަމެއްދޭ ކަންކަމަށް ބުނެއެވެ. ނަމަވެސް މާބޮޑު ކަމެއް ނުކޮށް އަނގަބަހުން އިޒުރޭލުގެ ޢުދުވާނީ ޢަމަލުތައް ކުށްވެރިކޮށްލައިގެން ތިބެނީއެވެ. ނަމަވެސް ފަލަޞްޠީނުގެ ރައްޔިތުންގެ އުއްމީދުތަކަށް މުހިންމު ސަމާލުކަމެއް ދޭންޖެހެއެވެ. އެކަމަކު އެންމެ ބޮޑު ސަމާލުކަމެ އްދީފައިވަނީ އިޒުރޭލަށް ދިފާޢުވުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ. އިޒުރޭލުން ހަތިޔާރެއްނެތް ބައެއްގެ ބޮލަށް ބޮންއަޅަމުން ގެންދަނީއެވެ. އިޒުރޭލުން އަރައިގަނެ ޤައިރު ޤާނޫނީ ގޮތުން ހިފައިފައިވާ ބިންތަކެއް ފެންނަ ބަޔަކު ނެތެވެ. އަދި އިޒުރޭލުން ބައެއްގެ ބިން ހިފައިގެން ތިބިކަން އިހުސާސެއްވެސް ނުކުރެއެވެ. އެބޮޑު ނުބައި ޢަމަލާއި އެކުވެސް ތިމާމެންގެ ދިފާޢީ ޙައްޤު އޮތް ކަމަށް ބުނެ އެކަމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުވެސް ބައިވެރި ކުރުވަނީއެވެ.

ޙަޤީޤަތަކީ ކޮބައިތޯއެވެ. އަނިޔާ ލިބެމުންދަނީ ފަލަޞްޠީނަށާއި ފަލަޞްޠީނުގެ ރައްޔިތުންނަށެވެ. އަނިޔާވެރީންނަކީ އިޒުރޭލާއި އިޒުރޭލުގެ ވެރީންނެވެ. އިޒުރޭލަށް މިއިން ކަމެއް ނުފެނި އަނެއްފަރާތް އޮތީ ކޮންޙާލެއްގައި ކަން ނޭނގޭ ކަމަކު ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެކަން ނޭނގެންވީ ސަބަބެއް ނެތެވެ. ނަހަމަ އާއި ބޭއިންޞާފު ފާހަގަ ނުވާނަމަ ޢަދުލުވެރިކަމެއް އޮންނާނީ ކޮން ހިސާބެއްގައި ބާވައެވެ. މިއީ ހަމައެކަނި ބުނެލާ ބަހަކަށް އޮންނާނެ ކަމެއް ނޫނެވެ.

އެމެރިކާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ފަލަޞްޠީނުގެ ރައްޔިތުންނަށް އަބުރުވެރިކަމާއި އެކު ދިރިއުޅުމުގެ ޙައްޤު ލިބިގެންވާކަމަށް ބުނި ނަމަވެސް ޒަމާނީ ހަތިޔާރާއި އެކު އޮތް ޤައުމަކުން އެއްވެސް އާރެއް ބާރެއްނެތް ބައެއްގެ މައްޗަށް އަނިޔާވެރިވެ ގަންނަކަން ދަންނަ ކަމަކަށް ނުވެއެވެ. މި ނަހަމަކަން ދަންނަން ޖެހޭނެއެވެ. އަދި ނަހަމަކަމާއި ބާރާއި އާރުގެ ޤާބިލްކަން ދައްކަމުން ދިއުމަކީ ޞުލްޙައަށް އޮތް އެންމެ ބޮޑު ހުރަހެވެ. ނުވަތަ ޞުލްޙަ ނުގެނެވޭނެކަމުގެ ހެތްކެވެ. ހަމަ އެއާއި އެކު ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ޣައިރު ޙާޒިރާއި އެކު އެންމެ ބާރުގަދަ ޤައުމުން އަނިޔާ ލިބެމުންދާ މީހުނާއި މެދު އިންޞާފުގެ ނަޒަރަކުން ބަލައި ނުލުން ޞުލްޙައިގެ މަގުން ބައްދަންހުރި ބާގަނޑުތައް ފުޅާކޮށް ދުރުކުރެއެވެ.

މިހާރު ބައިޑެންގެ ސަރުކާރުން ދައްކަނީ ފާއިތުވެދިޔަ 50 އަހަރަށްވުރެ ދިގު މާޒީއަކީ ނުވެސް ނެތް އެއްޗެއްކަމަށް ހީވާކަހަލަ ގޮތަކަށެވެ. އަދި ފަލަޞްޠީނަށް ހަމަޖެހުމާއި މައިތިރިކަން އަންނާނީ ހަނގުރާމަ ހުއްޓައިލުމުން ކަމަށް ބުނެވެސް ތަކުރާރު ކުރަމުން ގެންދަނީ އޭނާގެ ކުރީގެ ވެރީން ކޮށްފައިވާ ކުށްތަކެވެ. އެހެން ނަމަވެސް އިންޞާފާއި ޢަދުލްވެރިކަމުގެ ބިންގަލެއްނެތި އަދި ފަލަޞްޠީނުގެ ރައްޔިތުންގެ ޤައުމީ އުއްމީދުތައް ފުނޑުފުޑުކޮށްލައިގެން ގެނެވޭނީ ކޮން ޞުލްޙައެއް ހެއްޔެވެ؟ އެކަންކަމަށް ވަކާލާތުކޮށް ރަހީނުކޮށް ޙިޞާރުކޮށްފައިވާ ބިންތައް ދޫކޮށްލައިގެންމެނުވީ ހަމަޖެހުން ގެނެވޭ ބާވައެވެ.